ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް އަފްޣާނިސްތާނުގެ އަވަށްޓެރިން ޠާލިބާނުންނަށް ގޮވާލައިފި

ޠާލިބާން ހަނގުރާމަވެރިންގެ ބަޔަކު ކާބުލްގައި ހުންނަ ޕާކިސްތާނު އެމްބަސީ ކައިރީގައި އިހުތިޖާޖުކުރަނީ

އަފްޣާނިސްތާނުގައި ތަފާތު ފަރާތްތައް ހިމެނޭ، މެދުމިނުގެ ސިޔާސަތެއް ގެންގުޅޭ ގަައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް އެގައުމުގެ އަވަށްޓެރިން ޠާލިބާން ޖަމާއަތަށް ގޮވާލައިފިއެވެ.

މިގޮަތަށް ގޮވާލާފައިވަނީ ޠާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ފާއިތުވި އޮޮގަސްޓް މަހު 15 ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ވަދެ އެގައުމުގެ ވެރިކަން އަތުލިފަހުން، އެގައުމުގެ އަވަށްޓެރި ގައުުމުތަކުން ބޭއްވި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައެވެ.

މި ބަޔާން ނެރެފައި ވަނީ ޕާކިސްތާނުގެ ދައުވަތަކަށް ޕާކިސްތާން، ޗައިނާ، އީރާން، ތަޖިކިސްތާން، އުޒްބަކިސްތާން އަދި ތުރްކުމަނިސްތާނުގެ ޚާރިޖީ ވަޒީރުން ބޭއްވެވި ވާޗުއަަލް ބައްދަލުވުމަށް ފަހުގައެވެ.

އަފްޣާނިސްތާނުގައި ސުލްހަ ގާއިމުކުރުމާއި، ގައުމު އަލުން ބިނާކުރުމުގެ މަސްއޫލިޔަތާ އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ހަވާލުވުމަށް އެ ބަޔާނުގައި ގޮވާލާފައި ވެއެެވެ. ބަޔާނުގައި ބުނެފައިވަނީ މި ކަމުގައި އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރު ގައުމުތަކުން އިސްނަގައިގެން، ކޮންމެެހެން ބޭނުންވާ އިގުތިސާދީ އަދި އިންސާނީ އެހީ އަފްޣާނިސްތާނަށް ފޯރުކޮށްދިނުން މުހިއްމު ކަމުގައެވެ.

"ބައިނަލްއަގްވާމީ މުޖުތަމައުން އަފްޣާނިސްތާނުގެ ރައްޔިތުން ދޫކޮށްލައިގެން ނުވާނެ." އެ ބަޔާނުގައި ވެއެވެ.

"މެދުމިނުގެ ސިޔާސަތު ގެންގުޅޭ، އަފްޣާނިސްތާނުގެ އަވަށްޓެރިންނާ ރަހުމަތްތެރި ސިޔާސަތެއް ގެންގުޅޭ، ތަފާތު ނަސްލުތަކާއި، ކުޑަކުދިންނާއި، އަންހެނުން ހިމެނޭހެން ހުރިހާ ފަރާތެއްގެ އަސާސީ އިންސާނީ ހައްގުތަކަށް އިހުތިރާމުކުރާ، ހުޅުވާލެވިފައިވާ، ތަފާތު ފަރާތްތަައް ހިމެނޭ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް" އެކުލަވާލުމަށް އަވަށްޓެރި ގައުމުތަކުގެ ބަޔާނުގައި ޠާލިބާނުންނަށް ގޮވާލާފައި ވެއެވެ.

އަފްޣާނިސްތާނަށް ބޭނުންވާ ތަކެތި ފަސޭހައިން އެތެރެކުރެވޭ ގޮތަށާއި، ދަތުރުކުރާ މީހުންނަށް ފަސޭހަވާ ގޮތަށް ވައިގެ ބަނދަރުތަކާ، އަވަށްޓެރި ގައުުތަކަށް ދަތުރުކުރެެވޭ މަގުތައް ހުޅުވާފައި ބެހެއްޓުމުގެ މުހިއްމުކަން ފާހަގަކޮށް، އެކަމަށް މަގުފަހި ކުރުމަށްވެސް ބަޔާނުގައި ޠާލިބާނުންނަށް ގޮވާލާފައި ވެއެވެ.

އަފްޣާނިސްތާނުގެ އަވަށްޓެރި ގައުމުތަކުގެ ޚާރިޖީ ވަަޒީރުންގެ ބައްދަލުވުން ބާއްވާފައި މިވަނީ ޠާލިބާން ޖަމާއަތުން މުއްލާ ޙަސަން އަޚުންދް އިސްވެ ހުންނަވާ، ހަރުކަށި ފިކުރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ އިންތިގާލީ ސަރުކާރެއް އެކުލަވާލާފައި ވަނިކޮށެވެ. އެ ސަރުކާރުގައި އިސްކޮށް ތިއްބެވީ މުޅިންވެސް ޠާލިބާން ޖަމާއަތުގެ އިސްބޭފުޅުންނެވެ. އެމެރިކާގެ 'ވޯންޓެޑް' ލިސްޓުގައި ހިމެނޭ އަދި ޙައްޤާނީ ނެޓްވާކްގެ ލީޑަރު ސިރާޖުއްދީން ޙައްޤާނީއަކީ އެ ސަރުކާރުގެ ދާޚިލީ ވަޒީރެވެ.

މި ބައްދަލުވުމުގެ ކުރިންވެސް ޕާކިިސްތާނުން ބުނެފައި ވަނީ އަފްޣާނިސްތާނުގައި ޠާލިބާނުން އެކުލަވާލި ސަރުކާރު ގަބޫލުކުރާނީ ސަރަހައްދުގެ އެހެން ގައުމުތަކާ ޚިޔާލު ބަދަލުކުރުމަށް ފަހުގައި ކަމަށެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.