ޠާލިބާނުން ނޯވޭގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިންމާލައިފި

ޠާލިބާނުން ނޯވޭގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރޭން

ނޯވޭގެ ވެރިރަށް އޮސްލޯގައި އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާންގެ ވަފުދަކުން ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިންމާލައިފިއެވެ. ޠާލިބާން ސަރުކާރުގެ ޚާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި އަމީރް ޚާން މުއްތަޤީ ވަނީ ހުޅަނގުގެ ޑިޕްލޮމޭޓުންނާއި އެހެން ބައެއް ވަފުދުތަކާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ތައުރީފުކުރައްވާފައެވެ. އެހެންނަމަވެސް، މިވާހަކަތަކުގައި ޔޫރަޕާއި އެމެރިކާގެ މަންދޫބުން ވަނީ އަފްޣާނިސްތާނަށް އިންސާނީ އެހީ އެހީ ފޯރުކޮށްދެވޭނީ އެގައުމުގައި މިހާރު އޮތް ސަރުކާރުން އިންސާނީ ހައްގުތަކުގެ ކަންކަން ރަނގަޅުކޮށްގެންކަން ޠާލިބާނުންނަށް އަންގާފައެވެ.

ޚަބަރުފަތުރާ ވަސީލަތްތަކަށް ހުޅުވާނުލައި، އޮސްލޯގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް ބާއްވާފައި މިވަނީ އަފްޣާނިސްތާނަށް ވަރަށް ނާޒުކު ދަނޑިވަޅެއްގައެވެ. އެމެރިކާ ސިފައިން ފޭބުމާ ގުޅިގެން، ހުޅަނގުގެ ތާއީދުއޮތް ސަރުކާރުވެއްޓުމާއެކު އަފްޣާނިސްތާނަށް ދިމާވި އިގުތިސާދީ ދަތިކަން ވަނީ، މި ފިނި މޫސުމުގެ ގަދަ ފިންޏާއެކު އިތުރަށް ގޯސްވެފައެވެ.

"މިއީ ވަރަށް ރަނގަޅު ދަތުރެއް. މިފަދަ ދަތުރުތައް ދުނިޔެއާ އަހަރުމެންނާ އިތުރަށް ކައިރިކޮށްދޭނެ." އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން މުއްތަޤީ ވިދާޅުވިއެވެ.

އެހީދޭ ޖަމާއަތްތަކާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ލަފާކުރާ ގޮތުގައި އަފްޣާނިސްތާނުގެ 23 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅައެއްބައި (ގާތްގަނޑަކަށް 23 މިލިއަން) މީހުންނަށް ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާ ކަމުގައެވެ. އަދި 9 މިލިއަން މީހުން ބަނޑަށް ޖެހުމުގެ ފުރުސަތު އޮތްކަމުގައެވެ.

"ކޮންމެ ހަމަނުޖެހުމަކުން އަފްޣާނިސްތާނު ސަލާމަތްކުރުމަށާއި، އެހީދެ ފަރާތްތައް ޝައުގުވެރިކުރުވުމަށާއި، އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދުމަށް ޠާލިބާން ސަރުކާރު އޮތީ ތައްޔާރަށް." މުއްތަޤީ ވިދާޅުވިއެވެ.

ޠާލިބާނުން ދަނީ އެޖަމާއަތުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއެކު އެމެރިކާއާއި ޔޫރަޕުން ހިފަހައްޓާފައިވާ އެގައުމުގެ 10 ބިލިއަން ޑޮލަރު ހޯދުމަށް އެދެމުންނެވެ. އެހެންނަމަވެސް، އޮސްލޯގެ މަޝްވަރާތަކުގައި އެކަމަށް ގޮތެއް ނިންމާފައި ނުވެއެވެ. އދ.ން ދަނީ ކޮންމެވެސް ވަރަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި އެހީތެރިކަމާއެކު، މުދާ އިމްޕޯޓުކުރުމާއި، ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ދިނުމުގެ މަގު ޠާލިބާނުންނަށް ވަނީ ފަހިވެފައެވެ.

ޠާލިބާނުން އެދޭ ކަންކަން ކޮށްދިނުމުގެ ކުރިން ޠާލިބާނުން ކުރަންޖެހޭ ކަންކަން ހުޅަނގުން ދަނީ ހުށަހަޅަމުންނެވެ. އޭގެ ތެރޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކުރުމާއި، އަންހެންކުދިންނަށް ކިޔެވުމުގެ ފުރުސަތާއި، އަންހެނުންނަށް ވަޒީފާގެ ފުރުތަސުތު ދިނުމާއި، ހުރިހާ ސިޔާސީ ފަރާތްތައް ހިމެނޭ ސަރުކާރެއް އެކުލަވާލުން ހިމެނެއެވެ.

އާދީއްތަ ދުވަހު އޮސްލޯއަށް ދިޔަ ޠާލިބާން ވަފުދުން ފުރަތަމަ ބައްދަލުކޮށްފައި ވަނީ އަފްޣާން މުޖުތަމައު ތަމްސީލުކުރާ އެކިއެކި ފަރާތްތަކާއެވެ. އެއަށްފަހު، އީޔޫ، އެމެރިކާ އަދި އިނގިރޭސިވިލާތުގެ ޑިޕްލޮމޭޓުންނާ ވަކިވަކިން ބައްދަލުކޮށްފައި ވެއެވެ.

ނޯވޭއިން ބުނެފައި ވަނީ ޠާލިބާންގެ ވަފުދަކަށް އެގައުމުން މަރުހަބާ ކިއުމަކީ ޠާލިބާން ސަރުކާރު ރަސްމީގޮތުން ގަބޫލުކުރުން ނޫންކަމުގައެވެ. އެއީ އެމީހުންނާ ވާހަކަދައްކައި، އެމީހުންނަށް ދޭން ބޭނުންވާ މެސެޖުތައް ދިނުމަށް ހުޅުވާލި ފުރުސަތެއް ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.