މިއަހަރަކީ އިސްރާއީލުން އިރުމަތީ ޤުދްސުގެ އެންމެ ގިނަ ގެ ތަޅާއި އަހަރު

އިސްރާއީލުން އިރުމަތީ ޤުދްސުގައި ފަލަސްޠީނު މީހުންގެ ގެތަކެއް ތަޅާލަނީ

ޔަހޫދީން ނުހައްގުން ވެރިވެގަނެގެން އުޅޭ އިރުމަތީ ޤުދްސު (އިރުމަތީ ޖެރޫސަލަމް) ގައި ފަލަސްޠީނު މީހުން ދިރިއުޅޭ 140 ގެ އިސްރާއީލުން މިއަހަރުގެ މިހާތަނަށް ތަޅާލާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިސްރާއީލުގެ ޖަމާއަތަކުން ބުނެފިއެވެ. މިއީ އިސްރާއީލުން ތަޅާލާ ފަލަސްޠީނު މީހުންގެ ގެތަކުގެ ހިސާބު އެ ޖަމާއަތުން 2004 ވަނަ އަހަރު ބަލަހައްޓަން ފެށިފަހުން އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ގެ ތަޅާލި ފަހަރެވެ.

އިސްރާއީލުގެ ޖަމާއަތް، ބީ'ތުސެލެމް އިން ބުނި ގޮތުގައި މިއަހަރު ގެތައް ތަޅާލުމުގެ ސަބަބުން 238 މީހަކު ވަނީ މަގުމަތިވެފައެވެ. އޭގެ ތެރޭގައި 127 ކުޑަ ކުދިންވެސް ހިމެނެއެވެ.

މީގެ ކުރިން އެންމެ ގިނަ ގެ ތަޅާފާއިވާ ކަން ފާހަގަކުރެވިފައި ވަނީ 2016 ވަނަ އަހަރުއެވެ. އެ އަހަރު ތަޅާލާފައި ވަނީ 92 ގެއެވެ.

އިސްރާއީލުން މި ގެތައް ތަޅާލާފައި ވަނީ ހުއްދަ ނުހޯދައި އަޅާފައި ހުރި ގެތައް ކަމަށް ބުނެއެވެ. ނަމަވެސް، އެމެރިކާގެ ރައީސުކަމަށް ޑޮނާލްޑް ޓްރަމްޕް އިސްވެވަޑައިގަތް ފަހުން އިރުމަތީ ޤުދްސާއި ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެ ބިނާކޮށްދިނުން އެތައް ތަނެއް އިތުރުވެފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ބީ'ތުސެލެމް ޖަމާއަތުން ބުނި ގޮތުގައި މީހުން ދިރިއުޅޭ ގެތަކުގެ އިތުރަށް އިރުމަތީ ޤުދްސުގައި ފަލަސްޠީނު މީހުން ވިޔަފާރިކުރާ ތަންތަންވެސް މިއަހަރު ވަނީ ރެކޯޑު އަދަދަކަށް ތަޅާލާފައެވެ. އެގޮތުން، ވިޔަފާރިކުރާ 76 އިމާރާތެއް ތަޅާލާފައި ވެއެވެ.

އިސްރާއީލުގެ އެހެން ޖަމާއަތެއް ކަމުގައިވާ 'ޕީސް ނައު' އިން ފާއިތުވި ސެޕްޓެންބަރު މަހު ނެރުނު ރިޕޯޓެގައި ވާގޮތުން 1991 ވަނަ އަހަރުން ފެށިގެން އިރުމަތީ ޤުދްސުގައި އަލަށް އިމާރާތްކުރަން ހުއްދަ ދެވުނު ގޮތް އެ ޖަމާއަތުން ހޯދައި ބެލިއިރު ފަލަސްޠީނު މީހުންނާމެދު ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅޭކަން ފަހާގަކުރެވިފައި ވެއެވެ. އިރުމަތީ ޤުދްސުގެ އާބާދީގެ %60 އަކީ ފަލަސްޠީނު މީހުންނަށް ވާއިރު، އެ ޖަމާއަތަށް ފާހަގަކުރެވިފައިވާ ގޮތުގައި ގެދޮރު ބިނާކުރުމުގެ ހުއްދަ ދެވިފައިވަނީ %30 މީހުންނަށެވެ.

އެހެންކަމުން، ޕީސް ނައު އިން ފާހަގަކުރާ ގޮތުގައި އިރުމަތީ ޤުދްސުގައި ފަލަސްޠީނު މީހުން ދިރި އުޅޭ 40 ހާސް ތަނުގެ ތެރެއިން ދެބައިކުޅަ އެއްބައި ތަންތަން ތަޅާލުމުގެ ބިރު އެބައޮތެވެ.

1967 ވަނަ އަހަރު ޔަހޫދީ ސިފައިން އިރުމަތީ ޤުދްސަށް އަރައި ގަދަބާރުން އެތަން ހިފިފަހުން އެތަނު އިސްލާމީ ސިފަ ނައްތާލައި ޔަހޫދީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި އިރުމަތީ ޤުދްސަކީ އިސްރާއީލުގެ ބައެއް ކަމުގައި އދ. ން ގަބޫލުނުކުރާއިރު ވެސް އިސްރާއީލުން ވަނީ މުޅި ގުދްސަކީ ވެރިރަށް ކަމުގައި ކަނޑައަޅާފައެވެ. ރައީސު ޓްރަމްޕްގައި 2017 ވަނަ އަހަރު އެމެރިކާއިން ރަސްމީ ގޮތުގައި އިސްރާއީލުގެ ވެރިރަށަކީ ޤުދްސު ކަމުގައި ގަބޫލުކުރުން ވެގެން ދިޔައީ، އިސްރާއީލުގެ އުދުވާނީ އަމަލުތައް އިތުރުކުރުމަށް ލިބުނު ހިތްވަރަކަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.