ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގާ މަޖިލީހުގެ ކަންބޮޑުވުމެއް ނުފެނުނު – ބިލަށް ދިނީ ބީރު ކަންފަތެއް

އިންޑިއާގެ ބީޖޭޕީގެ އިސްބޭފުޅުންތަކެއް، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް ރާއްޖޭގެ ސަރުކާރުން ކުށްވެރިކޮށްފައިނުވާތީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލު ބަލައިނުގަން ބޭރުކޮށްލައިފިއެވެ.

މި ބިލު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކުއްލި މައްސަލައެއްގެ ގޮތުގައި ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

އޭނާގެ ކުއްލި މައްސަލައިގާ ކީރިތި ރަސޫލާއާއި ޤުރުއާނަށް ފުރައްސާރަކުރި މައްސަލަ ސަރުކާރުން ކުށްވެރިކުރުމަށް ވަނީ ގޮވާލައްވާފައެވެ.

އެ މައްސަލައިގާ ރަސޫލާއާއި ޤުރުއާނަށް ފުރައްސާރަކުރުންފަދަ ދަށު ދަރަޖައިގެ އަމަލު ހިންގުމުން މުސްލިމުން ނުހަނު ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރުން މި ހައްސާސް ދަނޑިވަޅުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކީރިތި ގުރުއާނަށާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހާލުގައި، ސަރުކާރުން މި ކަމާމެދު ފިޔަވަޅު އަޅާފައިނުވާ މައްސަލަ ކުށްވެރިކޮށް، އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށައެޅީކަމަށް އާދަމް ޝަރީފް ޢުމަރު ގެ އެ މައްސަލާގައިވެއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން މައްސަލަ ބޭރުކޮށްލީ 33 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ރަސޫލާއަށް ފުރައްސާރަ ކުރުމާއި ގުޅިގެން ދުނިޔޭގެ އިސްލާމީ ގައުމުތަކުން ވެސް އަންނަނީ އޭނާގެ އަމަލު ކުށްވެރި ކުރަމުންނެވެ.

އެގޮތުން މިއަމަލު ކުށްވެރިކޮށް ސައުދީ ފޮރިން މިނިސްޓްރީން ޚާއްސަ ބަޔާނެއް ނެރެފައިވާއިރު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވެސް ވަނީ މިއަމަދު ކުށްވެރި ކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.