އުއްމީދު - 8

(16 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ކާވެނީގެ ހުރިހައި ކަމެއް ހަމަޖެހި ނިމުނު ފަހުން ފިރިހެންކުއްޖާ ކާވެންޏަށް އިންކާރުކުރި ކުއްޖާއަކީ މިއީ ދޯ؟ އެއީވެސް ކާވެންޏަށް އެންމެ ދެ ހަފުތާއަށް ވީފަހުން. އެ ފަކީރަށް ޖެހުނު ހާލު ނިކަން ދެކިބަލަ. ފިރިހެންކުއްޖާ އިންކާރު ކުރީ ކީއްވެގެންބާ؟ އަންހެންކުއްޖާއާ ބެހޭ ވިޔާނުދާ ކަމެއްގެ ވާހަކަ އެނގުނީ ކަމަށްވެސް ވެދާނެ. އެހެންތާ ވާނީވެސް... ދަނާލުގައި އުޅޭތާ މިހާރު ކިތައް އަހަރު. އަހަރެން ގާތު މީހަކު ބުނީ އެންގޭޖްމަންޓަށްވެސް އެތައް އަހަރެއް ވިއޭ. އެ ފިރިހެންކުއްޖާ ވަރަށް ރީތި. މިތަނަށް ދެތިން ފަހަރަކު އައި. އެ ކުއްޖާ ކިޔެވީވެސް ވިލާތުން. މި ކަންކަން އެނގުނީމާ އަހަރެން ވަރަށް ދެރަވި. އެ މަންޖެއަށް އެ ލިބުނީ ކިހައި ބޮޑު ލަނޑެއް. އަހަރެމެންނަކަށް ހަގީގަތެއް ނޭނގޭނެ. އަންހެންކުއްޖާގެ ކިބައިގައި ވަރަށް ބޮޑު އުނިކަމެއް ހުރީ ކަމަށްވެސް ވެދާނެ. އެހެން ނޫނީ އެހައި ގިނަ ދުވަސްވެފައި ކާވެންޏަށް އިންކާރު ކުރަންވީ ކީއްވެގެން؟ އެއީވެސް ކާވެނީގެ ތާރީޚުވެސް ކަނޑައަޅައި ނިންމި ފަހުން. އެކަމަކު ބަލާބެލުމަކަށް އެކަހަލަ ވިޔާނުދާ ކުއްޖެއް ހެންނެއް ހިއެއް ނުވޭ. މޫނަށް ބަލައިފައެއް ނޭނގޭނެތާ ދޯ؟ ހަގީގަތް ދެނެވޮޑިގެން ވާނީ ﷲ. ދެން އެނގޭނީ އެކަމާ ކުރިމަތިލީ މީހަކަށް."

ވިދިގެން އައި އެތައް މަސްދުވަހެއްގެ މައިގަނޑު ވާހަކައިގެ މަވްޟޫއަކަށް ވެފައި އޮތީ އުއްމީދެވެ. ކާކޮޓަރިންވެސް އިވެނީ އެއް އަޑެކެވެ. ދަނާލުގައި އުޅޭ އަންހެން ކުއްޖަކާ ކައިރިވެލާ ވަގުތު އިވޭ އަޑަކީވެސް އެއީއެވެ. އެކަމަކު އެއިން އެއްވެސް ވާހަކައަކުން އޭނާއަކަށް އަސަރެއް ނުކުރެއެވެ. މަލާމާތުގެ ވާހަކައަކުން ބެލުމަކުން އޭނާގެ ގާތަކަށް ރުޅިއެއް ނާދެއެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކަށް އިޝާރާތް ކޮށްފައި އޭނާއާ ދިމާއަށް އެއްލާ ގާބުރިއަކުން އޭނާގެ ގަޔަކު ނުޖެހެއެވެ. މި ހުރިހައި ކަމެއްގެ ހަގީގީ އަމާޒުފަތްގަނޑަކީ އޭނާކަން އަދިވެސް ރޭކާނުލަނީ ކަމުގައިވެސް ވެދާނެއެވެ. ކުރީކޮޅު އޭނާއަށް ހުރިހައި ކަމެއް ފެނުނީ ހުވަފެނެއްގެ ސިފައިގައެވެ. ބިރުވެރި ހުވަފެނެއްގެ ސިފައިގައެވެ. އެކަމަކު އެއީ ހުވަފެނެއް ނޫނެވެ. ހުވަފެނެއް ކަމުގައި ހީވީ ކަންތައްތައް ހަގީގަތެއް ކަމަށް ގަބޫލު ކުރަން، ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުން އޭނާ ވަނީ ސިކުނޑީގެ ޚަލަލެއްގެ ތެރެއަށް ވެއްޓިފައެވެ. ދަނާލުގެ ކުދިންގެ ވާހަކައާއި އެމީހުންގެ ހުނުން އޭނާއަށް ފެންނަނީ އަޖައިބު ކުރުވަނިވި ކަންކަމުގެ ގޮތުގައެވެ. އޭނާ ކުޑައިރުއްސުރެ ފަސް ވަގުތު ނާޅައި ނަމާދު ކުރެއެވެ. މިހާރު މަޑުމަޑުން ނަމާދާ ދުރަށް ޖެހެން ފަށައިފިއެވެ. ނަމާދެއް ކުރާ ފަހަރަކުވެސް ކޮށް ނިމިގެން ދުޢާ ކުރުމުގެ ބަދަލުގައި ހިމޭނުން އިންނަނީއެވެ. ﷲ އަށް އެދި ދަންނަވާނީ ކޮން އެއްޗަކަށް ނުވަތަ ކޮން ކަމަކަށް ކަމެއް މިހާރަކު އޭނާއަކަށް ނުއެއް ވިސްނެއެވެ. ހަފުތާ ބަންދުގައި މަންމަޔާ ބައްދަލު ކުރަން ރާވަލްޕިންޑީއަށް ދިޔައީމާ ވާހަކަ ދައްކަމުން ގޮސް މަންމަ ރޮއިގަނެއެވެ. އޭނާ ހަމަ ހިމޭނުން މަންމަގެ މޫނަށް ބަލަހައްޓައިގެން އިންނަނީއެވެ. މަންމަގެ ހިތް ހަމަ ޖައްސައިދޭން ދައްކާނޭ ވާހަކައެއް އޭނާއަކަށް ނޭނގެއެވެ. މަންމަގެ ކަރުނަ ފޮހެލައި ދޭވޭ ވަރެއްވެސް ނުހުރެއެވެ. އޭނާ ދެކޮޅު ހެދީ ޖަހާންޒޭބްގެ ކޮން ޝަރުތަކަށްތޯ އޮޅުން ފިލުވަން މަންމަ މަސައްކަތް ކުރެއެވެ. މަންމަގެ އެއްވެސް ސުވާލަކަށް އޭނާ ޖަވާބެއް ނުދެއެވެ. ޚިޔާރު ކުރަނީ ހިމޭންކަމެވެ. އޭނާ ވަރަށް ބޮޑަށް ބަދަލު ވެއްޖެއެވެ. އެ ބަދަލުތަކެއް މަންމައަކަށް މާ ބޮޑަކަށް ފާހަގައެއް ނުކުރެވެއެވެ. މަންމައަށް ފާހަގަ ކުރެވެނީ ހަމައެކަނި އޭނާގެ ހިމޭންކަމެވެ.

ޢަޤީލާވެސް އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރެއެވެ. "ތިޔަހެން މަންމަނަކަށް ވެގެން އިނީމާ ތަކުލީފުތައް ލުއި ވޭތަ؟ ލުއި ވާނެތަ؟ ވެދިޔަ ކަންތައްތަކާ މެދު ވިސްނައި ހިތާމަ ކުރުމުގެ ބަދަލުގައި ހުރިހައި ކަމެއް ހަނދާން ނައްތައިލާފައި ދިރިއުޅުން އައު ފެށުމަކުން ފެށްޓޭތޯ މަސައްކަތް ކުރޭ. ކުރި ކަމެއް ނުކުރާ ކަމަކަށް ނުހެދޭނެ. އެކަމަކު ތިޔަ އަނދިރިކަމުގެ ތެރެއިން ނުކުމޭ. އަމިއްލަ ލޮލަށް އެންމެ ފަހަރަކުވެސް ބަލައިލިންތަ؟ މީގެ ކުރިން ތިޔަ ލޮލުގައި ވަރުގަދަ ވިދުވަރެއް ހުރޭ. ލާނެތްކަން ފާޅުވޭ. މިހާރު ތިޔަ ދެ ލޮލަށް ބަލައިލީމާ އަހަރެންވެސް ބިރު ގަނޭ. ލޮލުން ތިޔަ ފާޅުވާ ހިމޭންކަމާއި އުދާހުގެ ސަބަބުން އަހަރެން..."

އޭނާ ޢަޤީލާއާ ދިމާއަށް ބަލައިލަނީވެސް އެއްވެސް އަސަރެއް ނެތް ހުސް ނަޒަރަކުންނެވެ.

"ލޯތްބަކީ ކަނު އަނދިރިކަން ފެތުރިފައި އޮންނަ ޖަންގައްޔެއް ކަހަލަ އެއްޗެއް. އެތެރެއަށް ވަދެއްޖެއްޔާ ނުކުތަކަ ނުދޭނެ. އެތައް މަސައްކަތަކުން ނުކުމެވުނަސް އެ މީހަކު ހުންނާނީ ޖަންގަލީގެ އަނދިރިކަމަށް ހޭނިފައި. އެހެންވީމާ އަލިކަމުގެ ތެރޭގައިވެސް އެއްވެސް އެއްޗެއް ނުފެންނާނެ. ގަދަ އަލީގެ ތެރޭގައި ދިމާއަށް ފެންނާން ހުންނަ އެއްޗެހިވެސް ނުފެންނާނެ." އެ ދުވަހުވެސް ޢަޤީލާގެ އެތައް ނަސޭހަތަކަށް ފަހު އޭނާ ބުނީ މިހެންނެވެ.

"އަހަންނަކަށްވެސް މިހާރަކު އެއްވެސް އެއްޗެއް ނުފެނޭ. މި ހުރެވެނީ ޖަންގަލީގެ އެތެރޭގައި ކަމެއް ބޭރުގައި ކަމެއް ނޭނގޭ."

އޭނާ މޫނުމަތީގައި ރަޖާ އެޅިތަން ބަލަން އޮވެފައި ޢަޤީލާ ރަޖާގެ މަތީން ހަމްދަރުދީއާއެކު އޭނާގެ ބޮލުގައި ފިރުމައިލިއެވެ.

* * *

ހަތަރު އަހަރެއްހައި ދުވަސް ފާއިތު ވެގެން ހިނގައްޖެއެވެ. އޭނާގެ އަންހެން ކޮއްކޮ މީހަކާ އިނދެފިއެވެ. އެފްއެސްސީ ނިންމުމަށް ފަހު ކޮއްކޮ ޘާބިޤް ވަނީ ސިފައިންގެއަށެވެ. އަނެއް ކޮއްކޮ މުޢީން ވަނީ މޯބައިލް ފޯނު ކުންފުންޏެއްގެ ސޭލްސް އެގްޒެކެޓިވް އަކަށެވެ. އުއްމީދުގެ ބޮލުގައި އެޅިފައި އޮތް ޒިންމާ މަޑުމަޑުން ލުއިވަމުން ދާން ފަށައިފިއެވެ. އެޔާއެކު ހިމޭންކަމުގެ މަޅި އިހަށްވުރެ ބާރު ވެގެން ހިނގައްޖެއެވެ.

ޢަޤީލާ ކުދިންނާ ރައްޓެހި ވެފައި ރުޅިމުން ގެންދަނީއެވެ. ކޮންމެ ކުއްޖަކާ ރުޅިވެފައި ދެތިން ހަތަރު ދުވަހު ރޮއި ހިތާމަ ކުރެއެވެ. އެޔަށް ފަހު އަނެއްކާވެސް އައު ފުރަމިތުރަކު ހޯދުމުގެ މަސައްކަތް ފަށައިގަނެއެވެ. އެކަމަކު އުއްމީދުގެ ހޯދުމުގެ މަސައްކަތް އޮތީ ޖަހާންޒޭބާ ހަމައިން ހުއްޓި ނިމިފައެވެ. ޢަޤީލާ އަކީ ކުޑަ ސަހަރެއްގެ ކުއްޖެކެވެ. ލާހޯރުން ކިޔަވައި ނިމިގެން އޭނާ އެނބުރި ސަހަރަކަށް ނުދިޔައެވެ. އޭނާ އެނބުރި ނުގޮސް އުޅެނިކޮށް މައިންބަފައިންވެސް ނިޔައު ވެއްޖެއެވެ. އެއްބަނޑަށް ތިބި ފިރިހެން ދެބެއިން މީހުނާ އިނދެގެން އެހެން ގޭގެއަށް ގޮސް ދިރިއުޅޭން ފަށައިފިއެވެ. އެކަމަކު އޭނާ ދާއިމަށް ދިރިއުޅެން ގަސްތކުރީ ދަނާލުގައެވެ. ޢަޤީލާގެ ކަންތައް ހުންނަ ގޮތަށް ބަލައިފައި އުއްމީދުގެ ހިތަށް ބައެއް ފަހަރު އަރައެވެ. އުފާވެރި ދިރިއުޅުމަކަށްޓަކައި ގާތްތިމާގެ ކަމާއި އެހެން ގުޅުންތަކަކީ މުހިއްމު ކަމެއް ހެއްޔެވެ؟ ޢަޤީލާ މުޅި އުމުރު ދުވަސް އެ ހޭދަ ކުރަނީ ދަނާލުގައެވެ. އެހެންވީމާ އަހަންނަށްވެސް... އާނއެކެވެ. މިތާނގައި އުޅުމަކުން ވާނޭ ގެއްލުމަކީ ކޮބައި ހެއްޔެވެ؟ ގެއެއްގެ ބޭނުން ޖެހެނީ އުފާވެރި ދިރިއުޅުމެއްގެ ބޭނުމުގައި އުޅޭ މީހަކަށެވެ. އަހަރެން ބޭނުން ވަނީ ހަމައެކަނި ދިރިއުޅޭށެވެ. އުޅެވެނީ ދަނާލުގައި ކަމުގައި ވިޔަސް ނުވަތަ އެހެން ތަނެއްގައި ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. އުފާވެރިކަމަކީ އަހަރެން ބޭނުންވާ ކަމެއް ނޫނެވެ.

އަވަސް ކާނާ ވިއްކާ ތަނެއްގައި މަސައްކަތްކުރާ ކުއްޖަކު އެ ދަނާލުގައި އުޅެއެވެ. އެ ކުއްޖާ ވަޒީފާ ދޫކޮށްލައިފައި އޭނާގެ ރަށަށް އެނބުރި ދާން ގަސްތު ކޮށްފިއެވެ.

"އުއްމީދު ބޭނުމިއްޔާ އަހަރެން އަދާކުރި ވަޒީފާ ލިބޭތޯ ބަލައިފާނަން. އެއީ ވަރަށް ރަނގަޅު ވަޒީފާއެއް. މުސާރަވެސް ވަރަށް ބޮޑު." އެ ކުއްޖާ އެއް ދުވަހަކު އުއްމީދާ ވާހަކަދައްކަމުން ގޮސް ބުނެލިއެވެ.

އެ ދުވަސްވަރަކީ އުއްމީދު މަސައްކަތްކުރާ ކުންފުނި ބަންދުކުރުމުގެ ވާހަކަ ދެކެވެމުން ދާ ދުވަސްވަރެކެވެ. ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ވިޔަފާރި ހުއްޓައިލާނެއެވެ. އެ ވާހަކަ ޢަޤީލާ ބައެއް ކުދިން ގާތު ދެއްކީ ކަމުގައި ވެދާނެއެވެ.

އުއްމީދު އަނގައިން ނުބުނެ ބޯ ޖަހައިލިއެވެ. އޭނާ މަސައްކަތް ކުރާ ކުންފުނި ބަންދު ކުރީމާ އާމްދަނީ ލިބޭނޭ މަގު ބަންދު ވާނެއެވެ. ޓިއުޝަން ދިނުން ހުއްޓައިލިތާވެސް މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ގޭގެ ކަންތައް ބެލެހެއްޓުމުގެ ޒިންމާ މިހާރު އޮތީ އޭނާގެ ކިބަޔަކު ނޫނެވެ. އެކަމަކު އަމިއްލަ ޚަރަދުބަރަދު ހަމަޖައްސާން ފައިސާ ބޭނުން ވެއެވެ. އެނބުރި ރާވަލްޕިންޑީއަށް ދާންދެން އާމްދަނީއެއް ބޭނުން ވާނެއެވެ.

ދެތިން ދުވަސް ފަހުން އެ ކުއްޖާޔާއެކު އުއްމީދު އަވަސް ކާނާ ވިއްކާ ތަނަށް ހިނގައްޖެއެވެ. ވަޒީފާ ހަމަޖެހުނީމާ ކުރިން އަދާކުރި ވަޒީފާ ދޫކޮށްލައިފިއެވެ. އައު ވަޒީފާގައި ފުރަތަމަ އޮތީ ތަމްރީނު ލިބިގަތުމެވެ.

* * *

އޭނާ އަވަސް ކާނާ ވިއްކާ ތާނގައި މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މީހަކާ ކުރިމަތިލާ ކޮންމެ ފަހަރަކު އެއްވެސް ކަމަކާ ނުލައި ހިނިތުންވުމަކީ ކިހައި އުނދަގޫ ކަމެއްކަން އެނގެނީ މިހާރުއެވެ. އެހެން ހިތަށް އެރީމާ ބައެއް ފަހަރު ލޮލުން ކަރުނަވެސް އާދެއެވެ. އޯޑަރު ނެގުމާއި ކާ އެއްޗެހި ގެނެސް ދިނުމުގެ ތެރޭގައި އެތައް ފަހަރަކު ހިނތުން ވާން އޮންނަނީ ޖެހިފައެވެ. ކޮންމެ ދުވަހަކު އޭނާއަށް އެތައް އައު މޫނެއް ފެނެއެވެ. އޭނާޔާ އެކު މަސައްކަތްކުރާ އެހެން ކުދިން ދެކޭ ގޮތުގައި އޭނާ ހުންނަނީ ބޭނުންވާ ވަރަށް ވުރެ މާ ބޮޑަށް ހިމޭނުންނެވެ. އޭނާ ހިމޭނުން އިނދެގެން އެ ކުދިންގެ ފާޑު ކިޔުން އަޑު އަހައިލުމަށް ފަހު ތެދުވެގެން ދުރަށް ހިނގައިދެއެވެ.

އެތާނގައި މަސައްކަތް ކުރާތާ ވީ ކިހައި ދުވަހެއް ކަމެއް އޭނާ ހަނދާނެއް ނެތެވެ. އެއް ދުވަހަކު އޭނާއަށް އެ ތަނުން ޖަހާންޒޭބް ފެނިއްޖެއެވެ. އެކަމަކު ޔަގީން ކުރަން ދަތި ވެއްޖެއެވެ.

"އެ ވާނީ އަހަންނަށް ހީވީ ގޮތެއް ކަމަށެވެ. މާ ގިނަ ދުވަހު މީހަކާ އެކީގައި އުޅެވުނީމާ އެ ކަހަލަ ގޮތްގޮތް ވާނެއެވެ."

އޭނާ އަމިއްލަ ނަފުސަށް ޔަގީންކަން ދެވޭތޯ މަސައްކަތް ކޮށްލިއެވެ. ބޭނުން ވަނީ އެއީ ހިއެއް ކަމަށް ގަބޫލު ކުރާށެވެ. އެކަމަކު އެއީ ޖަހާންޒޭބެވެ. އޭނާ ކޮންމެވެސް އަންހެން ކުއްޖަކާއެކު ކައުންޓަރު ކައިރީގައި ހުރެގެން ބޭނުންވާ އެއްޗަކަށް އޯޑަރު ދެނީއެވެ. ޖަހާންޒޭބްގެ ގާތަށް ދުވެފައި ހިނގައިދާނަމޭ އޭނާގެ ހިތަށް އެރިއެވެ. އަދި އަހަރެންގެ މަތީން ހަނދާން އެބަހުއްރިއްޔޭ އަހައިފާނަމޭވެސް ހިތަށް އެރިއެވެ. އެ ވަގުތު އެހެން އަންހެން ކުއްޖަކު އައިސް އޭނާ ގާތު ކޮންމެވެސް އެއްޗެއް ބޭނުން ވާހަކަ ބުނެފިއެވެ. ޖަހާންޒޭބާއި އޭނާޔާއެކު އައި އަންހެން ކުއްޖާ މޭޒެއްގެ ދޮށުގައި އިށީނދެއްޖެއެވެ. އުއްމީދު ގޮސް ބަދިގެއަށް ވަދެއްޖެއެވެ. ނުކުމެވުނީ ދިހަ ވަރަކަށް މިނިޓު ފަހުންނެވެ. އޭރު ޖަހާންޒޭބެއް ނެތެވެ. އޭނާއަށް އަނެއްކާވެސް ޝައްކުވާން ފަށައިފިއެވެ. ދާދި ދެންމެއަކު މި ތާނގައި އިނެވެ. މިހާރަކު ނެތެވެ. އެވީ ކިހިނެއް ހެއްޔެވެ؟

"އުއްމީދު. ކިހިނެއްވީ؟ ހާލު ރަނގަޅުތަ؟" އުއްމީދާއެކު މަސައްކަތް ކުރާ ފީރޯޒާ އަހައިލިއެވެ.

"އާނ." އޭނާގެ އަޑު ހީވަނީ ހޮހަޅައެއްގެ ތެރެއިން ނުކުމެގެން އަންނަ ހެންނެވެ.

"މޫނު މާ ބޮޑަށް ރީނދޫ ވެފައި ތިޔަހަރީ ކީއްވެގެން؟" ފީރޯޒާ އޭނާގެ ނިތްކުރީގައި އަތްތިލަ ޖައްސައިލިއެވެ. "އެތެރެއަށް ވަދެ ކުޑަކޮށް އަރާމު ކޮށްލާ."

ފީރޯޒާ އޭނާ އަތުލަފި ކޮށްގެން ކަހަލަ ގޮތަކަށް ގެންގޮސް އެތެރެއަށް ވައްދައިފިއެވެ. އޭނާ އެތައް އިރެއް ވާންދެން މުޅީން ހިމޭނުން އިށީނދެގެން އިނެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތާގައި ވޭން އަޅާ ކަމުގައި އިހުސާސް ކުރެވޭން ފަށައިފިއެވެ.

"އެއީ ކޮން އަންހެން ކުއްޖެއް ބާވައެވެ؟" އޭނާ ވިސްނަމުން ދިޔައެވެ. "ޖަހާންޒޭބްގެ އަނބިމީހާ ބާވައެވެ؟ ނޫނީ ހިޔަމިތުރަކު ބާވައެވެ؟"

"އަނބިމީހާ؟" އޭނާގެ ހިތުގައި ވަރުގަދަ ޠޫފާނެއް އުފެދިއްޖެއެވެ. "މީގެ ހަތަރު އަހަރު ކުރިން އަހަރެން ޖަހާންޒޭބާ... އެހެންވީނަމަ... އެ ގޮތަށް މިތާނގައި..."

ޠޫފާނުގެ ރޯޅި ވަރުގެ ކޮޅަށް އެނބުރިގެންފިއެވެ. އޭނާއަށް އެއްވެސް އިޚްތިޔާރަކާ ނުލައި ރޮވިއްޖެއެވެ. އެތައް އިރަކު ރުއިމަށް ފަހު މޫނު ދޮވެލައިގެން ބޭރަށް ނުކުމެއްޖެއެވެ. އޭނާގެ ދަންފަޅި ނިމެން އަދި ގަޑިއެއްހައި އިރު އެބަ އޮތެވެ.

އެ ވަގުތު އެތަނަށް ބިދޭސީއަކު ވަދެއްޖެއެވެ. އެތަނަށް ބިދޭސީން އައުމަކީ ހައިރާން ވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. ވަރަށް ގިނަ ބިދޭސީން އެތަނަށް ވަދެއެވެ. އެކަމަކު މިއަދު މި އައި އިނގިރޭސިމީހާ އޯޑަރު ދިނީ ސީދާ އުއްމީދުގެ ރަށު ބަހުންނެވެ. އިނގިރޭސި ބަހަކުންނެއް ނޫނެވެ. އުއްމީދު ހިނިތުން ވެލައިފައި އޯޑަރު ނޯޓު ކޮށްފިއެވެ. އަދި އެމީހާ އެދުނު އެއްޗެއް ގެނެސް ދީފިއެވެ.

އެ ދުވަހުގެ ދަންފަޅި ނިންމާފައި އޭނާ އެނބުރި ދަނާލަށް އަތުވެއްޖެއެވެ. އެރޭ ވަރަށް ގިނަ އިރު ވާންދެން އޭނާ ރުޔެވެ. އޭނާ މަސަލަސް ކުރެވޭތީ ޢަޤީލާ އިރުކޮޅަކު މަސައްކަތް ކުރިއެވެ. އެންމެ ފަހުން ހަތިޔާރު ބަހައްޓައިފައި އޮށޯވެއްޖެއެވެ.

"ތިމާގެ އަމިއްލަ ކަންތައްތައް ވަކި ގޮތަކަށް ނިންމުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން ވާނެ. އޭނާ ހާސިލު ކުރާނޭ ފުރުސަތު އުއްމީދަށް ނުލާހިކު ރަނގަޅަށް ލިބުނު. އެ ވަގުތު ކުއްލިއަކަށް ރީތި އަޚްލާގުގެ މަތީން ހަނދާންވީނު؟ އީމާންކަމާއި އިސްލާމް ދީނުގެ މަތީން ހަނދާންވީނު؟ މިހާރު އޭނާ އެހެން ކުއްޖަކާ އެކީގައި އުޅޭތަން ފެނުނީމާ ރޮއި ހޭރެނީ ކީއްކުރަން؟ އޭނާއަށްޓަކައި ރޯނީ ކިހައިވަރަކަށް؟ ތިޔަ ކުޅިގަނޑު އަހަރެން ދެކޭތާ މިހާރު ހަތަރު އަހަރު ވެއްޖެ. މީހަކު މަރުވީމާވެސް ދިރިތިބީން ހަތަރު އަހަރު ވާންދެން ރޮއި ހަދާތަނެއް އަހަރެން ނުދެކެން. އުއްމީދު ތިޔަ ރޮނީ ދިރިހުރި މީހަކާ ހެދި. އެހައި ބޮޑަށް ހަނދާން ވަންޏާ އޭނާގެ ގާތަށް ދޭ. އޭނާ ބުނާ ގޮތަކަށް ހަދާ. އުއްމީދު ބުނާ ގޮތުގައި އޭނާ އުއްމީދު ދެކެ ލޯބިވޭ. ދެމީހުން އެކަކު އަނެކަކު ދެކެ ލޯބި ވަންޏާ ޖެހިގެން މި އުޅެނީ ކޮން މައްސަލައެއް؟ އޭނާގެ ގާތަށް ދޭ. އޭނާ މީހަކާ ނީނދެ ހުރިއްޔާ ޖެހޭނޭ އެއްވެސް މައްސަލައެއް ނޯންނާނެ. މީހަކާ އިނދެގެން އުޅުނަސް ދެވަނަ ކާވެންޏެއް ކުރެވިދާނެ. ނީނދެވުނަސް ފިކުރު ކުރާނެ ކަމެއް ނެތް. ހުރިހައި އެއަޗަކީ ކާވެންޏެއް ނޫނެއްނު؟ މީހަކު ދެކެ ލޯބި ވަންޏާ ނީނދެވެސް އެ މީހަކާ އެކީގައި އުޅެވިދާނެ. އަހަރެން ބުނާނީ ނީނދެ އުޅެންޏާ ދިރިއުޅުން މާ ރަނގަޅު ވާނެއޭ."

ޢަޤީލާ އޮށޯވެގެން އޮވެ ވަރަށް ގިނަ އިރު ވާންދެން ވާހަކަ ދެއްކިއެވެ. އުއްމީދު ހިމޭނުން އޮވެ ރޮމުން އޭނާގެ ވާހަކަ އަޑު އަހަމުން ގެންދިޔައީއެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.