ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ހުރިހާ ގޮތަކުން ވެސް ނަމޫނާ އޮފީހަކަށް ވާންޖެހޭނެ އޮފީހެއް: ރައީސް ސާލިހު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ހުރިހާ ގޮތަކުން ވެސް ނަމޫނާ އޮފީހަކަށް ވާންޖެހޭނެ އޮފީހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި އަދި ޚިދުމަތްކޮށްދެއްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރައީސް އޮފީހުގެ މުވައްޒަފުންގެ ޢަދަދަށް ބެއްޔަސް ފެންނަނީ އެފަދަ ނަމޫނާއެއް ކަމަށެވެ.

އޭގެ ތެރެއިން ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުންގެ ޢަދަދު ވެސް ހުރީ ދާދި އެއް ވަރަކަށް ކަމަށާއި މިއީ މިންތީގެ ތަފާތުތައް ނައްތާލައި ދެ ޖިންސުގެ ހަމަހަމަކަން ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބަލާއިރު ވެސް ރަނގަޅު ނަމޫނާއެއް ކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ޢުމުރުފުރާއަށް ބަލާއިރު ވެސް، ޢުމުރުން ވަރަށް ދޮށީ މުވައްޒަފުންނާއި ވަރަށް ހަގު މުވައްޒަފުން ވެސް ރައީސް އޮފީހުގައި ތިއްބެވި ކަމަށާއި ގިނަ ދުވަސްވީ މުވައްޒަފުން ނަމޫނާއަކަށް ބަލައިގެން އެހެން މުވައްޒަފުން ކުރިޔަށް ދިޔުމުގެ ބޭނުންތެރިކަމަށް އެކަނިކުފާނު ވަނީ އަލިއަޅުއްވާލެއްވިއެވެ.

" މުޅި ޤައުމުގެ މަޞްލަޙަތަށްޓަކައި، އަދި ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު މިރާއްޖެ ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު ސިޔާސަތުތަކެއް ސަރުކާރުން ކަނޑައަޅާފައިވޭ. ތިމާވެށި ޙިމާޔަތްކުރުމުގެ ސިޔާސަތުތައް ފަދަ ސިޔާސަތުތަކުގެ ނަތީޖާ، ޤައުމީ ފެންވަރުގައި ފެންނަން ފަށާނީ، ފަރުދީ ފެންވަރުގައި އެ ސިޔާސަތުތައް ތަންފީޒުކޮށްގެން." ރައީސް ސާލިހު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެއްފަހަރު ބޭނުންކުރާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަކީ ކޮންމެ ފަރުދަކު ތަންފީޒުކުރަންޖެހޭ ސިޔާސަތެއް ކަމަށެވެ. އަދި ރައްކާތެރި ގޮތުގައި ކުނި ނައްތައިލުމަށްޓަކައި، އެކި ގިންތީގެ ކުނި ވަކިކޮށްދިނުމަކީ ވެސް، ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ދުނިޔެއަށް އަންނަމުންދާ ލޮޅުންތަކުން ރައްކާތެރިވުމަށް ކޮންމެ ކަމެއްގައިވެސް އިޤްތިޞާދުކުރުމާއި ފަހަށް ރައްކާކުރުމަށް ސަމާލުކަން ދިނުމާއި، ކަރަންޓު ޚަރަދު ކުޑަކުރުމާއި، ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުން ފަދަ ކަންކަން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، ހުރިހާ ދިވެހިންގެ ކިބައިން އެކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 126 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވާއިރު، މި ބޭފުޅުންގެ ތެރެއިން މި ދުނިޔެ ދޫކުރައްވާފައިވާ 20 ބޭފުޅަކަށް ފިލާ އަރުވާފައި ވަނީ އެބޭފުޅުންގެ ހަނދާނަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 40 އަހަރާއި، 35 އަހަރާއި، 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި 49 ބޭފުޅަކަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި 33 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި 44 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.