ޤަޠަރުގެ ގައުމީ އެއާލައިން ޤަޠަރް އެއާވޭޒްއަށް ފާއިތުވި 2021-2022 ގެ މާލީ އަހަރު 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ލިބިފައިވާކަން އެކުންފުނިން ހާމަކޮށްފިއެވެ. މިއަހަރު ޤަޠަރްގައި ބާއްވާ ފުޓްބޯޅަ ވާލްޑްކަޕާ ދިމާކޮށް ބޮޑު ފައިދާއެް ލިބޭނެކަމަށް ލަފާކުރެވޭ ޤަޠަރް އެެއާވޭޒްއަކީ މެދު އިރުމަތީގެ އެންމެ ބޮޑު އެއް އެއާލައިނެވެ.
އެރޭބިއަން ޕެނިންސިއުލާގެ އިރުމަތީ އައްސޭރިފަށުގައި ސައުދީ އަރަބިއްޔާއާއި އިންވެގެން އޮންނަ ޤަޠަރުގެ ވެރިރަށް ދޯހާއަކީ ޤަޠަރް އެއާވޭޒްގެ މައި މަރުކަޒުކަމަށް ވާއިރު، ޤަޠަރުގައި މިއަހަރުގެ ނޮވެންބަރު އަދި ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ވާލްޑް މުބާރާތަކީ މެދު އިރުމަތީގެ ގައުމެއްގައި ބާއްވާ ފުރަތަމަ ވާލްޑް ކަޕް މުބާރާތެވެ.
ޤަޠަރް އެއާވޭޒްއިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި އަހަރު އެ ކުންފުންޏަށް 14.4 ބިލިއަން އެމެރިިކާ ޑޮލަރުގެ އާމްދަނީއެެއް ލިބިފައި ވެއެވެ. އެއީ އޭގެ ކރީ މާލީ އަހަރާ އަޅާބަލާއިރު %78 ގެ އިތުރުވުމެެކެވެ. އަދި ފާއިތުވި މާލީ އަހަރުގެ ތެރޭގައި އެ އެއާލައިނުން 18.5 މިލިއަން ފަސިންޖަރުން އުފުލާފައި ވާއިރު، މިއީ އޭގު ކުރީ މާލީ އަހަރަށްވުރެ %200 އިތުރު އަދަދެކެވެ. މިއީ ކޮވިޑް-19 ގެ ސަބަބުން ގިނަ މަންޒިލްތަކަކަށް ދަތުރުކުރުން ހުއްޓާލަންޖެހި، އެ ކުންފުނީގެ ބޮޑެތި މަތިންދާބޯޓުތައް ކަމުގައިވާ އޭ-350 އާއި އޭ-330 އުދުއްސޭނެގޮތް ނުވުމުން 2020-2021 ގެ މާލީ އަހަރު 4.1 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމަށް ފަހު ލިބުނު ބޮޑު ކުރިއެރުމެކެވެ.
އެއާލައިނަށް ބޮޑު ފައިދާއަށް ވުމުގެ އެއް ސަބަބަކީ ގިނަ ގައުމުތަކެއްގެ ބޯޑަރުތައް ހުޅުވާލައި، ކޮވިޑް-19 ގެ ސަބަބުން އެޅި ފިޔަވަޅުތަކަށް ލުއިދިނުމެވެ.
2020 ވަނަ އަހަރު ލިބުނު ބޮޑު ގެއްލުމުން ޤަޠަރް އެއާވޭޒް އަަރައިގަތީ އެ ކުންފުންޏަށް ޤަޠަރު ސަރުކާރުން ދިން 3 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ސަބަބުންނެވެ.
1993 ވަނަ އަހަރުގެ ނޮވެންބަރު މަހު އުފެއްދި އެއާލައިނުން މިހާރު ދުނިޔޭގެ 173 މަންޒިލަކަށް ދަތުރުކުރާއިރު އެެ އެއާލަައިނުގައި 233 މަތިންދާބޯޓު ބޭނުންކުރެއެވެ. އަދި އިތުރު 120 މަތިންދާބޯޓަށް ވަނީ އޯޑަރުދީފައެވެ.
ޤަޠަރް އެއާވޭޒްއިން މާލެއަށް ދަތުރުތައް ފެށިތާ އަންނަ ޖުލައި މަހު 15 ވަނަ ދުވަހު 21 އަަހަރުވާއިރު، އެ އެއާލައިނަކީ މިހާރު އެ އެއާލައިނަކީ ދިވެހިރާއްޖެއަަށް އެންމެ ގިނަ ފަތުރުވެރިން ގެންނަ އެއް އެއާލައިނެވެ. އެއެއާލައިނުން ހަފުތާއަކު 28 ދަތުރު ރާއްޖެއަށް ކުރެއެވެ.