އިސްރައްވެހިން ބާކީ ކޮއްލުމަކީ ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް: އަސްރާ

އިސްރައްވެހިން ބާކީ ކޮއްލުމަކީ ގައުމެއް ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސްޕޯކްސް ޕަރސަން އަސްރާ އަހްމަދު ވިދާޅުވެއްޖެއެވެ.

އެމްއެންޕީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްރާ ވިދާޅުވީ ތަރައްގީއަކީ ހަމައެކަނި ކޮންކްރީޓް އިމާރާތްތަކެއް އެޅުމެއްނޫން ކަމަށާއި ގައުމެއްގެ ހުރިހާ ފުރައެއްގެ، ހުރިހާ ޖިންސެއްގެ އަދި ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ނުދެވެންޏާ އެއީ ތަރައްގީ ކަމަކަށް ނުދެކެވޭނެ ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން އެންމެއެދެވޭ ގޮތުގައި ޕެންޝަންގެ ހައްގުވެރިންނަށް ލިބިގެންނުދާކަމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި މައްސަލަ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލުމުން އެކަމަށް ޢީޝާރާތް ކުރައްވައެވެ.

އެމްއެންޕީ ގެ ޕީޖީ ލީޑަރ އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މަޖިލީހަށް ހުށަހެޅުއްވި މައްސަލއަށް ރިޔާޢަތް ކުރައްވާ އަސްރާ ވިދާޅުވީ ރިޓަޔަރ ވުމަކީ އެކްސްޕަޔަރ ވުމެއް ނޫން ކަމަށާއި އެކްސްޕަޔަރ ވުމަކީ ދުނިޔެ ދޫކޮށް ދިއުން ކަމަށެވެ. އެހެންކަމުން ދުނިޔޭގައި އިންސާނާ ހުރިހާ ހިނދެއްގަ މި ލިބެންޖެހޭ ހައްގުތައް ލިބެންވާނެ ކަމަށް އަސްރާ ވިދާޅުވިއެވެ.

"ވީމާ ހުރިހާ ޒުވާނުންނަށް އިލްތިމާސްކުރަނީ އަޅުގަނޑުމެންގެ މުސްތަގްބަލަށްޓަކައި މިކަމަށް ވަކާލާތުކޮށް އަޑުއުފުލުމަށް ނުކުތުމަށް. އެދުވަހު އެމްއެންޕީއިން ހުށަހެޅީ ގައުމުގެ އަސްލު ބަތޮލުންގެ ހައްގުގަ މައްސަލައެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިސްރައްވެހިން ބާކީ ކޮއްލުމަކީ ގައުމެއް ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ފިޔަވަޅެއް." އަސްރާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ މައްސަލަ މަޖިލީހުން ބޭރުކޮށްލި މަންޒަރު ފެނިފައި ހިތަށް މާޔޫސްކަން ލިބުނު ކަމަށާއި އެ މައްސަލަ ކިޔައިލެއްވުމުން ފާހަގަ ވެގެންދަނީ އެތައް އަހަރެއް ވަންދެން ގައުމަށް ޚިދުމަތްކޮށްދީ ރިޓަޔަރވާ މީހާއާއި އެތައް އަހަރެއް ވަންދެން ޖަލުގައި އޮވެ 65 އަހަރު ވާ މީހާއާއި ޕެންޝަން ދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ނެތްކަން ކަމަށް އަސްރާ ވިދާޅުވިއެވެ.

އަސްރާ ވިދާޅުވީ އަޅުގަނޑުމެން ހަމަހަމަކަން ބޭނުން ކަމަށާއި ނަމަވެސް މިއީ އަޅުގަނޑުމެން އެންމެ ގަބޫލްކުރާފަދަ ހަމަހަމަކަމެއް ނޫން ކަމަށެވެ. މިއީ އެތައް އަހަރެއް ވަންދެން ގައުމަށް ޚިދުމަތްކޮށްދެއްވާފައިވާ އިސްރަށްވެހިންނަށް ވެވޭ ބޭ އިންސާފެއް ކަމަށް ވެސް ވިދާޅުވިއެވެ.

މިގޮތުން އެބޭފުޅުން ރިޓަޔަރވެ ގޭގައި އަރާމްކުރަންވީ ވަގުތު އެބޭފުޅުންނަކީ ގައުމަށް އޮތް ލަޔަބިލިޓީއެއް ނުވަތަ ބަޖެޓަށް އޮތް ބުރައެއް ނުވަތަ ތަކްލީފެއްކަމަށް ދެކިގެން ނުވާނެ ކަމަށް ވެސް އަސްރާ ވިދާޅުވިއެވެ.

"ޕެންޝަން އޮފީހުން އަޅުގަނޑުމެން މި އެދޭގޮތަށް އިންސާފުވެރިކަމާއެކީ ޕެންޝަން ނުދެވެނީ ބަޖެޓަށް ބުރަވާތީކަމަށް ވަނީ އަންގާފަ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ 2021 ގެ އެނުއަލް ރިޕޯޓުގައިވާގޮތުންނަމަ މިވަގުތު 1500 ޕެންޝަނަރުން އެބައުޅުއްވާ. އަދި މި ޕެންޝަނަރުންނަށް މުޅި ޖުމްލަ އަހަރަކަށް ގާތްގަނޑަކަށް 123 މިލިއަން ރުފިޔާ ޕެންޝަންގެ ގޮތުގައި އެބަ ދެވޭ. (މިއީ ބޮލަކަށް 6000ރ ގެ ރޭޓުން)." ތަފާސް ހިސާބުތަކުގެ އަލީގައި އަސްރާ ވިދާޅުވިއެވެ.

އަންދާޒާކުރެވޭ ގޮތުގައި މީގެ 30 އަހަރު ފަހުން ދެލައްކަ ޕެންޝަނަރުންނަށް މި ރޭޓުގައި 16 ބިލިއަން ރުފިޔާ އަހަރަކަށް ޕެންޝަންގެ ގޮތުގައި ދެވޭނެ ކަމަށާއި މިގޮތުން ޕެންޝަން އޮފީހުގެ އެނުއަލް ރިޕޯޓަށް ބަލައިލާ އިރު މިހާރުވެސް ދެ ލައްކަ މީހުންނަށް ޕެންޝަން ދެވޭނެ ވަރުގެ ޕެންޝަން ފަންޑް އެބަހުރިކަން އަސްރާ ފާހަގަ ކުރެއްވިއެވެ.

"މިކަން އެނގިގެންދަނީ ހިސާބު ހަދާލީމާ ކަލެކްޓިވް ފަންޑްސްގެ ގޮތުގަ 17 ބިލިއަން ރުފިޔާ ހުރީމަ. ނަމަވެސް އަދިވެސް ޕެންޝަން އޮފީހުން އަންގަނީ ފަންޑް ނެތީމައޭ އަޅުގަނޑުމެން މިއެދޭ ގޮތަށް އިންސާފުވެރިކަމާއެކު ޕެންޝަން ދެވެން ނެތީ. މިކަމުން ދޭހަވަނީ ދައްކާ ވާހަކަ އާއި ފެންނަން ހުރި ހިސާބުތަކާއި ދިމާ ނުވާކަން." އަސްރާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.