ސްރީލަންކާގައި ހަމަނުޖެހުން ބޮޑުވެ މަހިންދަ ރާޖަޕަކްސާގެ އާއިލީ ގެކޮޅުގައި ހުޅުޖަހައިފި

ގާނޫނުހަދާ މަޖިލީހުގައި ވެރިކަންކުރާ ޕާޓީ ތަމްސީލުކުރައްވާ ބައެއް މެންބަރުންގެ ގެކޮޅުތަކުގައި ރޯކޮށްލާފައި ވާއިރު މެންބަރަކު ވަނީ އަވަހާރަވެސް ވެފައި

ރާޖަޕަކްސާގެ އާއިލީ ގެކޮޅުގައި ރޯކޮށްލާފައި

މިއަދު އިސްތިއުފާދެއްވި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ގެކޮޅުގައި މިއަދުގެ ވަގުތެއްގައި ރޯކޮށްލައިފިއެވެ. ރައީސު ގޮތާބޭ ރާޖަޕަކްސާގެ ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކުރަމުންދާ މީހުން މިރޭކޮށްލި ގެކޮޅަކީ ވެސްޓަން ޕްރޮވިންސުގެ ވެރިރަށް ކުރުނެގަލާގައި ހުންނަ ރާޖަޕަކްސާގެ އާއިލީ ގެކޮޅެެވެ.

މީގެ އިތުރަށް ގާނޫނުހަދާ މަޖީލީހުގެ މެންބަރެއް ކަމުގައިވާ ސަނަތު ނިޝާންތާގެ ގެކޮޅާއި، ކުރީގެ މިނިސްޓަރު ޖޯންސަން ފެންނާންޑޯގެ ގެކޮޅުގައިވެސް ވަނީ ރޯކޮށްލާފައެވެ. އަރިފާން ރޯކުރުމުގެ ހާދިސާތައް ހިނގާފައި މިވަނީ މިއަދު ސްރީލަންކާގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ ސަރުކާރާ ދެކޮޅު ފަރާތްތަކާއި، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާ ދެމެދު ހަމަނުޖެހުން ބޮޑުވުމާއެކު، ފުރަތަމަ ވެރިރަށް ކޮލޮމްބޯގައި ކާފިއު ހިންގުމަށްފަހު، މިހާރު ވަނީ މުޅިގަމުގައި ކާފިއު ހިންގާފައެވެ.

އަދި ހުޅަނގު އުތުރުގެ އަވަށެއް ކަމުގައިވާ ނިއްޓަންބުވާގައި ހިނގި ހަމަނުޖެހުމެއްގައި ގާނޫނުހަދާ މަޖިލީހުގެ މެންބަރު އަމަރަކީރްތި އަތުކޮރަލާ އަމިއްލަފުޅަށް އަވަހާރަވެފައިވާއިރު އޭނާގެ ހަށިފާރަވެރިޔާވެސް ވަނީ މަރުވެފައެވެ. އަތުކޮރަލާއަކީ ވެރިކަންކުރާ ސްރީލަންކަ ޕޮދުޖަނާ ޕެރަމޫނާ (އެސްއެލްޕީޕީ) އަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ވަަށާލައި އޭނާއަށް ހަަމަލާދިން އިދިިކޮޅު ފަރާތްތަކުން ބުނަނީ އޭނާގެ ކާރުކޮޅުން އެމީހުންނާާ ދިމާއަށް ބަޑިޖެހީ ކަމުގައެވެ. ހަަމަނުޖެހުން ހިންގީ މީހުން އޭނާގެ ކާރުކޮޅު ފުރޮޅާލައި ހަމަލާދޭން އުޅުމުން އޭނާ ކައިރީގައި ހުރި އިމާރާތަކަށް ވަދެ ފިއްލެވުމަށް ފަހު އަމިއްލަފުޅަށް ބަޑިޖައްސަވައިގެން އަވަހާރަވީއެވެ.

މިއަދު ސްރީލަންކާގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައީ، ރައީސު ގޮތާބޭ ރާޖަޕަކްސާގެ ރަސްމީ އޮފިސްކޮޅު ކުރިމަތީގައި އިހުތިޖާޖު ކުރަމުންދިޔަ މީހުންނާ ދެކޮޅަށް ރައީސު ރާޖަޕަކްސާއަށް ތާއީދުކުރާ މީހުން ނުކުމެ އެމީހުންނަށް ހަމަލާދިނުމުންނެވެ. މި ކުރިމަތިލުމުގައި 130 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިި ވެއެވެ.

އަނެއްކޮޅުން، ޚަބަރު ލިބޭ ގޮތުގައި، މޮރަޓުވާ އަވަށުގެ މޭޔަރު ސަމަން ލާލް ފެނާންޑޯގެ ރަސްމީ ގެކޮޅާއާއި، ގާނޫނުހަދާ މަޖިލީހުން މެންބަރު ރަމޭޝް ޕަތިރާނާއާއި، މަހީޕާލާ ހެރަތާއި، ނިމާލް ލަންޒާ ދިރިއުޅުއްވާ ގެކޮޅުތަކުގައިވެސް ވަނީ ރޯކޮށްލާފައެވެ. މީގެ ތެރޭން މަހީޕާލާ ހެރަތު ޕިޔަވައިން އެހެން ބޭފުޅުންނަކީ ވެރިކަންކުރާ އެސްއެލްޕީޕީގެ މެންބަރުންނެވެ. އޭނާއަކީ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ މެންބަރެކެވެ.

އެސްއެލްޕީޕީގެ ބައެެއް އޮފިސްތަކުގައިވެސް ރޯކޮށްލާފައި ވާއިރު، އެސްއެލްޕީއަށް ތާއީދުކުރާ މީހުން އުފުލާ ބަސްތަކަށް ހަމަލާދެމުން ދާކަމުގެ ޚަބަރުތައް ވެސް ދަނީ ލިބެމުންނެވެ.

ހަމަނުޖެހުންތައް އިތުުރުވެފައި މިވަނީ ސްރީލަންކާ މިނިވަންވި ފަހުން އެގައުމަށް ކުރިމަތިވި އެންމެ ދަތި އިގްތިސާދީ ހާލަތާ ގުޅިގެން ރައްޔިތުންގެ ފިއްތުންތައް ބޮޑުވެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ މިއަދު އިސްތިއުފާދެއްވާފައި ވަނިކޮށެވެ. ސަރުކާރުގެ ބޭރުގެ ދަރަނީ 50 ބިލިއަން އެމެރިކާ ޑޮަލަރަށްވުރެ މައްޗަށް ގޮސްފައިވާއިރު، ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ވަނީ 50 މިލިއަން ޑޮލަރަށްވުރެ ދަަށްވެފައެެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.