އަފްޣާނިސްތާނުގައި އަންހެން ޓީވީ ހުށަހެޅުންތެރިން މޫނު ނިވާކޮށްގެން ތިބުމަށް އަންގައިފި

30 މޭ 2017 ގައި އަފްޣާނިސްތާނުގެ ޒަން ޓީވީ (އަންހެނުންގެ ޓީވީ) ގެ ހުށަހެޅުން ތެރިޔާ ބަސީރާ ޖޯޔާ ޕްރޮގްރާމެއް ރެކޯޑްކުރަނީ

އަފްޣާނިސްތާނުގައި އަންހެން ހުށަހެޅުންތެރިން ޓީވީއަށް އަރާއިރު މޫނު ނިވާކޮށްގެން ތިބުމަށް އެ ގައުމުގައި ވެރިކަންކުރާ ޠާލިބާން ޖަމާއަތުން އަމުރުކޮށްފިއެވެ.

އެ ގައުމުގެ ޓޯލޯ ނިއުސް ޗެނެލްއިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުން މިކަމަށް އަމުރުކުރީ ޠާލިބާން ސަރުކާރުގެ ހެޔޮކަންތަކަށް އަމުރުކުރުމާއި، ނުބައިކަންތައް ނަހީކުރުމާ ބެހޭ މިނިސްޓްރީއާއި ސަގާފަތާއި މައުލޫމާތާއި ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ވަނީ "އެއީ އެނިންމުމާ މެދު އިތުރަށް ބަހުސުކުރެވެން ނެތް ފަހުގެ ނިންމުން ކަމުގައި ކަމަށް އެ ޗެނެލުން ބުނެފައި ވެއެވެ.

ދެ މިނިސްޓްރީގެ ބަޔާން ޓޯލޯ ނިއުސް ޗެނެލް ހިންގާ މޯބީ ގްރޫޕަށް ފޮނުވާފައި ވާއިރު، ޓީވީ ޗެނެލްތައް ހިންގާ އެހެން ނެޓްވާކްތަކަށްވެސް ވަނީ ފޮނުވާފައެވެ.

އަފްޣާނިސްތާނުގައި ޚަބަރު ފަތުރާ އެހެން ޗެނެލަކުންވެސް ޔަގީންކޮށްދީފައި ވާގޮތުގައި އެ ޗެނެލަށްވެސް ވަނީ އެ ބަޔަން ފޮނުވައި އޭގައި ވާގޮތަށް އަމަލުކުރުމަށް އަންގާފައެވެ. އަދި އެ ނިންމުމާމެދު އިތުރަށް ވާހަކަދެއްކެން ނެތްކަމަށްވެސް ވަނީ ބުނެފައެވެ. އެ ޗެނެލުން ބުނި ގޮތުގައި އެމީހުންނަށް އެ އެންގުމަށް އަމަލުކުރުން ނޫން ގޮތެއް ނެތެވެ. އަދި އެ ޗެނެލުން ވަނީ ޠާލިބާން ސަރުކާރުން އަޅާފާނެ ފިޔަވަޅަކަށް ބިރުން އެއީ ކޮން ޗެނަލެއްކަން ހާމަނުކުރުމަށް އެދިފައެވެ.

ޠާލިބާންގެ މިއެންގުމަށް ފަހު ވަރަށް ގިނަ ޓީވީ ހުށަހެޅުންތެރިން ވަނީ މާސްކު އަޅައިގެން ތިބެ ނަގާފައިވާ ފޮޓޯތައް ޓުވީޓުކޮށްފައެވެެ. ޓޯލޯ ޗެނެލްގެ މަޝްހޫރު ހުށަހެޅުންތެރިޔާ ޔަލްދާ ޢަލީ ވަނީ އޭނާ މާސްކު އަޅައިގެން އިން ވީޑިއޯއެއް އާއްމުކުރުމަށް ފަހު "ހެޔޮކަންތަކަށް އަމުރުކުރުމާ ބެހޭ މިނިސްޓްރީގެ އަމުރަށް އަންހެނަކު ފޮހެލަނީ" މިހެން ލިޔެ ޓުވީޓުކޮށްފައެވެ.

އެހެން ޓީވީ ޗެނަލެއް ކަމުގައިވާ ޝަމްޝާދް ޓީވީއަށް އަންހެން ހުށަހެޅުންތެރިންގެ ތެރޭން އެކަކު މާސްކު އަޅައިގެން އެރިއިރު، އަނެކަކު އެރީ މާސްކެއް ނާޅާއި، މޫނު ނިވާނުކޮށެވެ.

ޠާލިބާން ޖަމާއަތުން 1996 ވަނަ އަހަރުން 2001 ވަނަ އަހަރަށް އަފްޣާނިސްތާނުގައި ވެރިކަން ކުރި އަންހެނުން މުޅި ހަށިގަނޑު ނިވާކުރާ ހިޖާބު އަޅައިގެން ބޭރަށް ނުކުތުމަށް ވަނީ މަޖުބޫރުކޮށްފައެވެ. އެ ހިޖާބުގައި ދެ ލޯވެސް ހުންނަނީ ދާ ކޮޅަކުން ނިވާކޮށްފައެވެ.

ފާއިތުވި އޮގަސްޓު މަހު އަލުން ވެރިކަން އަތުލުމަށް ފަހު، ޠާލިބާނުން ފުރަތަމަ ބުނަމުން ދިޔައީ އެމީހުން ގެންގުޅޭނީ މެދުމިނުގެ އުސޫލަތެއް ކަމުގައެވެ. އެހެންނަމަވެސް، ފަހުން ވަނީ ކުރިން ވެރިކަން ކުރިއިރު ގެންގުޅުނު އުސޫލުތައް ތަންފީޒުކުރަން ފަަށާފައެވެ. އެގޮތުން އަންހެނުންނަށް މުޅި ހަށިގަނޑު ނިވާކުރާ ހިޖާބު ލައިގެން އުޅުން މަޖުބޫރުކޮށްފައި ވާއިރު، މަދަރުސާތަކުގައި ގްރޭޑް 6 އަށްވުރެ މަތީ ކްލާސްތަކަށް އަންހެންކުދިން ދިއުން ވަނީ މަނާކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.