2020 ވަނަ އަހަރު ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާ މިޔަންމާގެ އަސްކަރީ ސަރުކާރުން ބާޠިލުކޮށްފި

މިޔަންމާގައި 2020 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ވޯޓުލަނީ

މިޔަންމާގައި 2020 ވަނަ އަހަރުގެ ނޮވެންބަރު މަހު ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާ އެގައުމުގެ އަސްކަރީ ސަރުކާރުން ބާޠިލުކޮށްފިއެވެ. އެ އިންތިޚާބު ކާމިޔާބުކުރީ އާންގް ސަންގް ސޫ ޗީގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީންނެވެ. އެހެންނަމަވެސް، އިންތިޚާބުގައި މަކަރުހަދާފައިވާ ކަމަށް ބުނެ ސިފައިންގެ ތާއީދާއެކު އިންތިޚާބުގައި ވާދަކުރި ޕާޓީން ކުރި ޝަކުވާތަކާ ގުޅިގެން، އިންތިޚާބުގެ "މިނިވަންކަމާއި، އިންސާފުވެރިކަން ގެއްލިފައިވާ" ކަަމަށް ބުނެ، ފާއިތުވި ފެބުރުވަރީ މަހު ސިފައިން ވަނީ އަސްކަރީ އިންގިލާބެއްގައި ވެރިކަން ބަދަލުކޮށްފައެވެ.

ސިފައިން އަންޔަންކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެ ކޮމިޝަނުުގެ ތަހުގީގުތަކުން އެނގުނު ގޮތުުގައި އެ އިންތިޚާބުގައި މަކަރު ހެދުމުގެ 11 މިލިއަން މައްސަލައެއް ފެންމަތިވެފައިވާ ކަމުގައެވެ. އެހެންނަމަވެސް، 2020 ވަނަ އަހަރު އިންތިޚާބު ބޭއްވިއިރު އޮތް މިނިވަން އިލެކްޝަންސް ކޮމިޝަނުން އޭރު ބުނެފައި ވަނީ އިންތިޚާބު ނަތީޖާއަށް އަސަރުކުރާ ފަދަ އެއްވެސް މައްސަލައެއް ފެނިފައި ނުވާކަމުގައެވެ.

އެ އިންތިޚާބުގެ ނަތީޖާ ދެއްކި ގޮތުން އެންއެލްޑީން ވަނީ ގާނޫނުހަދާ މަޖިލީހުން އިިންތިޚާބަށް ހުޅުވާލި 224 ދާއިރާގެ ތެރޭން 138 ދާއިރާ ކާމިޔާބުކޮށްފައެވެ. ސިފަންގެ ތާއިދާއެކު ވާދަކުރި ޔުނިއަން ސޮލިޑޭރިޓީ އެންޑް ޑިވެލޮޕްމަންޓް ޕާޓީ (ޔޫއެސްޑީޕީ) އަށް ލިބުނީ އެންމެ 7 ގޮނޑިއެވެ. އިންތިޚާބަށް ސިފައިންގެ ރުޅިވެރިކަން އަމާޒުވީ އެެހެންވެގެންނެެވެ.

"އެމީހުން (އެންއެލްޑީން) މަސައްކަތްކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ފައިދާ ނަގައިގެން އެންއެލްޑީ ނޫން ޕާޓީތަކުން ދައުލަތުގެ ބާރުތައް ނިގުޅައިގަންނަން." މިހާރުގެ އިލެކްޝަންސް ކޮމިޝަންގެ ޗެއާމަން ތެއިން ސޯ ވިދާޅުވިއެވެ.

"(އެ) އިންތިޚާބު މިނިވަނެއް ނޫން. އަދި އިންސާފުވެރިއެއްވެސް ނޫން. 2020 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާ ބާޠިލުކުރީ އެހެންވެގެެން." އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، 54 މިލިއަން މީހުންގެ އާބާދީއެއް އޮތް މިޔަންމާގައި އާ އިންތިޚާބެއް ބާއްވާނެތޯ ނުވަަތަ ނޫންތޯ އޭނާ ހާމައެެއް ނުކުރައްވައެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވާނެ ކަމަށް އަސްކަރީ ސަރުކާރުން ކުރިން ބުނެފައި ވާއިރު، އެންއެލްޑީ އުވާލަފާނެ ކަމުގެ އިންޒާރުވެސް ސަރުކާރުން ވަނީ ދީފައެވެ.

އަސްކަރީ އިންގިލާބަށް ފަހު ސޫ ޗީ ބަންދުކޮށްފައިވާއިރު، އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ކޮވިޑް-19 ގެ ފިޔަވަޅުތަކާ ޚިލާފުވުމާ، ވަަގަށް ވޯކީޓޯކީ އެތެރެކުރުން ފަދަ ދައުވާތައް ހިމެނެއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ، ދިގު މުއްދަތުގެ ޖަލު ހުުކުމެއް އަންނާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.