މިއަދު މާލޭގައި ކުރިއަށް ގެންދަން މަސައްކަތް ކުރި ސައިކަލް ބުރު ހުއްޓުވައި 41 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މީހުންނަކީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް އެއްވުމާ ގުޅިގެން ހައްޔަރުކުރި ބައެއް ކަމަށެވެ.
ޒުވާނުންތަކެއް މާލޭގައި ސައިކަލް ބުރެއް ބާއްވައިފައިވަނީ ޑިރެކްޓަރޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ އެނގުންތަކާ ޚިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ ފަފާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދެއްވައިފައި ވަނިކޮށެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް އެޗްޕީއޭ އިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވައިއެވެ.
ބައެއް މީޑިއާ ތަކުން ރިޕޯރޓްކޮށްފައިވާ ގޮތުގައި ސައިކަލް ބުރުތައް ފެށުމުގެ ކުރިން ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ. ސައިކަލް ބުރަށް ފުލުހުން ހުރަސް އެޅުމުން އެކި ސަރަޙައްދުތަކުން ޒުވާނުން ނުކުމެ ވަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފައެވެ.
އިދޮކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވަނީ ހައްޔަރު ކުރި ޒުވާނުން ދޫކޮށްލުމަށް ގޮވާލައިފައެވެ. ކުރިން އިދިކޮޅުން ވެސް ވަނީ އެޗްޕީއޭގެ އުޞޫލުތަކާ ޚިލާފަށް މަގުމަތީގައި ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ޙަރަކާތްތަކާ ގުޅިގެން އެކޯލިޝަންގެ އިސްބައެއް ބޭފުޅުނާމެދު ވަނީ ޤާނޫނީ ފިޔަވަޅު އަޅައި ޖުރިމަނާވެސް ކޮށްފައެވެ.