އަފްޣާނިސްތާނުގެ އުތުރުގައި ހިނގާ ހަނގުރާމައިގައި ހަލުވިކަމާއެކު ކުރިހޯދަމުންދާ ޠާލިބާން ހަނގުރާމަވެރިންނަށް ފިލަން އަފްޣާނިސްތާނު ސަރުކާރު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު ސަރަހައްދީ ރޮނގު ހުރަސްކޮށް އަވަށްޓެރި ތަޖިކިސްތާނަށް ވަދެއްޖެއެވެ.
އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންނާއި ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ ސިފައިން އެގަައުމުން ފައިބަން ފެށުމާއެކު ޠާލިބާން ޖަމާއަތުން ވަނީ ހަމަލާތައް ވަރުގަދަކޮށް ގިނަ ސަރަހައްދުތަކެއް އެޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އެގައުމުގެ އުތުރަށް އޮންނަ ތަޖިކިސްތާނުގެ ސަރަހައްދީ ރޮނގު ހުރަސްކުރާ މައި ޗެކް ޕްއިންޓުވެސް ޠާލިބާނުން ވަނީ ހިފާފައެވެ.
ތަޖިކިސްތާނުގެ ނޭޝަނަލް ސެކިއުރިޓީ ކޮމިޓީން އިއްޔެ ބުނި ގޮތުގައި އަފްޣާނިސްތާނު ސަރުކާރު ސިފައިންގެ 1037 މީހުން މީހުން ވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް އެ ގައުމަށް ވަދެފައެވެ. އަދި އެގޮތަށް އެމީހުން އަމަލުކުރީ ކުރީރޭ ޠާލިބާނުންނާ ބަދަލުކުރެވުނު ހަމަލާތަކަށް ފަހު "ފުރާނަ ސަލާމަތްކުރަން" ކަމަށްެ އެމީހުން ބުނާކަމަށް އެ ކޮމިޓީން ބުނެފައި ވެއެވެ.
"ރިިވެތި އަވަށްޓެރިކަމުގެ އުސޫލަށް ރިއާޔަތްކުރުމާއެކު، އަފްޣާނިސްތާނުގެ ދާޚިލީ ކަންކަމާ ނުބެހުމުގެ ސިޔާސަތަށް ފުރިހަމަށް ތަބާވުމާއެެކު، އަފްޣާން ސަރުކާރު އަސްކަރީ ބާރުގެ މީހުންނަށް ވަނީ ތަޖިކިސްތާނުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައެވެ." ތަޖިިކިސްތާނުގެ ރަސްމީ ޚަބަރުފަތުރާ އިދާރާ ޚޮވަރް މެދުވެރިިކޮށް ސެކިއުރިޓީ ކޮމިޓީން ނެރުނު ބަޔާނެއްގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ތަޖިކިސްތާނާ އަފްޣާނިސްތާނު ގުޅޭ ސަރަހައްދީ ރޮނގާ އިންވެގެން އޮންނަ ބަދަޚްޝާން ޕްރޮވިންސުގެ ހަ ޑިސްޓްރިކްޓެއް މިހާރު ވަނީ ޠާލިބާންގެ "ފުރިހަމަ ކޮންޓުރޯލު"ގެ ދަށުގައެވެ.
ޠާލިބާނުން އަފްޣާނިސްތާނުގެ ގިނަ ޑިސްޓްރިކްޓްތަކެއް ހިފާފައިވާއިރު، އެމެރިކާއާއި ނޭޓޯގެ ސިފައިން ފޭބުމާއެކު އަފްޣާން ސަރުކާރުގެ އަސްކަރިއްޔާ ރޫޅިގެން ހިނގައިދާނެ ކަމުގެ ބިރު މިހާރުވަނީ ހީވެފައެވެ.
ހޮނިހިރު ދުވަހު ޠާލިބާން ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެޖަމާއަތުން ވަނީ އަފްޣާނިސްތާނުގެ އުތުރުގެ އިތުރު ފަސް ޑިސްޓްރިކްޓެއް ހިފާފައެެވެ. ސަރުކާރު ސިފައިން ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގައި ހިނގި ހަނގުރާމައިގައި ޠާލިބާންގެ 228 ހަނގުރާމަވެރިން މަރުވެފައި ވެއެވެ.
އަފްޣާނިސްތާނުގެ ސިފައިންގެ ގިނަ އަދަދެއްގެ ބަަޔަކު ފިލަމުން ނުވަތަ ޠާލިބާނުންނަށް އަމާންދެމުން ދާތީ ސަރުކާރުން މިހާރު ވަނީ އަމިއްލައަށް ހަނގުރާމައިގަައި ބައިވެރިވާން އެދިގެން ނުކުންނަ އާއްމުންނަށް ހަތިޔާރުދީ ހަނގުރާމައިގައި ބައިވެރިކުރަމުންނެވެ.