ޔަމަނުގައި ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތުން ދެމަސް ދުވަހަށް އިތުރުކުރަން އެގައުމުގައި ހަނގުރާމަކުރާ ފަރާތްތަކުން އެއްބަސްވެއްޖެ ކަމުގައި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ބުނެފިއެވެ. މިކަން ހާމަކުރައްވާފައި ވަނީ އދ.ން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ހާންސް ގްރުންޑްބާގްއެވެ.
އދ.ގެ ފަރާތުން ވިލަރެސްކުރާ ސުލްހައިގެ ވާހަތަކުގައި ބައިވެރިވުމަށް ޔަމަނުގެ ސަރުކާރާއި، ޙޫޘީންގެ ވަފުދުތައް ވަނީ މިއަދު (ބުރާސްފަތި ދުވަހު) ޖޯޑަން (އުރްދުން) ގެ ވެރިރަށް ޢައްމާނަށް ގޮސްފައެވެ.
ރަމަޟާން މަހާ ދިމާކޮށް ހަމަލާބަދަލުންކުރުން ހުއްޓާލިފަހުން ދެމަސްވެފައި ވާއިރު، ހަތް އަހަރު ދުވަހަށް ދެމިގެން ގޮސްފައިވާ ދާޚިލީ ހަނގުރާމައގައި އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދިނުމުގެ އިތުރަށް ސަރަހައްދީ ރޮނގު ހުރަސްކޮށް ސައޫދީ އަރަބިއްޔާއަށް ދޭ ހަމަލާތައް ވެސް ވަނީ މެދުކެނޑިފައެވެ.
" ހަމަލާބަދަލުކުރުން ދެމަސް ދުވަހަށް މެދުކަނޑާލާފައި އޮތުމުގެ ފައިދާ ވަނީ ޔަމަނުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ކޮށްފައި." ގުރުންޑްބާގް ވިދާޅުވިއެވެ.
ހަމަލާބަދަލުކުރުން މިހާ ގިނަ ދުވަހަށް މެދުކެނޑިފައި އޮތުމަކި އެތައްހާސް ބައެއްގެ ފުރާނަ ގެއްލިދިއުމުގެ ސަބަބަކަށްވި ދާޚިލީ ހަނގުރާމަ ފެށުނު ފަހުން އެޅުނު އެންމެ މުހިއްމު ފިޔަވަޅެވެ.
ހަމަލާބަދަލުކުރުމުގެ މުއްދަތު އިތުރުކުރަން އެއްބަސްވުމާއެކު، ޙޫޘީން ބާރުގެ ދަށުގައި އޮތް ޙުދައިދާ ބަނދަރަށް ތެލާއި ކާބޯތަކެތި ބޭލުމާއި، ވެރިރަށް ސަންއާގެ އެއާޕޯޓަށް ބައިނަލްއަގުވާމީ ބައެއް ދަތުރުތައް ބޭއްވުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެއެވެ. މިގޮތުން ގާހިރާއާ ސަންއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން ދާކަމުގެ ޚަބަރުވެސް ދަނީ ލިބެމުންނެވެ.
ހަނގުރާމައަށް ފިނިކަމެއް އައިސްފައިވާ މިދަނޑިވަޅާ ދިމާކޮށް އދ.ން ދަނީ މަޝްވަރާތައް ފުޅާކޮށް ސިޔާސީ ހައްލަކާ ބެހޭ ވާހަކަތައް ފެށޭތޯވެސް މަސައްކަތްކުރަމުންނެވެ.
އަނެއްކޮޅުން އިރާނުގެ އެހީތެރިކަމާއެކު ޔަމަނުގެ ވެރިކަން އަތުލުމަށް ހަނގުރާމާކުރާ ޝީޢާ ޙޫޘިން ބުނެފައި ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން މަތީ ދެމިތިބޭނީ އެޖަމާއަތުން އެދޭ ކަންކަމަށް ވާދަވެރި ފަރާތްތަކުން އިޖާބަދޭނަމައެވެ. އޭގެތެރޭގައި ޙުދައިދާ ބަނދަރަށް ތެޔޮ ބޯޓުފަހަރު ކައިރިކުރުމުގެ ހުއްދަދިނުމާއި، ވެރިރަށް ޞަންޢާށް ބައިނަލްއަގުވާމި ވައިގެ ދަތުރުތައް ބޭއްވުމުގެ ފުރުސަތު ދިނުމާއި، އަސާސީ ޚިދުމަތްތަކާއި މުސާރައިގެ މައްސަލައަށް ހައްލެއް ހޯދުން ހިމެނެއެވެ.
2ޮ014 ވަނަ އަހަރު ޔަމަނުގައި ފެށި ދާޚިލީ ހަނގުރާމަ ވެފައި ވަނީ ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ބޮޑު އިންސާނީ ކާރިސާއަށެވެ. ހަނގުރާމައިގެ ސަބަބުން އެއް ލައްކަ ފަންސާސް ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 85 ހާހަށްވުރެ ގިނަ ކުޑަކުދިން ބަނޑަށް ޖެހިގެން މަރުވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ. އަދި 4 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.