އާފަތިސްގެ ފަރާތުން މީޑިއާ ކައުންސިލަށް ހަސަން ޝާކިރު އިންތިހާބުވެއްޖެ

ހަސަން ޝާކިރު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ދުވަހު ނޫސް އާފަތިސްގެ ފަރާތުން ވާދަކުރެއްވި ހަސަން ޝާކިރު މުޙައްމަދު އިންތިހާބުވެއްޖެއެވެ.

ޝާކިރު އިންތިހާބުވީ މިއަދު ބޭއްވި އިންތިހާބުގައި ވާދަކުރައްވައިގެންނެވެ. މި ވޯޓުލުން ބާއްވާފައިވަނީ މިއަދު ހެނދުނު 10:00 އިން 11:00 އަށް ސޯޝަލް ސެންޓަރުގައެވެ.

ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރި މި އިންތިހާބުގައި 139 މީޑީއާއަކުން ވަނީ ވޯޓުލާފައެވެ.

މި އިންތިހާބުގައި އެންމެގިނަ ވޯޓު ލިބިފައިވަނީ މިހާރު އޮންލައިންގެ ފާތިމަތު ސަނާ އަށެވެ. އެއީ 118 ވޯޓެެވެ. ދެން އެންމެގިނަ ވޯޓު ލިބުނީ ވަގުތުު އޮންލައިންގެ ނަޖާހް މަސްއޫދު އަށެވެ. އެއީ 117 ވޯޓެވެ.

އާފަތިސްގެ ހަސަން ޝާކިރު މުޙައްމަދަށް 93 ވޯޓު ލިބުނުއިރު، ހަފްސީ ޑޮޓްކޮމްގެ ހަފްސީ އަބްދުﷲ އަށް 75 ވޯޓު ވަނީ ލިބިފައެވެ. އަދި ހަތާވީސް އޮންލައިންގެ ހުސެއިން ހަސަން އަށް 74 ވޯޓު، ތިލަދުން އޮންލައިންގެ ހުސެއިން ޘަގީފް އަށް 74 ވޯޓު، ދިޔަރެސްގެ ނަހުދާ ފާއިޒު އަށް 71 ވޯޓު ވަނީ ލިބިފައެވެ.

މި އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރި މީހުންގެ ތެރެއިން ފާތިމަތު ފަހުމީ އަށް 76 ވޯޓު، އިބްރާހިމް މުހައްމަދު އަށް 49 ވޯޓު އަދި އިބްރާހިމް ފައުޒީ އަށް 80 ވޯޓު ވަނީ ލިބިފައެވެ.

މީޑިއާ ކައުންސިލުގައި މިހާރުގެ ދައުރުގައި ވެސް އާފަތިސް ތަމްސީލުކުރާ މެމްބަރަކު އިންނަވައެވެ. އެއީ ޢަލީ ނިޝާންއެވެ.

ޖުމްލަ 15 މެމްބަރުން ތިބޭ މީޑިއާ ކައުންސިލްގެ މިހާރުގެ ދައުރު ޑިސެމްބަރ 14 އަށް ހަމަވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.