ކުރާ ފާފަތައް އަމިއްލައަށް ކިޔައިދިނުމަކީ ކޮންކަހަލަ ކަމެއް؟

އިންސާނުންނަކީ، ވަރަށް ނިކަމެތި ޟަޢީފު ބައެކެވެ. އެހެންކަމުން، ބައެއް ފަހަރު، ފާފަތަކަށް އަރައިގަނެވެއެވެ. ފާފައަކަށް އަރައިގަނެވޭ މީހާ، ޖެހެނީ އަވަހަށް އެކަމުން ތައުބާވެ، ﷲ ތަޢާލާގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދޭށެވެ. ހަމަ ކަށަވަރުން ﷲއީ، އެ ކަލާނގެ އަޅުތަކުންގެ މައްޗަށް ނުހަނު އޯގާވަންތަ އިލާހެވެ. ޤުދްސިއްޔަ ޙަދީޘެއްގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "يا عِبَادِي إنَّكُمْ تُخْطِئُونَ باللَّيْلِ وَالنَّهَارِ، وَأَنَا أَغْفِرُ الذُّنُوبَ جَمِيعًا، فَاسْتَغْفِرُونِي أَغْفِرْ لَكُمْ" (صحيح مسلم).

މާނައީ: "އޭ، ތިމަން އިލާހުގެ އަޅުތަކުންނޭވެ! ރެއާއި ދުވާލު ތިޔަބައިމީހުން ފާފަކުރަމުއެވެ. ތިމަން ރަސްކަލާނގެއީ އެންމެހައި ފާފަތައް ފުއްސަވާ ކަލާނގެއީމެވެ. ތިމަންރަސްކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް ތިޔަބައިމީހުން އެދޭށެވެ! ފަހެ، ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާހުށީމެވެ."

ނަމަވެސް މިއާ ޚިލާފަށް، ފާފައެއް ކުރުމަށްފަހު، މީސްތަކުންގެ މެދުގައި އެކަން ފާޅުކުރުމަކީ، ވަރަށް ނުބައި ޢަމަލެކެވެ. އަންނަނިވި ޙަދީޘުން އެކަން އެވަނީ، ވަރަށް ސާފުކޮށް އަންގަވާފައެވެ.

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «كُلُّ أُمَّتِي مُعَافَىً إِلَّا المُجَاهِرِينَ، وَإِنَّ مِنَ المُجَاهَرَةِ أَنْ يَعْمَلَ الرَّجُلُ بِاللَّيْلِ عَمَلَاً، ثُمَّ يُصْبِحَ وَقَدْ سَتَرَهُ اللهُ عَلَيْهِ، فَيَقُولَ: يَا فُلَانُ، عَمِلْتُ البَارِحَةَ كَذَا وَكَذَا، وَقَدْ بَاتَ يَسْتُرُهُ رَبُّهُ، وَيُصْبِحُ يَكْشِفُ سِتْرَ اللهِ عَنْهُ». أخرجه البخاري 8/24(6069) ومسلم 8/224 .

މާނައީ:  أَبُو هُرَيْرَةَ رَضِيَ اللهُ عَنْهُ  ގެ އަރިހުން ރިވާވެގެންވެއެވެ. رَسُول اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ.  "ފާފަކުރުމަށްފަހު، މީސްތަކުންގެ މެދުގައި އެ ކަން ފާޅުކުރާ މީހުން ފިޔަވައި ތިމަންކަލޭގެފާނުގެ އުއްމަތުގެ އެންމެން ވަނީ ސަލާމަތް ވެގެންނެވެ. އަދި ހަމަކަށަވަރުން ފާޅުކުރުމުގެ ތެރޭގައި، ރޭގަނޑުގައި ފާފައެއް ކުރުމަށް ފަހު، މާތް ﷲ އެކަން ވަންހަނާ ކުރައްވާފައި ވަނިކޮށް، އޭ މިވެނި މީހާއޭ! ރޭގައި އަހަރެން މިވެނި ކަމަކާއި އެވެނި ކަމެއް ކޮށްފީމޭ ބުނުން ހިމެނެއެވެ. އަދި ހަމަކަށަވަރުން އޭނާ ނިދީ އޭނާގެ ވެރި ރަސްކަލާނގެ، އޭނާ ކުޅަ ފާފަ ވަންހަނާ ކުރައްވާފައި ވަނިކޮށެވެ. ދެން ނިދިން ހޭލެވުމުން މާތްﷲ ވަންހަނާ ކުރައްވާފައިވާ ކަންތައް އޭނާ ފާޅު ކުރެއެވެ."

މި ޙަދީޘްގައި މި އަންގަވަނީ، މީހަކު ރޭގަނޑު މީސްތަކުންނަށް ސިއްރުން ފާފަކުރުމަށްފަހު، ﷲ ތަޢާލާ އެކަން ވަންހަނާ ކުރައްވާފައި ވަނިކޮށް، އަމިއްލައަށް އެކިއެކި ރައްޓެހިންގެ މަޖިލިސްތަކުގައި، އޭނާ އެކުރި ފާފައިގެ ވާހަކަ، ފަޚުރުވެރިކަމާއެކު ދެއްކުމުގެ ނުބައިކަމުގެ ވާހަކައެވެ.

ކުރެވޭ ކުށްފާފަތަކުގެ ވާހަކަ އަމިއްލައަށް ދައްކަނީ ކީއްވެގެންތޯއެވެ؟ މިސުވާލުގެ ޖަވާބުގައި ދެންނެވޭނީ، ޝައިތާނާ އެފަދަ މީހުންގެ ޢަމަލުތައް އެއީ ''ޒީނަތްތެރި'' ޢަމަލުތަކެއް ކަމަށް، އެފަދަ މީހުންގެ އުނި ސިކުޑިތަކަށް ވިސްނައިދީފައި ވުމެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. وَزَيَّنَ لَهُمُ الشَّيْطَانُ مَا كَانُوا يَعْمَلُونَ ﴿٤٣﴾ سورة الأنعام. މާނައީ: "އަދި އެއުރެން ކޮށްއުޅުނު ކަންތައް އެއުރެންނަށް ޝައިޠާނާ ޒީނަތްތެރިކޮށް ދެއްކިއެވެ."

ތިމާ ކުރާ ފާފަތައް ފާޅުކުރުމުގެ އާދައާ މީހަކު ދޯޅުވެއްޖެނަމަ، އެކަމުން ދުރުވެގަތުން އެއީ ބޭނުން ކަމެއްކަމުގައި ނުދޭކޭނެއެވެ. ޝަރީޢަތުގައި އެކަމުގެ ނުބައިކަން އަންގަވައި އެކަމުން ދުރުވެގަތުމަށް ބާރު އަޅުއްވާފައި ވަނީ އެހެންވެގެންނެވެ. އަދި އެއީ ދުނިޔަވީ ޢުޤޫބާތާއި، ނަރަކައިގެ ޢަޛާބު ޙައްޤުވާ ކަމެއްކަން އަންގަވާފައިވަނީވެސް އެހެންވެގެންނެވެ. އެކަން އަންގަވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿١٩﴾ (سورة النور). މާނައީ: "ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން ދަންނާށެވެ! ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ."

މި އާޔަތުގައި މިވާ ވަޢީދުގެ ބަސްފުޅު އައިސްފައި މި ވަނީ، ފާޙިޝް ކަންތައްތައް ފެތުރުމަށް ލޯބިކުރާ މީހުންނާ ބެހޭ ގޮތުންނެވެ. ވީއިރު، އެފަދަ ކަންތައްތައް ފަތުރައި އިޢްލާންކުރާ މީހުންގެ ޢުޤޫބާތް އެތައް ގުނައެއް ބޮޑުވެގެން ދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ފާފަ ކޮށްފައި އެ ކަން މީސްތަކުންނަށް ފާޅުކުރުމުން ދޭހަވަނީ، އެމީހެއްގެ ކިބައިން ލަދުވެތިކަން ނިގުޅިފައި ވާކަމެވެ. ޙަޤީޤަތުގައި ލަދުވެތިކަން ހިނގައްޖެނަމަ އިސްލާމްކަމެއް އީމާންކަމެއް ނޯންނާނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައި ވެއެވެ. "إِنَّ لِكُلِّ دِينٍ خُلُقًا ، وَخُلُقُ الإِسْلاَمِ الْحَيَاءُ." (أخرجه ابن ماجة). މާނައީ: "ހަމަ ކަށަވަރުން ކޮންމެ ދީނަކަށްވެސް ޚުލުޤެއް ވެއެވެ. އިސްލާމްދީނުގެ ޚުލުޤަކީ ލަދުވެތިކަމެވެ."

ފާޙިޝްކަމާއި ލަދުވެތިކަމާއި މި ދެކަމަކީ އިދިކޮޅު ދެކަމެވެ. އެހެންކަމުން މީހެއްގެ ނަފްސުގައި ފާޙިޝްކަމުގެ ބައި ބޮޑުވެ، އެ ފާޅުކުރަން ފަށައިފިނަމަ، ލަދުވެތިކަން އެ މީހެއްގެ ކިބައިން ނެތިގެން ހިނގައިދާނެއެވެ. ދެން އޭނާ ކޮންމެފަދަ ނުބައިކަމެއް ފާޅުކުރަންވެސް ޖެހިލުމެއް ނުވާނެއެވެ. އެހެން ކަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައި ވެއެވެ. "مَا كَانَ الْفُحْشُ فِي شَيْءٍ قَطُّ إِلاَّ شَانَهُ، وَلاَ كَانَ الْحَيَاءُ فِي شَيْءٍ قَطُّ إِلاَّ زَانَهُ". (صحيح ابن ماجه). މާނައީ: "އެއްވެސް ކަމެއްގެތެރެއަށް ދުވަހަކުވެސް ފާޙިޝް ކަންތައްތައް ވަދެއްޖެނަމަ އެކަމެއް ހުތުރުނުވެއެއް ނުދާނެއެވެ. އަދި އެއްވެސް ކަމެއްގެ ތެރެއަށް ދުވަހަކުވެސް ލަދުވެތިކަން ވަދެއްޖެނަމަ އެކަމެއް ރީތިނުވެއެއް ނުދާނެއެވެ."

މިޒަމާނުގައި އިސްލާމީ މުޖްތަމަޢުތަކުގައިވެސް ރާބުއިމާއި ޒިނޭކުރުންފަދަ ހަޑިމުޑުދާރު ޢަމަލުތައް ކުރުމަށްފަހު، އެކަން ފާޅުކުރާ މީހުން އެބައުޅެއެވެ. އެފަދަ މީހުން ދެކެނީ، އެއީ ކުރެވުނު ވަރަށް ފަޚުރުވެރި ކަމެއްގެ ގޮތުގައެވެ. ޝައްކެއްވެސް ނެތެވެ. އެފަދަ މީހުން އެ ވަނީ ޝައިޠާނީ ކެހިވެރިކަމުގެ ދަލުގައި ޖެހި ހަފުސު ވެފައެވެ. އެފަދަ ކޮންމެ މީހަކު ހަނދާން ކުރަންވީ، ފާޙިޝް ޢަމަލުތަކަށް އަރައިގަތުމުގެ ސަބަބުން ދުނިޔޭގެ ތާރީޚުގައި ﷲ ތަޢާލާ ހަލާކުކުރެއްވި ޤައުމުތަކުގެ މަތިންނެވެ. ލޫޠުގެފާނުގެ ޤައުމާއި ޕޮމްޕޭ ހަލާކުކުރެއްވީ އެއްވެސް އިންޒާރަކާ ނުލައެވެ. ވީމާ، މިފަދަ ޙާދިޘާތަކުން ޢިބްރަތް ލިބިގަނެ، ވަގުތު ފާއިތުވުމުގެ ކުރިން ﷲ އަށް ތައުބާވެ، ފާފަ ފުއްސެވުން އެދި ދަންނަވަމާ ހިންގަވާށެވެ! ހަމަ ކަށަވަރުން ﷲ ތަޢާލާއީ، އަޅުތަކުންގެ މައްޗަށް، ކޮޅުނެތްކޮޅަށް އޯގާވަންތަ ކަލާނގެއެވެ.

އަޅުގަނޑުމެންނަށް ފާފައެއް ކުރެވުނަސް، އެ ފާފަ ފާޅުކޮށް ނުހަދާނަމަ، އަދި އެކަމުގެ މަތީގައި ދެމި ނުތިބޭނަމަ، ﷲ ތަޢާލާ އަޅުގަނޑުމެން ބޭޒާރެއް ނުކުރައްވާނެއެވެ! އަދި އާޚިރަތްދުވަހު އެގޮތަށް ފާފަ ކުރެވިފައިވާ ބައެއް އަޅުން، އެ ފާފަތަކުގެ ސަބަބުން ނަރަކައިން ސަލާމަތް ނުވާނެކަމުގައި ހީކުރާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ރަޙްމަތް އެފަދަ އަޅުންގެ މައްޗަށްވެސް ވަނީ ތަނަވަސް ވެގެންނެވެ. އެކަން އަންގަވައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައި ވެއެވެ. "إنَّ اللَّهَ يُدْنِي الـمُؤْمِنَ، فَيَضَعُ عَلَيْهِ كَنَفَهُ ويَسْتُرُهُ، فَيَقُولُ: أتَعْرِفُ ذَنْبَ كَذَا، أتَعْرِفُ ذَنْبَ كَذَا؟ فيَقولُ: نَعَمْ أيْ رَبِّ، حتَّى إذَا قَرَّرَهُ بذُنُوبِهِ، ورَأَى في نَفْسِهِ أنَّهُ هَلَكَ، قالَ: سَتَرْتُهَا عَلَيْكَ في الدُّنْيَا، وأَنَا أغْفِرُهَا لكَ اليَومَ، فيُعْطَى كِتَابَ حَسَنَاتِهِ، وأَمَّا الكَافِرُ والمُنَافِقُونَ، فيَقولُ الأشْهَادُ: {هَؤُلَاءِ الَّذِينَ كَذَبُوا علَى رَبِّهِمْ ألَا لَعْنَةُ اللَّهِ علَى الظَّالِمِينَ"  މާނައީ: "ހަމަ ކަށަވަރުން ޤިޔާމަތް ދުވަހު ބަސް ވަޙީކުރެއްވުމަށްޓަކާ ﷲ ތަޢާލާ މުއުމިނު އަޅާއާ ކުއްތަންވެ ވޮޑިގަންނަވާނެއެވެ. އަދި އެއްވެސް އެހެން އަޅަކަށް ނުފެންނަ ގޮތަށް ސިއްރުން ﷲ ތަޢާލާ އެ އަޅާއަށް ވަޙީކުރައްވާނެއެވެ. ތިބާ ކުޅަ އެވެނި މިވެނި ފާފަތަކެއް ތިބާ ހަނދާން އެބަހުރިހެއްޔެވެ؟ ދެން އޭނާ އެކުޅަ ހުރިހާ ފާފަތަކެއްގެ މައްޗަށް އަމިއްލައަށް އިޢްތިރާފްވެ، ސަލާމަތް ނުވާނެކަމުގައި ޔަޤީންކުރެއެވެ. އެހިނދު ﷲ ތަޢާލާ އޭނާއަށް ވަޙީކުރައްވާނެއެވެ. ދުނިޔޭގައި ތިބާގެ ފާފަތައް ތިމަންރަސްކަލާނގެ ވަންހަނާ ކުރެއްވީމެވެ. އަދި މިއަދު ތިބާގެ ފާފަތައް ތިމަން ރަސްކަލާނގެ ފުއްސަވާހުށީމެވެ. ދެން އެއަޅާއަށް އޭނަގެ ހެޔޮކަމުގެ ފަތް ދެއްވޭހުށްޓެވެ."

މިފަދަ އޯގާވަންތަކަމާއި ތަނަވަސް ރަޙްމަތުގެ ވެރި ރަސްކަލާނގެއަށް އެއްވެސް ލަދެއްނެތި، ފާފަކުރުމުގައި ޙައްދު ފަހަނަޅައިގޮސް، އެ ފާފަތައް މީސްތަކުންގެ މެދުގައި ފާޅުކޮށް ހަދާ މީހަކަށް ވުރެ ނުބައިކަން ބޮޑު މީހަކު ހުންނާނެތޯއެވެ؟ އެއަށްވުރެ ލަދެއްނެތް މީހަކު ހުންނާނެތޯއެވެ؟ އެއަށްވުރެ ނިޢްމަތަށް ކުފުރުވެރިވާ މީހަކު ހުންނާނެތޯއެވެ؟ ނުހުންނާނެކަން ކަށަވަރެވެ.

މި ޙަދީޘުން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ، ތައުބާވެ، ﷲއަށް ރުޖޫޢަ ނުވާހާ ހިނދަކު، މިފަދަ މީހަކަށް ނަރަކައިން ސަލާމަތްވުމުގެ ފުރުޞަތެއް ނެތްކަމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.