އިހުތިޖާޖުގައި ހޭދަކުރާ ކޮންމެ މިނިޓަކު އަހަރުމެންނަށް ދަނީ މުހިއްމު ޑޮލަރުތަކެއް ގެއްލެމުން: މަހިންދަ ރާޖަޕަކްސާ

ސްރީލަންކާގެ ރައީސު ގޯތާބޭ ރާޖަޕަކްސާގެ ސަރުކާރާ ދެކޮޅަށް އިހުތިޖާޖަށް ނުކުމެ ތިބި ޒުވާނުން އިހުތިޖާޖު ކުރިއަށް ގެންދާ ކޮންމެ މިނިޓަކު ގައުމަށް މުހިއްމު ޑޮލަރުތަކެއް ގެއްލެމުންދާކަމަށް އެގައުމުގެ ބޮޑުވަޒީރު އަދި ކުރީގެ ރައީސު މަހިންދަ ރާޖަޕަކްސާ ވިދާޅުވިއެވެ.

ސަރުކާރާ ދެކޮޅަށް ސްރީލަންކާގައި ކުރިއަށް އިހުތިިޖާޖުތަކުގައި ބައިވެރިވާ މީހުންނާ މުޚާޠަބުކުރައްވައި އިއްޔެ ވާހަކަފުޅުދައްކަވަމުން، އެކަން ހުއްޓާލުމަށް އާދޭސްކުރައްވަމުން ރާޖަޕަކްސާ ވިދާޅުވީ، ގަައުމަށް ކުރިތިވެފައިވާ މައްސަލަތައް ހައްލުކުުރުމަށް ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމުގައި އެހެން ޕާޓީތަކުން ބައިވެރިވާން ދެކޮޅު ހަދާފައިވާ ކަމުގައެވެ. އެހެންކަމުން، އެ މައްސަލަތައް ހައްލުކުރަން ކުރެވެން އޮތްހާ މަސައްކަތެއް ސަރުކާރުން އެކަނި ކުރާނެ ކަމުގައެވެ.
"މަގުމަތީގައި އިހުތިޖާޖުގައި ތިޔަ ހޭދަކުރާ ކޮންމެ މިނެޓަކު، ގައުމަށް ޑޮލަރުގެ އާމްދަނީ ހޯދުމުގެ ފުރުސަތެެއް ދަނީ ގެއްލެމުން." އިހުތިިޖާޖުކުރާ މީހުންނާ މުޚާޠަބުކުރައްވައި މަހިންދަ ވިދާޅުވިއެވެ.  

"އަހަރުމެންނަށް ދެ ދުވަހުން ނުވަތަ ތިން ދުވަހުން މި މައްސަލަ ހައްލުނުކުރެވުނަސް، ވީ އެންމެ އަވަހަކަށް އަހަރުމެން މިކަން ހައްލުކުރާނަން." ގައުމުށް ދިމާވެފައިވާ އިގުތިސާދީ ދަތި ހާލަތަށް އިޝާރާތްކުރައްވައި އޭނާ ވިދާާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ގައުމަށް ކުރިމަތިވި 30 އަހަރުގެ 'ވަބާ' (ތަމަޅަ ޓައިގަރުންނާ ކުރި ހަނގުރާމަ) ނިމުމަަކަށް ގެނައީ އޭނާގެ ސަރުކާރުންނެވެ. އަދި ރައްޔިތުން ތެލާއި، ގޭސް ހޯދަން ކިއުގައި ތިބޭ ހާލަތަށް ގެންދިއުމަކީ އޭނާ ބޭނުންފުޅުވެ ވަޑައިގެންނެވި ގޮތެއް ނޫނެވެ. އޭނާއަށް ރައްޔިތުންގެ ހާލަތު އިހުސާސުކުރެއްވެއެެވެ. އަދި ގައުމުގެ މައްސަލަތައް ހައްލުކުރެއްވުމަށް އޭނާއާއި، ރައީސު ގޮތާބޭ ނުފޮރުއްވާ އެންމެ ގަލެއްވެސް ނުބާއްވަވާނެއެވެ.

އޭނާ ވަނީ ރައްޔިތުން ކެެތްތެރިވުމަށް ގޮަވައިލައްވާފައެވެ.

"މި ނާޒުކު ދަނޑިވަޅުގައި ގައުމަށް އެންމެންގެ ކެތްތެރިކަން ބޭނުންވާކަން ހަނދާންކުރޭ." ޓީވީ މެދުވެރިކުރައްވައި ދެއްވި ޚިޠާބުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.

އޭނާއާއި ރައީސު ގޮތާބޭ ރާޖަޕަކްސާގެ އިސްތިއުފާއަށް ގޮވަމުންދާއިރު، ބޮޑުވަޒީރު ރާޖަޕަކްސާގެ ޚިޠާބުގައި އެކަމަށް އެއްވެސް އިޝާރާތެއް ކުރައްވާފައި ނުވެއެވެ.

ސްރީލަންކާ އިގުތިސާދީ ގޮތުން ދަތި ހާލަތަށް ވެއްޓުނީ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަން ހުއްޓުމަކަށް އައިސް ގައުމަށް ބޭރު ފައިސާ ލިބުން ހުއްޓުމުންނެވެ. އެހެންނަމަވެސް، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހާލަތު ބޮޑަށް ގޯސްވެގެން ދިޔައީ، ބޭރުގެ ފަރާތްތަކުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުމާއި، ބައެއް ޓެކްސްތައް ކަނޑާލުމުގައި ސަރުކާރުން ގެންގުޅުން ރަނގަޅު ނޫން ސިޔާސަތުގެ ސަބަބުންނެވެ.

ރައީސު ގޮތާބޭގެ ސަރުކާރުން އައިއެމްއެފް (އިންޓަނޭޝަނަލް މަނިޓަރީ ފަންޑް) ގެ އެހީތެރިކަން ހޯދަން ވާހަކަދައްކަމުން ދާއިރު، ސަރުކާރުން އުއްމީދުރަނީ ކުރިއަށް އޮތް ތިން އަހަރު 3 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ އައިއެމްއެފުން ލިބޭނެކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.