މައިނޯރިޓީގެ އަޑު ކަނޑުވާލަން މަޖިލީހުގެ ރިޔާސަތުން ދަނީ މަސައްކަތް ކުރަމުން: ޕީޕީއެމް

ފޮޓޯ: ޕީޕީއެމް

މަޖިލީހުގެ ރިޔާސަތުން ތަކުރާރުކޮށް މައިނޯރިޓީގެ އަޑު ކަނޑުވާލައި މަސައްކަތްތަކަށް ހުރަސް އަޅާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އެމްޑީޕީ ދެބައިވެއްޖެ ހާލަތެއް އައިސް، މަޖިލިސް ރައީސް ވަކިކުރުމުގެ ފުރުސަތު ލިބިއްޖެނަމަ އެންމެ މިނިޓެއް ވެސް ނުތިބޭނަން ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ އެތެރޭގައި މައްސަލަތަކެއް އުފެދިފައިވީ ނަމަވެސް އިސްލާމް ދީނާ ޚިލާފު އަދި މުންކަރާތް ހިމެނޭ ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދުގެ ފެކްޝަން އެއްގަލަކަށް އަރާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި އެތައް ފާސިގު ކަންތައްތަކެއް މި ސަރުކާރުން ކުރަމުންދާތީ ކަންބޮޑުވުންތައް މަޖިލީހަށް ހުށަހެޅުމުން އެ އިދާރާއިން ވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ނުދޭ ކަމަށެވެ.

"މި ސަރުކާރަކީ ފާސިދު ސަރުކާރަކަށް ވެގެންދާއިރު ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި މާތްﷲ އަށް ބިރުވެތިވާ ހާލު ކޮންމެ މެންބަރަކު ވެސް މަޖިލީހުގައިވެސް އަޑުއުފުލަންޖެހޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވާފައި މިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެއް ޖިންސުން ގުޅުން ހިންގާ އަދި ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތަކާ ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ޖަލްސާ އަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ނުބެލޭނެ ކަމަށް ނަޝީދު ނިންމެވުމާއި ގުޅިގެންނެވެ.

އެކަމުގެ ސަބަބުން އިދިކޮޅު މެމްބަރުން ވަނީ ތަޅުމުގައި އިހުތިޖާޖު ކުރުމަށް ފަހު، ޖަލްސާ ބޮއިކޮޓް ކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.