ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޓެސްޓް ކުރެއްވުމަށް ސާމްޕަލް ނަގައިފިއެވެ.
އެމަނިކުފާނުގެ ސާމްޕަލް ނެގީ އެބަލީގެ އެއްވެސް އަލާމާތެއް ފެނިގަނެއް ނޫނެވެ. އެހެންމަވެސް އެމަނިކުފާނު ވަނީ މިމަހު 11 އިން 14 އަށް އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވައިފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ މިމަހު 14 އިން 19 އާއެދެމެދު އިނގިރޭސިވިލާތަށް ދަތުރު ކުރެއްވި އެންމެން ޓެސްޓް ހެދުމަށް ނިންމަވައި އެކަން އިއުލާން ކުރައްވައިފައެވެ. އެ މުއްދަތުގައި އެގައުމުން ވަނީ 50 އަށްވުރެ ގިނަ މީހުން ރާއްޖެއައސްފައެވެ. ރައިސް ނަޝީދު ވެސް ހިމެނިވަޑައިގަންނަވަނީ އެމީހުންގެ ތެރޭގައެވެ. އެ މީހުންގެ އިތުރުން އެމީހުންނާ ދިމާވެފައވާ މީހުން ހޯދައި ޓެސްޓް ކުރުމަށް ވެސް އެޗުޕީއޭއިން ވަނީ ނިންމަވައިފައެވެ.
ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއްގައެވެ. އެމަނިކުފާނު އެގައުމަށް ވަޑައިގެންނެވި އިރު ރާއްޖެއާއި އިންގިރޭސީވިލާތާ ދެމެދު ދަތުރު ކުރުން މަނާ ނުކުރެއެވެ. އެހެންމަވެސް އެމަނިކުފާނުގެ ސާމްޕަލް ނަގަން ނިންމެވުމުން އެކަމަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް 14 މާރިޗުން ފެށިގެން ޔޫކޭއިން ރާއްޖެއަށް އައި މީހުން ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރަން އެޗުޕީއާއި ޑޮކްޓަރުން ނިންމެވީ ކޮން ސައިންޓިފިކް ރޭޝަނަލްއެއް ގެ މައްޗަށް ބިނާ ކޮފައިތޯ އެމަނިކުފާނު ވަނީ ސުވާލު ކުރައްވައިފައެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވާ މީހުންގެ ތެރެއިން މިހާތަނަށް ވަނީ ޖުމްލަ 4 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ. އެހެންވެ އެޗުޕީއޭއިން ވަނީ ދެ ގައުމުގެ ދެމެދުގައި ދަތުރު ކުރުން މަނާ ކުރުމުގެ ކރިން ރާއްޖެއަށް އައިސްފައިވާ މީހުންނާއި އެމީހުންނާއި ދިމާވެ ބައްދަލުވެފައިވާ މީހުން ހޯދައި ޓެސްޓް ކުރަން ފަށައިފައެވެ.
ސަރުކާރުން މިހާރު ގެންދަވަނީ ރާއްޖެއިން ބޭރުން އަންނަ އެންމެން ކަރަންޓީނު ކުރުމަށް ނިންމަވައި އެކަން ތަންފީޒު ކުރައްވަން ފަށްޓަވައިފައެވެ.