އިސްރާއީލުން މިއަހަރުގެ މިހާތަނަށް ފަލަސްޠީނުގެ 50 މީހުން މަރައިފި

ފަލަސްޠީނު ބަޔަކު އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރަނީ

ފަލަސްޠީނުގެ ބިމުގައި ނުހައްގުން އުފައްދާފައިވާ ޔަހޫދީ ދައުލަތް، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން މިއަހަރުގެ މިހާތަނަށް މަރާލާފައިވާ ފަލަސްޠީނު މީހުންގެ އަދަދު 50 އަށް އަރައިފި ކަމުގައި ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އެންމެ ގިނަ މީހުން މަރާފައި ވަނީ ހުޅަނގު އައްސޭރީގެ ރަށެއް ކަމުގައިވާ ޖެނީންއިންނެވެ. އެރަށުން 17 މީހުން މަރާފައި ވާއިރު، ނާބުލުސްއިން 7 މީހުން މަރާފައި ވެއެވެ.

ފާއިތުވި 2021 ވަނަ އަހަރު، މުޅި އަހަރު ތެރޭގައި، މަރާފައި ވަނީ 14 މީހުންނެވެ.

ފަލަސްޠީނު ސަރުކާރުގެ މި ބަޔާނާ މެދު އިސްރާއީލުން އަދި އެއްޗެއް ބުނެފައި ނުވެއެވެ.

އިސްރާއީލުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ފާއިތުވި ޑިސެންބަރު މަހު ބުނި ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އިސްރާއީލު ސިފައިންނާ ދިމާއަށް ގާ އުކާ ފަލަސްޠީނު މީހުންގެ ގަޔަށް ބަޑިޖެހުމުގެ ހުއްދަ ދީފައެވެ.

ފާއިތު އެޕްރީލް މަހުގެ ތެރޭގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ހުޅަނގު އައްސޭރީގެ އަވަށްތަކަށް އަރައި އޮޕަރޭޝަންތައް ހިންގުމާއި، ސަލާމަތީ ބާރުތަކުން އަލްއަޤްޞާ މިސްކިތުގެ ޙަރަމްފުޅުގެ ތެރެއަށް ވަދެ، އެތަނުގެ ހުރުމަތް ކެނޑުމާއި، ހައްދުފަހަނައަޅާފައިވާ ޔަހޫދީން ބައިގަނޑުގަނޑަށް އެ ޙަރަމްފުޅުގެ ތެރެއަށް ވަނުމުގެ ސަބަބުން ޔަހޫދީންނާއި ފަލަސްޠީނު މީހުންގެ މެދުގައި ނުތަނަވަސްކަން އިތުރުވެ ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ.

އަލްމަސްޖިދު އަލްއަޤްޞާ (މަސްޖިދުލް އަޤްޞާ) މައްކާގެ ޙަރަމްފުޅާއި، ކީރިތި ރަސޫލާ މިސްކިތްކޮޅަށް ފަހު މުސްލިމުންނަށް ތިންވަނައަށް އެންމެ މުޤައްދަސް ތަނެވެ. އެހެންނަމަވެސް، އެއީ ޔަހޫދީންގެ ހައިކަލު ހުރިތަން ކަމަށް ބުނެ އެމީހުން ވަނީ އެ ތަނަށް އަތްގަދަކޮށްފައެވެ. އަދި އިރުމަތީ ޤުދްސަކި ފަލަސްޠީނުގެ ބައެއް ކަމަށް ބުނާ އދ.ގެ ގަރާރުތައް ގަބޫލުނުކޮށް މުޅި ޤުދްސަކީ ޔަހޫދީ ދައުލުތުގެ ވެރިރަށް ކަމަށް އެމީހުން ދަނީ ދައުވާކުރަމުންނެވެ.

އިސްރާއީލުން 1967 ވަނަ އަހަރުގެ ހަނގުރާމައިގައި އިރުމަތީ ޤުދްސު ހިފާފައިވާއިރު، 1980 ވަނަ އަހަރު އިސްރާއީލުން ވަނީ މުޅި ޤުދްސަކީ އިސްރާއީލުގެ ބައެއް ކަމަށް ކަނޑައަޅާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.