ވިނަރެސް ފްލެޓުތައް ޢާންމުންނަށް ވިއްކަން އަންނަ ހަފުތާގައި ހުޅުވާލަނީ

ވިނަރެސް ފްލެޓުތައް ޢާންމުންނަށް ވިއްކަން އަންނަ ހަފުތާގައި ހުޅުވާލަން ނިންމައިފިއެވެ.،

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ނިންމާފައިވަނީ ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭ ވިނަރެސް ފްލެޓް ގަންނަން ބޭނުންވާ އާއްމުންނަށް އެ ފުރުސަތު ހުޅުވާލުމަށެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނާއި ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންނާއި ގުޅިފަޅުން ފްލެޓް ދޫކޮށްލި މީހުންނަށް އެ ފްލެޓުތައް ވިއްކުމަށް ނިންމާފައިވާއިރުޔ، ބާކީ ހުރި ފްލެޓްތައް ވިއްކާނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ.

މާލޭ ރައްޔިތުންނަށް ޚާއްސަކުރި އަދަދުން 100 އެޕާޓްމަންޓް މާލޭގައި އުޅޭ ގިނަ ދުވަސްވީ އަތޮޅުތެރޭގެ ރައްޔިތުންނަށް ވެސް ވަނީ ކަނޑައަޅާފައެވެ.

ދިހަ ޓަވަރުގައި 1340 އެޕާޓްމަންޓެއް ވިނަރެސް މަޝްރޫއުގެ ދަށުން ހަދާފައިވާ އިރު، ހަތަރު ވައްތަރެއްގެ އެޕާޓްމަންޓް ވަނީ ހަދާފައެވެ. އެއީ މެރީނާ ވިއު، އިނަރ ވިއު، އައުޓަރ ވިއު އަދި ސްޓޭންޑަރޑް ވިއުއެވެ.

އިނަރ ވިއު، އައުޓަރ ވިއު އަދި މެރީނާ ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނުގައި 902 އަކަފޫޓު ހުންނައިރު، ސްޓޭންޑަރޑް ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނަކީ 883 އަކަފޫޓެވެ. އަދި އެ ހުރިހާ އެޕާޓްމަންޓަކީ ވެސް ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ.

ވިނަރެސް އެޕާޓްމަންޓްތަކަށް އެދި ފޯމު ހުށަހެޅުމުގެ ޝަރުތު ހަމަވުމުގައި ބަލާނެ ކަންކަމާއި ހުށަހަޅަންޖެހޭ ލިޔުންތަކާއި ފައިސާ ދައްކަންޖެހޭ ޕްލޭން ތައް އެޗްޑީސީން މިހާރު ވަނީ ޢާންމުކޮށްފައެވެ.

އެގޮތުން ވިނަރެސް ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ރާއްޖެއަށް ނިސްބަތްވާ، އުމުރުން 18 އަހަރުވެފައިވާ މާލޭގެ ރަށްވެއްސަކަށްވުމާއި މާލޭގައި ރަޖިސްޓްރީވެފައި ނުވާ ނަމަވެސް މާލޭގައި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާވުން ހިމެނެއެވެ. އަދި މާލޭގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރުވެފައި ނުވި ނަމަވެސް މާލޭގައި ދިރިއުޅެމުންދާތާ 15 އަހަރު ވެފައިވާވުން ވެސް ހިމެނެއެވެ.

މީގެ އިތުރުން މާލެ ސިޓީން ރިއަލް އެސްޓޭޓް މާކެޓިންގ ހައުސިންގ ޔުނިޓެއް ނުވަތަ 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ގަނެ ނުވަތަ ގަތުމަށް، އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައިވާ ފަރާތަކަށް ވެގެން ނުވުން ވެސް އިތުރު ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.