ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކުރުމަށާއި، އެ ފަރާތްތަކުގެ ލާބައާއި މަންފާއަށްޓަކައި އެކި ފަރާތްތަކުން ކުރަމުން އަންނަ އަގުހުރި މަސައްކަތްތައް ބަލައިގަތުމުގެ ގޮތުން ސަރުކާރުން ދެއްވާ ޚާއްޞަ އެވޯޑު، "ރިވެލި އެވޯޑު 2026" ދިނުމުގެ ޙަފްލާ ބާއްވައިފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި މި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި، އެވޯޑު ޙާޞިލުކުރި ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދެވެ. ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު (2010/8) އާއި، އެފަދަ ފަރާތްތަކަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމަޢު" ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގޭ މުހިންމު ޤައުމީ ޙަރަކާތެކެވެ.
މިއަހަރުގެ ރިވެލި އެވޯޑު ޖުމްލަ 6 ދާއިރާއަކުން ދީފައިވާއިރު، އެ ދާއިރާތަކަކީ:
• ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
• އެކި ރޮނގުތަކުން ރީތި ނަމާއި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދައިދީފައިވާ ފަރާތްތަކުގެ ދާއިރާ
• ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ
• ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދޭ އަމިއްލަ ޖަމްޢިއްޔާތަކުގެ ދާއިރާ
• ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ
• ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެހީތެރިވެދޭ ފަރާތްތަކުގެ ދާއިރާ
މި ދާއިރާތަކުން ޖުމްލަ 25 ފަރާތަކުން ނަން ހުށަހަޅާފައިވާއިރު، މިއަހަރުގެ ރިވެލި އެވޯޑު ޙާޞިލުކުރީ 8 ފަރާތަކުންނެވެ. އެއީ:
1. ޢަލީ ސަމީމް، ހދ. ކުރިނބި / ރިހިވެލި (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
2. މުޙައްމަދު ނާހިލް ސަލާމް، ސ. މަރަދޫ / އަސްރުމާގެ(ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
3. ޢާއިޝަތު ޝަފީޤު، ހ. ޝަފީޤުގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
4. ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު، ށ. ބިލެތްފަހި / ހަވީރީނާޒް (އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
5. އަމީނިއްޔާ ސްކޫލް (ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ)
6. ފާޠިމަތު މުޙައްމަދު، ހދ. ކުޅުދުއްފުށި / އަލްފާ (ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ)
7. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ދާއިރާ)
8. ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާ)
މީގެއިތުރުން، ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލުކުރުމާ ގުޅިގެން، އެ ތާރީޚީ ކާމިޔާބީ ފާހަގަކޮށް، އަގުވަޒަންކުރުމުގެ ގޮތުން އިސްމާޢީލް ރާހިލް ށ.ކޮމަންޑޫ, އެންދެރިމާގެއަށް މިނިސްޓްރީން ވަނީ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.
މިފަދަ ޤައުމީ ފެންވަރުގެ އިނާމުތަކުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބުމުގެ އިތުރުން، މުޖުތަމަޢުގައި އެ ފަރާތްތައް ބާރުވެރިކުރުވައި، ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
މި އެވޯޑާއެކު ސަރުކާރުން ޙާޞިލުކުރަން އެދޭ ދުރުރާސްތާ އަމާޒަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަޑު އިތުރަށް އުފުލި، މުޖުތަމަޢުގައި އެފަދަ ފަރާތްތަކުގެ ޙިއްޞާއާއި ބައިވެރިވުން ފުޅާވެ، އެންމެން ޝާމިލުވާ އޯގާތެރި މާޙައުލެއް ޤާއިމުވެގެން ދިއުމެވެ.
