ސްރީލަންކާގެ މުސްލިމުން މިއަހަރު ޙައްޖަށް ނުދާން ނިންމައިފި

ސްރީލަންކާއިން ޙައްޖަށް މީހުން ގެންދާ ޖަމާއަތްތަކުން މިއަދު (އަންގާރަ ދުވަހު) ހާމަކުރި ގޮތުގައި އެ ޖަމާއަތްތަކުން މިއަހަރު މީހުން ހައްޖަށް ނުގެންދަން ވަނީ ނިންމާފައެވެ. މިިގޮތަށް ނިންމާފައި ވަނީ ސްރީލަންކާ މިނިިވަންވި ފަހުން އެގައުމަށް ކުރިމަތިވި އިގުތިސާދީ ގޮތުން ދަތި ދުވަސްތައް ވޭތިކުރަމުންދާ ދުވަސްވަރެއްގައެވެ.

މައިގަނޑު ގޮތެއްގައި ބުޑިސްޓުންގެ އާބާދީގެ 22 މިލިއަން މީހުންގެ %10 އަކީ މުސްލިމުންނެވެ.

މިއަހަރު 1 މިލިއަން މުސްލިމުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނެކަމަށް ސައޫދީ އަރަބިއްޔާއިން އިއުލާންކުރި އިރު، ސްރީލަންކާއަށް އޮތީ 1585 މީހުންގެ ކޯޓާއެއް ހަމަޖައްސާފައެވެ.

ޙައްޖަށް މީހުންނަށް ދެވޭ އަދަދު ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރުން ފެށިގެން ސައޫދީ އަރަބިއްޔާއިން ކޮންޓުރޯލު ކުރަމުން އައިސްފައި ވާއިރު، 2020 ވަނަ އަހަރު ފުރުސަތު ދިނީ ސައޫދީ އަރަބިއްޔާގައި ދިރިއުޅޭ 1000 މީހުންނަށެވެ. ފާއިތުވި 2021 ވަނަ އަހަރު ފުރުސަތު ދިނީ އެ ގައުމުގައި ދިރިއުޅޭ މީހުންގެ ތެރޭން 60 ހާސް މީހުންނަށެވެ. ކޮވިޑް-19 ގެ ކުރީން އެވްރެޖް ގޮތެއްގައި އަހަރަކު 2.5 މިލިއަން މީހުން ޙައްޖަށް ދެއެވެ.

ސްރީލަންކާއަށްވެސް މިިފަހަރު ލިބުނު ކޯޓާ ކުޑަވެެފައި ވާއިރު، އެ ގަައުމުން ޙައްޖަށް މީހުން ގެންދަން ކުރަން ޖެހޭ ޚަރަދު ބޮޑުވެގެން ދިއުމުން، މިއަހަރު އެ ޚަރަދު ކުރުން އެއީ ގިނަ ބަޔަކަށް ނުއުފުލޭނޭ ބުރައަކަށް ވަނީ ވެފައެވެ.

"އަހަރުމެންގެ ގައުމުގައި މިހާރު އޮތް ހާލަތާއި، ރައްޔިތުން ތަހައްމަލްކުރަމުންދާ ދަތިތަކުގެ ސަބަބުން އަހަރުމެން ދެ ޖަމާއަތުންވެސް ވަނީ މިއަހަރުގެ ޙައްޖު ގުރުބާންކުރުމަށް ނިންމާފައި." އޯލް ސިލޯން ޙައްޖު ޓުއަރ އޮޕަރޭޓާސް އެސޯސިއޭޝަނާއި ޙައްޖު ޓުއަރ އޮޕަރޭޓާސް އެސޯސިއޭޝަން އޮފް ސްރީލަންކާ އިން އެ ގައުމުގެ ޑިޕާޓްމަންޓް އޮފް މުސްލިމް ރެލިޖަސް އެފެއާޒްއަށް ފޮނުވި ސިޓީއެއްގައި ވެއެވެ. '

މި ދެ ޖަމާއަތަކީ ޙައްޖަށް މީހުން ގެންދާ އެޖެންޓުން އެކުލެވޭ ދެ ޖަމާއަތެވެ.

ޙައްޖު ޓުއަރ އޮޕަރޭޓާސްގެ ރައީސު ރިޒްމީ ރިޔާލް ވިދާޅުވި ގޮތުގައި މިއަހަރު ޙައްޖަށް މީހުން ނުގެންދަން ނިންމަވާފައިވާ ނިންމުމަކީ އެންމެންގެ އިއްތިފާގުން ނިންމާފައިވާ ނިންމުމެކެވެ. އެެއީ "ޑޮލަރު ލިބުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި" ވާތީއެވެ.

"ސްރީލަންކާގެ މުސްލިމުން ޙައްޖަށް ދިއުމުގެ މުޅި އޮޕަރޭޝަނަށް 10 މިލިއަން ޑޮލަރު ޚަރަދުވާނެ. މިއީ މިއަދު ގައުމު އޮތް ހާލަތަށް ބަލާއިރު ބޮޑު އަދަދެއް." ޑިޕާޓްމަންޓް އޮފް މުސްލިމް ރެލިޖަސް އެފެއާޒްގެ ދަށުން އެކުލަވާލާފައި އޮންނަ ނޭޝަނަލް ޙައްޖު ކޮމިޓީގެ ޗެއާމަން އަޙްކަމް ޢުވައިސްަ ވިދާޅުވިއެވެ.

"މިއަހަރުގެ ޙައްޖު ދޫކޮށްލަން މުސްލިމުން ނިންމި ނިންމުމަކީ ގައުމަށްޓަކައި ޙައްޖު ގުރުބާންކުރަން ނިންމި ނިންމުމެއް." އޭނާ އިތުރަށް ވިދާޅުވިއެވެ.

އޯލް ސިލޯން މުސްލިމް މެންސް ޔޫތު އެސޯސިއޭޝަންގެ ރައީސު ޝަހީދް އެމް. ރިސްމީ ވިދާޅުވި ގޮތުގައި މުސްލިމުންގެ ނިންމުމަކީ "މި ދަތި ވަގުތުގައި ގައުމުގެ އެެހެން މީހުންނާ އެއްބައިވަންތަކަން ހާމަކުރުމަށް" ނިންމި ނިންމުމެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.