މިޔަންމާގެ އަސްކަރީ އިންގިލާބަށް ފަހު 382 ކުޑަކުދިން މަރާލާފައި ނުވަތަ ނުކުޅެދޭ ކުދިންނަށް ހަދާފައިވޭ

މިޔަންމާގެ އަސްކަރީ ސަރުކާރުގެ ސިފައިން ކުޑަ އަވަށަކަށް ދިން ހަމަލާއެެއްގައި އަނިޔާވި ބައެއް މީހުންނަށް ފަރުވާދެނީ

މިޔަންމާގައި މިހާރު ވެރިކަންކުރާ އަސްކަރިއްޔާއިން ދޭ "އިންސާނީ ހައްގުތަކާއި ޚިލާފު ޖަރީމާ" ކަމަށް ބެލެވިދާ ފެންވަރުގެ ހަމަލާތަކުން އެގައުމުގެ ކުޑަކުދިން ސަލާމަތްކުރުމަށް އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ގޮވާލައިފިއެވެ.

އދ. އިން މިފަދައިން ގޮވާލާފައި ވަނީ އެ ޖަމްއިއްޔާއިން މިޔަންމާއަށް ކަނޑައަޅާއިފާ އިންސާނީ ހައްގުތަކާ ބެހޭ ޚާއްސަ ރެޕަޓުއާ ޓޮމް އެންޑްރޫސް މިއަދު (ބުދަ ދުވަހު) ނެރުއްވި ރިޕޯޓެއްގައެވެ. އެ ރިޕޯޓުގައި ބުނެފައި ވާގޮތުން ފާއިތުވި އަަހަރުގެ ފެބުރުވަރީ މަހު މިޔަންމާގެ ޑިމޮކްރެޓިކް ސަރުކާރު ވައްޓާލައި ގެނައި އިންގިލާބަށް ފަހު އެގައުމުގެ ސިފައިން ހިންގި ހަރުކަށި އަމަލުތަކުގައި 382 ކުޑަކުދިން މަރުވެފައި ނުވަތަ ނުކުޅެދޭ ކުދިންނަށް ވެފައި ވެއެވެ.

"ދުނިޔޭގެ އެހެން ތަންތަނުގެ ކުޑަކުދިންނެކޭ އެއްފަދައިން މިޔަންމާގެ ކުޑަކުދިންގެވެސް ހައްތަކަށް އިހުތިރާމުކޮށް އެހައްގުތައް ލިބޭކަން ކަށަވަރުކުރަން ޖެހޭ. އެއީ ދިރިހުރުމުގެ އަސާސީ ހައްގުން ފެށިގެން. އެހެންނަމަވެސް، މިޔަންމާގައި ކުޑަކުދިންނާއި އާއިލާތަކުގެ ހައްގުތައް ވަނީ ހިސާރުކުރެވިފައި. ޣައިރު ގާނޫނީ އަސްކަރީ ސަަރުކާރަކުން ރައްޔިތުންނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގައި ދެފަރާތުން ބަދަލުކުރާ ހަމަލާތަކުގެ މެދުގައި ކުޑަކުދިންނަށް ހަމައެކަނި ހަމަލާ އަމާޒުވަނީއެއްނޫން. އެ ކުދިން ހަމަލާގެ އަމާޒުފަތްގަނޑަކަށްވެސް ވަނީ." ރިޕޯޓުގައި ވެއެވެ.

އިންސާނީ އެހީ އަވަސް ގޮތެއްގައި އޭގެ ވަގުތުގައި ދެވޭފަދަ ގޮތަކަށް އުސޫލުތައް އެކަށައެޅުމަށް އެ ރިޕޯޓުގައި އދ. ގެ މެންބަރު ގައުމުތަކަށް ގޮވާލާފައި ވެއެވެ.

"އިންސާނީ ހައްގުތަކަށް އަރައިގަތުން ހަލުވިކަމާއެކު އިތުރުވެ، ޚާއްސަކޮށް ކުޑަކުދިންނާއި އާއިލާތަކުގެ ހާލަތު ގޯހުން ގޯހަށް ދިޔަ ދޮޅު އަހަރެއްހާ ދުވަހަށް ފަހު، މިޔަންމާއަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތާމެދު ފިޔަވަޅު އެޅުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ފޭލިވެފައިވާކަން އޮތީ ސާފުކޮށް އެނގެން." ޚާއްސަ ރެޕަޓުއާގެ ރިޕޯޓުގައި ވެއެވެ.

އަސްކަރިއްޔާއިން އާއްމުންނަށް ދިން ހަމަލާތަކުގައި 2 ލައްކަ 50 ހާސް ކުޑަކުދިން ގެދޮރު މިޔަންމާގެ އެކިހިސާބުތަކަށް ގޮސްފައި ވާއިރު، 5 ލައްކަ ކުޑަކުދިން ދަނީ އަވަށްޓެރި ގައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންނެވެ.

އދ. ގެ ރެޕަޓުއާގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މިޔަންމާގެ 7.8 މިލިއަން ކުޑަކުދިން ކިޔެވުމުން މަހުރޫމުވެފައި ވާއިރު، އަސްކަރީ ސަރުކާރުގެ ސިފައިންނާއި، ހަތިޔާރުއެޅި ޖަމާއަތްތަކުން ދަނީ ތައުލީމީ އިދާރާތަކަށް ހަމަލާދީ، އެތަންތަން ހިފައި، ތައުލީމީ ނިޒާމު ސިޔާސީ ނުވަތަ އަސްކަރީ ކުރަމުންނެވެ.  

ސިޔާސީ ގައިދީންގެ ހައްގުތަކަށް މަސައްކަތްކުރާ އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާސް އިން ބުނެފައިވާ ގޮތުގައި 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހު ވެރިކަމަށް އައި ފަހުން އަސްކަރީ ސަރުކާރުގެ ބާރުތަކުން ވަނީ ސަރުކާރާ ދެކޮޅަށް ނުކުތް 2000 އަށްވުރެ ގިނަ މީހުން މަރާލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.