އުތުރު ކޮރެޔާގައި ކޮވިޑް-19 ފެތުރިފައިވާ ކަމަށް އެގައުމުން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ

އުތުރު ކޮރެޔާގެ ވެރިރަށް ޕިޔޮންގްޔަންގްގެ މަންޒަރެއް

ކޮވިޑް-19 އެގައުމައި ފެތުރިފައިވާ ކަމަށް ފުރަތަމަ ފަހަރަށް އުތުރު ކޮރެޔާގެ ސަރުކާރުން ބުނެފިިއެވެ. ކޮވިޑް-19 ގެ އެންމެ ހަލުވިކޮށް ފެތުރޭ ވައްތަރު، އޮމިކްރޯން (ބީއޭ-2) ވެރިރަށް ޕިޔޮންގްޔަންގުން ފެނިފައިވާކަން ހާމަކުރަމުން ސަރުކާރުން ވަނީ މުޅި ގައުމު ލޮކްޑައުންކޮށްފައެވެ.

"އަހަރުމެންގެ ކަރަންޓީނުގެ އިސް ސަފުގައި ބާގަނޑެއް ހެދުމުގެ ސަބަބުން، ގައުމަށް މިވަނީ އެންމެ ބޮޑު ނުރައްކަލުގެ ހާލަތު ކުރިމަތިވެފައި، ކަރަންޓީގެ އިސް ސަފު ވަނީ ފާއިތުވި 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ދެ އަހަރާ ތިންމަސްދުވަހު ރައްކާތެރިކަމާއެކު ބެލެހެއްޓިފައި." ރަސްމީ ޚަބަރުފަތުރާ ވަސީލަތްތަކުން މިއަދު ހެނދުނު އާއްމުކުރި ބަޔާނެއްގައި ވެއެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވް ބަޔަކު ވަނީ ޕިޔޮންގްޔަންގުން ފެނިފައެވެ. އެހެންނަމަވެސް، ޖެހުނި ކިތައް މީހުންނަށް ކަމާއި، އެމީހުންނަށް އެބަލި ޖެހުނީ ކޮންތާކުން ކަމެއް ހާމަކޮށްފައި ނުވެެއެވެ.

މި ބަޔާން އާއްމުކޮށްފައި މިވަނީ ކޮވިޑް-19 އާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާމެދު ބަހުސްކުރުމަށް ޒައީމު ކިމް ޖޮންގް އުންގެ ރިޔާސަތުގައި ވާކާސް ޕާޓީގެ ބައްދަލުވުމެއް ބާއްވާފައި ވަނިކޮށެވެ.

"ގައުމު ހުރިހާ ރަށްތަކާއި އަވަށްތަކަކުން އެތަންތަނުގެ ސަރަހައްދު ފުރިހަމައަށް ލޮކްޑައުން ކުރުމަށް" ޒައީމު އަމުރުކުރައްވާފައިވާ ކަމުގައި އުތުރު ކޮރެޔާގެ ރަސްމީ ޚަބަރު ފަތުރާ އެެޖެންސީ، ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުނެފައި ވެއެވެ.

މިއަދާއި (ބުރާސްފަތި، 12 މޭ އާއި) ހަމައަށް އުތުރު ކޮރެޔާގެ ސަރުކާރުން އައީ އެގައުމުގައި ކޮވިޑް-19 އޮތްކަމަށް އިންކާރުކުރަމުންެނެވެ. އެހެންނަަމެވެސް، ޖަޕާނާއި، އެމެރިކާއާއި، އެހެން ގިނަ ގައުމުތަކަކުން އައީ އެބަލި އޮތުރު ކޮރެޔާގައި އޮތް ކަމަށް ޝައްކުކުރަމުންނެވެ.

ދުނިޔޭ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދުނިޔޭ ގައުމުތަކަށް ކޮވިޑް-19 ގެ ވެކްސިން ފޯރުކޮށްދެން ހިންގާ ކޮވެކްސް ޕްރޮގްރާމުގެ ދަށުން އުތުރު ކޮރެޔާއަށް ފޮނުވަން މަސައްކަތްކުރި ވެކްސިން ބަލައިގަތުމަށް ވެސް އުތުރު ކޮރެޔާއިން ވަނީ މީގެ ކުރިން ދެކޮޅުހަދާފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް އަމިއްލަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދާކަމަށް އުތުރު ކޮރެޔާއިން 2020 ވަނަ އަހަރުގެ އޮގަސްޓު މަހު ބުނި ކަމުގައި ވިޔަސް، އޭގެ ފަހުން އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.

އުތުރު ކޮރެޔާގެ ސިއްހީ ނިޒާމަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައި ނުވާ ސިއްހީ ނިޒާމަކަށް ވާތީ، އެގައުމުގައި ކޮވިޑް-19 ފެތުރިގެންފި ނަމަ، އެކަން ވެގެންދާނީ އެގައުމަށް ކުރިމަތިވާ ބޮޑު ކާރިސާއަކަށެވެ.

ކޮވިޑް-19 އުތުރު ކޮރެޔާއިން ފެނުނު ކަމުގެ ޚަބަރާއެކު، ދެކޮނު ކޮރެޔާގެ ރިޔާސީ ގަނޑުވަރުން ބުނެފައި ވަނީ، އުތުރު ކޮރެޔާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެގައުމުން ތައްޔާރަށް އޮތްކަމުގައެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.