ހެޔޮ ޢަމަލަކަށް އަދި ހެޔޮކަމަކަށް ކުރެވޭ އުއްމީދުވެސް ނަގައިނުލާށެވެ. ދިރިއުޅުން އާބާދުވުމާއި މުހުތާދުތައް ފުދުން ބިނާވެގެންވަނީޢާއިލާ އެންމެން އެކީގައި ކުރެވޭ ދިރުންހުރި އުއްމީދެއްގެ މައްޗަށެވެ. މިދުނިޔޭގެ ދިރިއުޅުމަކީ, ހިނދުކޮޅެއްގެ ކަމެއްނަމަވެސް, ދިރިއުޅުމަށް ކުރެވޭ އުއްމީދުން ނޫނީ އެދިރިއުޅުމެއްގެ ބިންގާއެޅި ބިނާވެގެންނެއް ނުދާނެއެވެ. އަދި ހަމައެފަދައިން, އާޚިރަތަށް ދަތުރުކުރުމަށް އޮންނަ މަގުގައި އިންސާނާ ހޭދަކުރާ, މިދުނިޔޭގެ ދުވަސްތައް އެއީ މަޖަލާއި ކުޅިވަރުގައި ހޭދަކުރެވޭ ދުވަސްތަކެއް ކަމަށްވެއްޖެނަމަ, އެއިންސާނާ ދުނިޔެއަށް ފޮނުއްވުމުގެ ބޭނުމެއް ނުހިފެއެވެ.
ކީރިތި ޤުރުއާނުގެ އަލްޢަންކަބޫތު ސޫރަތުގެ 64 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަހީކުރައްވައި އަންގަވާފައި ވެއެވެ.
وَمَا هَـٰذِهِ ٱلْحَيَاةُ ٱلدُّنْيَآ إِلاَّ لَهْوٌ وَلَعِبٌ وَإِنَّ ٱلدَّارَ ٱلآخِرَةَ لَهِىَ ٱلْحَيَوَانُ لَوْ كَانُواْ يَعْلَمُونَ
"މިދުނިޔޭގެ ދިރިއުޅުމަކީ, ކުޅިވަރެއްކަމުގައްޔާއި, މަޖަލެއްކަމުގައިނޫނީ ނުވެތެވެ. އަދި, ހަމަކަށަވަރުން, ޙަޤީޤީ ދިރިއުޅުންވަނީ އާޚިރަތުގެ ގޮވަތީގައިކަން ކަށަވަރެވެ. އެއުރެންނަށް އެކަން އެނގޭނަމައެވެ."
އިސްލާމީ ތާރީޚު ލިޔުންތެރިންނާއި, ރިސާރޗަރުން އަދި ދީނީ ޢިލްމުވެރިންނާއި ފިލޯސަފަރުންކުރެ, އެތައްސަތޭކަ ބައެއްގެ ތެރެއިންވެސް, ނަފްސާނީ އަދި ސިކުނޑީގެ އެއްވެސް ބައްޔަކަށް ޝިފާދެއްވުން އެދި ދުޢާ ކުރެއްވި އެއްވެސް ބޭކަލަކު އުޅުނުކަމަކަށް ނުވެއެވެ. އެހެނީ, އެބޭކަލުން ދިރިއުޅުއްވި ދުނިޔެއަކީ އަބަދުވެސް ދިރުންހުރި އުއްމީދެއް އޮތް ދުނިޔެއެކެވެ. އެބޭކަލުން މަސައްކަތްކުރެއްވި ހަމައެކަނި ދުނިޔެ ހޯއްދަވާކަށް ނޫނެވެ. ދުނިޔެއާއެކު އާޚިރަތްވެސް ހޯއްދެވުމަށެވެ. އެހެނީ އެބޭކަލުންގެ ދިރިއުޅުއްވުމަކީ, ސާފު ތާހިރު މާޙައުލެއްގައި, މިނިވަންކަމާއެކު އުފަލާއި އަރާމުގައި ހޭދަކުރެއްވި އަގުހުރި ދުނިޔެއެކެވެ. އަދި މިނޫން ދުނިޔެއެއް އެބައޮތްކަން ދަނެގެން އާޚިރަތުގެ ބާއްޖަވެރިކަމަށް އެދި ބިނާކުރެއްވި ދުނިޔެއެކެވެ.
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. ދާއިމީތަނަކީ އާޚިރަތުގެ ގޮވައްޗެވެ. ހެޔޮޢަމަލުން, މިދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށްފަހު, އާޚިރަތުގެ ބާއްޖަވެރިކަންވެސް ލިބިގެންވަނީ ހެޔޮ ޢަމަލުންނެވެ.