ކޮވިޑް- 19 ފެނިގެން އުތުރު ކޮރެޔާގައި ކުއްލި ހާލަތު އިއުލާންކޮށްފި

ދެކޮނު ކޮރެޔާއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ އުތުރު ކޮރެޔާގެ ރަށަކުން ކޮވިޑް- 19 އަށް ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެން އެރަށް ލޮކްޑައުންކޮށް އެގައުމުގައި "އެންމެ މަތީ ދަރަޖައިގެ" ކުއްލި ހާލަތު އިއުލާންކޮށްފިއެެވެ.

އުތުރު ކޮރެޔާގެ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން މިއަދު ހެނދުނު ބުނި ގޮތުގައި ކޮވިޑް- 19 އަށް ޕޮޒިޓިވްވި މީހާއަކީ މީގެ ތިން އަހަރު ކުރިން ފިލައިގެން ދެކުނު ކޮރެޔާއަށް ދިއުމަށް ފަހު ސަރަހައްދީ ރޮނގު ހުރަސްކޮށް އަނބުރައި އުތުރު ކޮރެޔާއަށް ހުރަސްކުރި މީހެެކެވެ.

ކޭސީއެންއޭއިން އިތުރަށް ބުނެފައިވާ ގޮތުގައި އޭނާގެ އެތައް ޓެސްޓެއް ހެދުމަށްފަހު، އޭނާއާއި ބައްދަލުވި މީހުންނާއި ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ކައެސޮންގ ސިޓީއަށް ދިޔަ މީހުން ވަނީ ކަރަންޓީނުކޮށްފައެެވެ.

ޕޮޒިޓިވްވި މީހަކު ފެނުނުކަން ހާމަކުރި އިރު، އެއީ އުތުރު ކޮރެޔާގައި ކޮވިޑް- 19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާތޯ ނުވަތަ ނޫންތޯ ނިއުސް އެޖެންސީން ބުނެފައި ނުއެވެެއެވެ. އެހެންނަމަވެސް، ޒައީމު ކިމް ވަނީ ވެރިކަންކުރާ ވާކާސް ޕާޓީގެ ޕޮލިޓިކަލް ބިއުރޯގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި، އިއްޔެ ފެނުނު މީހާއަކީ އުތުރު ކޮރެޔާއިން ކޮވިޑް- 19 އަށް ޕޮޒިޓިވްވި މީހާއަށް ވެދާނެ ކަމަށް ވިދާުޅުވެފައެވެ.

"ނުރައްކާތެރި ވައިރަސް އަހުރުމެންގެ ގައުމަށް ވަދެއްޖެ ކަމަށް ބުނެވިދާނެ ފަދަ ނާޒުކު ހާލަތެއް މިވަނީ އައިސްފައި." ކުއްލި ހާލަތު އިއުލާންކުރައްވަމުން ކިމް ވިދާޅުުވިކަަމަށް ކޭސީއެންއޭއިން ބުނެފައި ވެއެވެ.

މިއަދާ ހަމައަށް އުތުރު ކޮރެޔާއިން ބުނަމުން އައިސްފައި ވަނީ އެ ގައުުމުގައި ކޮވިޑް- 19 ނެތް ކަމަށެވެ. އެހެންނަމަވެސް، އެ ވާހަކަ ގިނަ ބަޔަކު ގަބޫލުނުކުރެއެވެ.

އުތުރު ކޮރެޔާގައި ކޮވިޑް- 19 ފެތުރެންފަށައިފި ނަމަ، އެކަން ވެގެންދާނީ އުތުރު ކޮރެޔާގެ ސިއްހީ ނިޒާމަށް ކުރިމަތިވާ ވަރުގަަދަ އިމްތިހާނަކަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.