ސްރީލަންކާގެ މުސްލިމް މިނިސްޓަރުން އިސްތިއުފާދެއްވަން ނިންމަވައިފި

ސްރީލަންކާގެ މުސްލިމް މިނިސްޓަރުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން

ސްރީލަންކާގެ ސަރުކާރުގައި ތިއްބެވި މުސްލިމް ހުރިހާ މިނިސްޓަރުން އިސްތިއުފާދެއްވަން މިއަދު ނިންމަވައިފިއެވެ. ކެބިނެޓް މިނިސްޓަރުންގެ އިތުރަށް ސްޓޭޓް މިނިސްޓަރުންނާއި، މިނިސްޓަރުންގެ ނާއިބުންވެސް އިސްތިއުފާދެއްވާނެއެވެ.

މިއަދު ހަވީރު ޓެމްޕަލް ޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިއުލާނުކުރެއްވީ މިނިސްޓަރ އޮފް ސިޓީ ޕްލޭނިންގ އެންޑް ވޯޓަރ ސަޕްލައި ރައޫފު ހަކީމެވެ.

"މިނިސްޓަރުކަމުގެ މަގާމުން އަހަރުމެން އިސްތިއުފާދިނަސް ސަރުކާރު ބަލިކަށިވާކަށް އަހަރުމެން ފުރުސަތު ނުދޭނަން. މުސްތަގުބަލުގައި (ގާނޫނުހަދާ މަޖިލީހުގެ) ފަހަތު ގޮނޑިތަކުގައި ތިބެގެންވެސް އަހަރުމެން މި ސަރުކާރު ހިމާޔަތްކުރަން މަސައްކަތްކުރާނަން." ރައޫފު ހަކީމް ވިދާޅުވިއެވެ.

މުސްލިމް މިނިސްޓްރުންގެ މި ނިންމެވުމާއެކު ކެބިނެޓް މިނިސްޓަރުން ކަމުގައިވާ ރައޫފު ހަކީމް، ކަބީރު ހާޝިމް، އެމް.އެޗް.އޭ ހަލީމް، ރިޝާދު ބަދީއުއްދީން، ސްޓޭޓް މިނިސްޓަރުން ކަމުގައިވާ މުޙައްމަދު ޤާސިމް މުޙައްމަދު ފައިޞަލް، ޙަބީބު މުޙައްމަދު މުޙައްމަދު ހަރީސް، އަމީރު ޢަލި ސިޔާދު މުޙައްމަދު ޝިހާބުއްދީން، ޢަލީ ޒާހިރު މައުލާނާ ސައްޔިދު އަދި ޑެޕިއުޓީ މިނިސްޓަރު ޢަބްދުﷲ މަހަރޫފު އިސްތިއުފާދެއްވާނެއެވެ.

މުސްލިމް މިނިސްޓަރުން އިސްތިއުފާ މިދެއްވީ އިންޑަސްޓްރީ މިނިސްޓަރު ރިޝާދު ބަދީއުއްދީނާ، އެޕްރީލް މަހު ގޮއްވި މީހުންނާ ގުޅުން އޮތްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށް އޭނާއަށް ދެކޮޅަށް އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ނިންމާފައިވާތީ އޭނާއާއެކު ތިއްބެވިކަން ހާމަކުރެއްވުމުގެ ގޮތުންނެވެ. އަދި މުސްލިމުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކާއި، މީސްމީޑިޔާގައި ފަތުރަމުންދާ ނަފުރަތާމެ ދެކޮޅުހެދުމުގެ ގޮތުންނެވެ.

"ސިފައިންނަށް ޓެރަރިސްޓުން ހޯދުމުގައި އެހީތެރިވީ މުސްލިމުން."  މިނިސްޓަރ އޮފް ޕަބްލިކް ޑިވެލޮޕްމަންޓް އަދި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ސެކްރެޓަރީ ޖެނެރަލް ކަބީރު ހާޝިމް ވިދާޅުވިއެވެ.

"ބައެއް ފަރާތްތަކުން ދަނީ ފުރުސަތުގެ ބޭނުން ހިފައިގެން ނަސްލީ ނަފުރަތު ފެތުރުމަށް މަސައްކަތްކުރަމުން. ޕާލަމެންޓުގަ އަހަރުމެން ތަފާތު ފިކުރުތައް ތަމްސީލުކުރިނަމަވެސް، އަހަރުމެން މަސައްކަތްކުރަނީ ގައުމަށްޓަކައި." އޭނާ އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރަށް، މުސްލިމް ދެ ގަވަރުނަރެއްގެ އިސްތިއުފާއަށް ގޮވާލައި ބުދުދީނުގެ ހާމުދުރަކު ބަނޑުހައިހޫނުކަމުގު ހަޅުތާލެއް ކުރަމުން ދާތީ އެ ދެ ގަވަރުނަރުންވެސް ވަނީ މިއަދު އިސްތިއުފާދެއްވާފައެވެ. ހާމުދު އަތުރަލިޔޭ ރަތަނާ ތެރޯ ހަޅުތާލުކުރަމުން ދިޔައީ ވެސްޓަން ޕްރޮވިންސުގެ ގަވަރުނަރު އަޒަތު ސާލީއާއި، އީސްޓަން ޕްރޮވިންސުގެ ގަވަރުނަރު އެމް.އެލް.އޭ.އެމް ހިޒްބުﷲ އިސްތިއުފާ ނުދެއްވައިގެންނެވެ.

އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވުމާއެކު ހާމުދުރު ވަނީ އޭނާގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.