މިދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި 426 ޓޫރިޒަމް ފެސިލިޓީ ހުޅުވައި، ބެޑް ކެޕޭސިޓީ ގާތްގަނޑަކަށް 14،000 އެނދު އިތުރުކޮށްފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކްރޮސްރޯޑްގައި ފެށި "ޔޫއެންޑަބުލިޔުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް" ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ފަތުރުވެރިކަމުގެ ޚިދުމަތްދޭ އިތުރު 22 ތަނެއް ހުޅުވޭނެކަމަށް ލަފާކުރެއްވޭ ކަމަށާއި މިހާރުވެސް 107 ރިޒޯޓެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިޔަށްދާ ކަމަށެވެ. އަދި އެތަންތަން ތަރައްޤީކޮށް ނިމޭއިރު 5000 އެނދު އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަމުން ދާއިރު، މުޖުތަމަޢުގެ އެންމެން ޝާމިލްކޮށްގެން ތަރައްޤީ ގެނައުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަން ޖެހިފައިވާ ކަމަށެވެ.
މިސަރުކާރުގެ އަމާޒަކީ، އެންމެނަށް ވެސް ފަސޭހައިން އާދެވޭނެ އަދި އެންމެންގެ ބައިވެރިވުން އޮތް ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެ ހެދުން ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚަށް އަލި އަޅުއްވާލައްވައި، ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖޭގެ އިޤުތިޞާދަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި ކުރިން މަސައްކަތްކުރެއްވި ފަރާތްތަކަށް ކުރިމަތިވި ތަފާތު ހުރަސްތައް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީންނާއި، އެބޭފުޅުންގެ ފިޔަވަޅުމަތީގައި މަސައްކަތްކުރައްވައި މިއަދު ދިވެހިރާއްޖެއަކީ، ދުނިޔޭގެ އިތުބާރުހުރި ބްރޭންޑަކަށް ހެއްދެވުމުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި މެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހިރާއްޖެއަށް "ވަރލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް" ވިދިވިދިގެން ދެ އަހަރު ލިބިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްސީލް ދެއްވައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ވިދާޅުވީ، މިސަރުކާރުން ރާއްޖޭގެ ޢުމުރާނީ ތަރައްޤީ، ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކޮށްފައި ވާކަމަށެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމާއި ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބުލިޔުޓީއޯ) ގުޅިގެން ބާއްވާ މި ސަމިޓްގައި މަޝްވަރާކުރާނީ، މުޖުތަމަޢުގެ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ފަތުރުވެރިކަން ކުރިޔަށް ގެންދިޔުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އޮތް ފުރުޞަތުތަކާއި އަދި ގޮންޖެހުންތަކާއި ގުޅޭ ގޮތުންނެވެ.