2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހުގެ ރަނިންގ މޭޓަކަށް ގާސިމް އިބްރާހިމަށް ދައުވަތުދެއްވި ވާހަކައަކީ ދޮގެއް

2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހުގެ ރަނިންގ މޭޓަކަށް ގާސިމް އިބްރާހިމަށް ދައުވަތުދެއްވި ވާހަކައަކީ ދޮގެއް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވާދަ ކުރައްވަން ރައީސް ސާލިހުގެ އަރިހުގައި ރަނިންގ މޭޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމަށް ދައުވަތު ދެއްވިކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ހާމަކުރެއްވުމުންނެވެ.

މެމްބަރު ތާރިގު ވިދާޅުވެފައިވަނީ ގާސިމްގެ އުއްމީދު ނިމުމަކަށް ގެނެސް، ރައީސް ސާލިހްގެ ރަނިންމޭޓްކަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް، ރައީސް ސާލިހްގެ ރަނިންގމޭޓްގެ މަގާމު ވެސް ހައްގު ނުވަނީތޯ ވިދާޅުވެ ސުވާލު އުފައްދަވާފައިވެސް ވެއެވެ.

އެވާހަކަތަކަށް ރައްދު ދެއްވާ ޖޭޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދު ވިދާޅުވީ ގާސިމަށް ރަނިންމޭޓްކަން ހުށަހެޅި ވާހަކަ އަކީ ޚިޔާލީ ވާހަކައެއް ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

މިފަދަ ވާހަކަތަކެއް ފެތުރެން ފެށީ، ރައީސް ސާލިހު، މާމިގިއްޔަށް އިއްޔެ ވަޑައިގަތުމާ ގުޅިގެންނެވެ. ރައީސް ސާލިހަށް މާމިގިލިން ރަތް ދޫލައިގެ މަރުހަބާއެއް ދެންނެވިއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޚުދު ގާސިމް އިބްރާހިމް ވެސް ހުންނެވިއެވެ. އަދި ގިނަ ބަޔަކު ވެސް ވަނީ އެއަރޕޯޓަށް ޖަމާވެފައެވެ.

އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ ޢިޝާރާތެއް ރައީސް ސާލިހު ދެއްވާފައިވާއިރު، އެމަނިކުފާނު ވިދާޅުވީ ކޯލިޝަނަކާއެކު ރިޔާސީ އިންތިޚާބަށް ނުކުތުމަށް އެމަނިކުފާނަކީ އެކަށޭނަ ފަރާތް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.