އަމީރާ ސުލްޠާނާގެ ނާރެސް - 22

(22 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

"ދަރިފުޅާއެވެ! ނިކަން ބަލައިލަބަލާށެވެ!" އަޅުގަނޑުގެ ކަރުގައި އޮތް ހާރުގައި ހަރުކުރެވިފައިވާ ފެހިކުލައިގެ ޑައިމަންޑް ތައް ފަދައިން އެފަދަ ހިތްގައިމުކަން ލިއްބައިދޭ، ފެހިކަންގަދަ ވިނަތަކުގެ މައްޗަށް ބަލައިލަމުން އަމާނީއާ ދިމާއަށް  ބުނެލެވުނެވެ.

"މިތާތެރޭގައި 10 ގަނޑުވަރަށްވުރެވެސް ގިނައިން އެބަހުއްޓެވެ." މަހާވެސް އަޅުގަނޑުމެންނާ ބައިވެރިވިއެވެ.

"18 ގަނޑުވަރެވެ. 10 އެއްނޫނެވެ." އަމާނީ، މަހާއަށް އޮޅުންފިލުވައިދިނެވެ.

"ދަރިފުޅާ އަމާނީއެވެ. އެއޮތީ އަސް ގެންގުޅެން ވަކިން ހަދައިފައިވާ ތަނަށް ދެވެން އޮންނަ މަގެކެވެ." ފަޟްލަކީ އަސްގެންގުޅެން އެހައި ފޯރިހުންނަ މީހެއްކަމެއް އަޅުގަނޑަށް އެނގިފައެއް ނުވެއެވެ. އަޅުގަނޑުމެންގެ ޢާއިލާގެ ގިނަމީހުންނަކީ، އަގުބޮޑު އަސްއަހުގެ މުޑުވަށް ގަނެގެން އެތަކެތި ބަލައި ބޮޑުކުރާ ބަޔެކެވެ. އެކަމަކު، ފަޟްލަކީ އަސްގެންގުޅުމަށް ލޯބިކުރާ ކުއްޖެއްކަމެއް ކުރިޔަކުން އެނގިފައެއް ނެތެވެ.

އަމާނީ، އަޅުގަނޑުގެ ބޯމަތިން ބަލަމުންގެންދިޔައީ އެއްވެސް ނަންބޯޑެއް ފެނޭތޯއެވެ. މަޑޫވައިރޯޅިއެއް ޖެހެމުންދިޔަ މަގުގައި އިރުގަނޑެއްވަންދެން ދުއްވިއްޖެއެވެ. އަދިވެސް ދާންވީތަނެއް ނޭނގެއެވެ. އެންމެފަހުން، ސަންގު މަރުމަރުހިލައިން ތައްޔާރުކުރެވިފައިވާ ދޮރޯއްޓަކާ ހަމަޔަށް ދެވިއްޖެއެވެ. ރަނގަޅަށް ވިއްޔާ، މިވާނީ އެންމެބޮޑު ގަނޑުވަރަށް ވަންނަ ދިމާކަމަށެވެ. މިޞްރުން ގެނެސްފައިހުރި، ރީތި ޒުވާން ޚާދިމަކު އަޅުގަނޑުމެންގެ ކާރުވަންނަން ދޮރުހުޅުވައިލަ ދިނެވެ. އަދި އަވަސްއަވަހަށް ގޮސް ދެންހުރި ދޮރުވެސް ހުޅުވައިލިއެވެ. ދެވަނަޔަށް އެހުޅުވީ، ވަރަށްބޮޑު ދޮރެކެވެ. އެއީ ރިސެޕްޝަނަށް ވަދެވެންހުރި ދޮރެވެ. ދޮރުވާނު މަޑުކޮށްލައިގެންހުރި އިރު، އަޅުގަނޑުމެން ގެނައި ހަދިޔާ ޑިކީން ނަގައިގެން، އަޅުގަނޑުމެންގެ ޑްރައިވަރު އެބަގެނެސް ދެއެވެ. އެއީ ފަޟްލުގެ ދެމަފިރިންނަށް ޚާއްޞަކޮށް އަޅުގަނޑު އިޚްތިޔާރު ކޮށްފައިވާ ހަދިޔާ ތަކެކެވެ. ހަދިޔާ ތަކުތެރެއިން، އަޅުގަނޑު ބޭނުންވާ އެތި، އަތަށް އެރިކަން ޔަޤީންކުރުމަށްފަހު ރިސެޕްޝަނާ ދިމާއަށް ހިނގައިގަތީމެވެ. މަހާ އާއި އަމާނީވެސް އަޅުގަނޑުގެ ފަހަތުން އައުދެއެވެ. ރިސެޕްޝަނުން އަޅުގަނޑުމެންނަށް މަރުޙަބާކީ، އޭސިއާގެ ކޮންމެވެސް ޤައުމަކުން ގެނެވިފައިވާ ޚާދިމާއެކެވެ. އެކުއްޖާގެ ނަމަކީ ލައިލާ އެވެ. މަރުޙަބާކީ ވަރަށް ފުރިހަމަ ޢަރަބި ގޮތަކަށެވެ. ލައިލާ އަޅުގަނޑުމެންނާ ދިމާއަށް ބަލައިލާ ހީލިއެވެ. އަދި އެދުވަހުގެ ފުރަތަމަ މެހެމާނުންކަމަށް ބަލައި ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. އަދި ފަޟްލުގެ އަންހެނުން، ޚާލިދާއާ ވަރަށްކުޑައިރުކޮޅެއްގެ ތެރޭ، ބައްދަލުވާނެކަމުގައި ބުންޏެވެ. އެއަށްފަހު އަޅުގަނޑުމެން ގެންދެވުނީ ޖެހިގެންހުރި މައި ގަނޑުވަރަށެވެ. ލައިލާއާއެކީ މަޑުމަޑުން އަޅުގަނޑު ހިނގަމުންދިޔައިމެވެ. ވަށައިގެން ފެންނަ އައު އެއްޗިއްސަށް ކަޅިއުކަމުންނެވެ. އަޅުގަނޑުގެ ގާތް ކޮއްކޮއިންނާއި ދައްތައިންކުރެ އެއްވެސް މީހަކު މިތާކަށް އަދި ނައުދެއެވެ. ކަރީމުވެސް އަދި މި " ޕެރެޑައިސް ޕެލަސް ' އަކަށް ނާދެއެވެ. އަޅުގަނޑުގެ ލޮލުގައި އަޅައިގަންނަ ހުރިހައި އެއްޗެއް ފާހަގަކުރަމުން، ހިތަށް ނަގައިގަންނަމުން ގެންދިޔައިމެވެ.

ވަރަށްފުޅާ ކޮރިޑޯއަކާ ދިމާއަށް އަޅުގަނޑުމެން މިޞްރާބުޖެހީމެވެ. ދެފަރާތުގެ ފާރުތައްވެސް އެހައި އުހެވެ. ފާރުތަކުގައި ބޭނުންކުރެވިފައިވަނީ މަޑު ރީދޫކުލައިގެ ފޮއްޗެވެ. އަޅައިފައިވާ ކާރޕެޓްގައި އެކިބާވަތުގެ މާތައް އަދި ދޫނި ސޫރަކުރެވި ކުރެހިފައި ހުއްޓެވެ. ކާރޕެޓް މަތީ ހިނގަމުންދިޔައިރު، އަޅުގަނޑުމެންގެ ފައިގެދަށުން އެ ކާރޕެޓް ދެމިގެންދާ ކަހަލައެވެ. އެހައި މަޑުވެފައި އަރާމެވެ.

"އަހަރެމެންނަށް އަޑުމިއިވޭ ދޫނިތައް ބައިތިއްބަނީ ކޮންތާކު ހެއްޔެވެ؟" ކުއްލިޔަކަށް އަމާނީ ލައިލާއާ ސުއާލުކޮށްލިއެވެ. އަމާނީ އެސުއާލުކޮށްލުމުގެ ކުރިޔަކުން، މާދުރުން އެކޯވެގެން އެއަންނަ ދޫނިގޮވާއަޑު، އަޅުގަނޑަށް ފާހަގަ ކުރެވިފައެއް ނެތެވެ.

"އަޑުއެއިވެނީ، ރިކޯރޑްކުރެވިފައިވާ އަޑު ކުޅެލުމުންނެވެ." ލައިލާ އަމާނީއަށް ޖަވާބުދިންއިރު، ދޫނީގެ އެ ހިތްގައިމު މިޔުޒިކީ އަޑަށްވުރެ، ލައިލާގެ އަޑު އޮމާންވެފައި ތާޒާއެވެ.

"ސާހިބާ ބޭނުންވަނީ، ވީހައި ޤުދްރަތީ އަޑާ އެއްވައްތަރު ގޮތަކަށް ދޫނީގެ އަޑު މުޅިތަނަށް ފެތުރިފައި އޮތުމަށެވެ." ލައިލާގެ ރީތި އަޑު އަނެއކާވެސް އަހައިލާނެ ފުރުޞަތު ލިބުނެވެ.

އަމާނީއަށް ލައިލާ ވަރަށް ކަމުގޮއްސިއެވެ. އަދި ހިނގަމުން ދަމުން އެކި ސުއާލުކޮށް ހެދިއެވެ. ފަޟްލާއި ޚާލިދާގެ ޚާދިމާއެއްގެ ގޮތުގައި ސުޢޫދީ ޢަރަބިއްޔާގައި ލައިލާ އުޅޭތާ 5 އަހަރުވެއްޖެއެވެ. ލައިލާ ވަރަށް ފަޚުރުވެރިކަމާއެކު އޭނާގެ މުސާރައިގެ ވާހަކަވެސް ބުންޏެވެ. ލައިލާއަކީ ސްރީލަންކާގެ ކޮޅުނބުގެ ކުއްޖެކެވެ. ލައިލާގެ ޢާޢިލާ ވަރަށް ބޮޑެވެ. އެހެންނަމަވެސް، އޭނާއަށް ލިބޭ މުސާރައިން މުޅި ޢާއިލާގެ ކަންކަން ހަމަޖައްސައިލެވޭކަމުގައި ލައިލާ ބުންޏެވެ. އަޅުގަނޑު އަމާނީއަށް ލޮލުން އަންގަ އަންގައި އޮއްވައި، މީހުންކުރެން ނާހަން އަޅުގަނޑު ބުނެފަ އޮންނަ ވާހަކައެއް ލައިލާ ގާތު އަހައިފިއެވެ.

"ކީއްވެތަ ކަލެޔަށް ޢަރަބި ނަމެއްކިޔަނީ؟" އެ ޒުވާން އަންހެންކުއްޖާ ހިނިތުންވެލިއެވެ. އަދި ބުންޏެވެ.

"އަޅުގަނޑަކީ ހިންދޫއެއްނޫނެވެ. އަޅުގަނޑަކީ މުސްލިމެކެވެ. އަޅުގަނޑުގެ ނަސްލު ގުޅިގެންވަނީ، އިހުޒަމާނުގައި ކަނޑުދަތުރުކުރި ޢަރަބިންނާއެވެ." މެދުކަނޑައިލުމަށްފަހު އަނެއްކާވެސް ލައިލާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "މި ގަނޑުވަރަށް ވަންނަން ހުއްދަ އޮންނަނީ ހަމައެކަނި މުސްލިމުންނަށެވެ." ލައިލާގެ މިބަހަށް މަހާ އޭނާގެ ބުމަ އަރުވައިލައިފައި އަޅުގަނޑަށް މެސެޖެއް ދިނެވެ.

ކޮރިޑޯ ތެރެއިން ވަކިހިސާބަކަށް ދެވުނުތަނާ، ބޮޑު ވަށްކޮޓަރިއެއްގެ ތެރެޔަށް ދެވޭ ދޮރެއް ހުޅުވިގެންދިޔައެވެ. އެތަންހުރީ އެހެންހުރިހައިތަނަކަށްވުރެބޮޑަށް ނަލަކުރެވިފައެވެ. ބިޔަ ތަނބުތަކެއްގައި މާރބްލް ހަރުކުރެވި، މުށީގެ ތަފާތު ތަކެތި ތަރުތީބުކުރެވި، އަދި އަގުބޮޑު ފަރނީޗަރުން ތަންވަނީ މުއްސަނދިކުރެވިފައެވެ. ފެންއަރުވާ ވަޑާމެއް ބެހެއްޓިފައި ވެއެވެ. ފެނުގެ އަޑުތަކުން ތަނަށް ވެރިވާ ތަފާތު މިޔުޒިކީ އަޑުއެހައި ގަދައެއްނޫނެވެ. ފާރިސްކަރައިގެ ކާރޕެޓްގައި އެޅިފައިވާ ކުރެހުންތަކުން، ބިންމަތީގެ ރީތިކަމާއި ނަލަކަން އިތުރުކޮށްދީފައި ވެއެވެ. އަޅުގަނޑަށް ބޭއިޚްތިޔާރުގައި މަތި ބަލައިލެވުނެވެ. އުޑެކޭ ސީލިންގއެކޭ އެއްވެސް ތަފާތެއް ނެތެވެ.

އަޅުގަނޑުމެންގެ ބޮޑުބޭބެ ފަހުދު ރަސްގެފާނުވެސް މިހާތަނަށް، މިވަރުގެ ގަނޑުވަރެއް ހައްދަވައިފައެއް ނުވެއެވެ. އެހައިވެސް ފަޟްލުގެ ގަނޑުވަރު ފުރިހަމައެވެ. މިއީހަމަ، ސުވަރުގޭގެ ގަނޑުވަރެކެވެ. އަޅުގަނޑުމެން ގޮވައިގެންގޮސް، ލައިލާ ރަނގަބީލެއް ޖެހިއެވެ. އަދި އިރުކޮޅަކުން ނާސްތާ އަންނާނެވާހަކަ ބުނެލިއެވެ.

"އަންނާށެވެ! މަންމައާއެކު ސުވަރުގޭގައި އިށީނދެލުމަށް އަންނާށެވެ!" އަޅުގަނޑު މަޖާކޮށްލީމެވެ. މަހާ އައިސް، ހިނިތުންވެލައިގެންހުރެ، އަޅުގަނޑާ ޖެހިގެން، ކައިރީގައި އިށީނދެއްޖެއެވެ.

"ޕެރެޑައިޒްގެ ވާހަކަޔަކީ ސަމާސާ ވާހަކައެއްނޫނެވެ." އަމާނީގެ ހިތުގައި އެ ގަނޑުވަރާމެދު މާބޮޑު ހިތްހަމަޖެހުމެއް އުފެދިފައި އޮތްކަމަކަށް ނުފެނެއެވެ. "މާބޮޑަށް އަލިވެފައި އޮތުމަކީ، ސަހަރާގެ ސިފައެކެވެ." އަމާނީ އިތުރަށް ބުނެލިއެވެ.

އަޅުގަނޑުވެސް، އަދި އިތުރަށް މުޅިތަނަށް ބަލައިލީމެވެ. ހުރިހައި ދިމާއަކުންވެސް ފެންނަނީ ރީތިކަމާއި ފުރިހަމަކަމެވެ. ލޮލަށް ފެންނަނީ ފުރިހަމަކަން ނޫން އެހެންކަމެއްނޫނެވެ. ބަލައިލިކޮންމެދިމާއަކުންވެސް މެއެވެ.

ކުއްލިޔަކަށް ޚާދިމާއިންގެ 4 ކުދިން އެތަނަށް އައެވެ. އެކުދިންގެ އަތުގައި، ތަބައްތައް ހުއްޓެވެ. އެކި ބުއިމާއި ޕާނާއި ހެދިކާ، ކަދުރާ އަދި ތާޒާ މޭވާއެވެ. އަޅުގަނޑު ނެގީ ހަކުރުލައިފައިހުރި ބަދަން ކޮޅެކެވެ. ފިގާ އަދި މޭބިސްކަދުރާއި ސޭންޑްވިޗް އަޅައި މަހާގެ ތަށި ފުރައިލިއެވެ. އަމާނީ އެއްވެސް އެއްޗެއް ކާކަށް ބޭނުމެއްނުވިއެވެ. އެއީ އޭނާގެ އާދައެވެ. ފަޟުލަކީ، ރީތިސިފަތަކެއްލިބިފައިވާ ކުއްޖެއްނޫނެވެ. އެހެންނަމަވެސް، އޭނާ ދިރިއުޅޭތަން އެހައި ފުރިހަމައެވެ. ބަގީޗާގެ އިތުރަށް، ފަޟުލަކީ ޖަނަވާރުގެނގުޅުމަށްވެސް ލޯބިކުރާ ކުއްޖެކެވެ. އެހެންކަމުން ޖަނަވާރުގެންގުޅުމަށްވެސް ވަކިބައެއް އެ ގަނޑުވަރުތެރޭގައި ޚާއްޞަކުރެވިފައި ވެއެވެ. ފަޟްލުގެ ޒުލެއްވެސް އޮވޭހޭ އަމާނީ ސުއާލުކުރިއެވެ. އެތަން ފަހުން ބަލައިލާނީއޭ އަޅުގަނޑު ބުނީމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.