އެކަހެރިވުމާއި ވަކިވެގަތުމުގައި, އަޅުގަނޑުމެންގެދީނުގައި ޚާއްޞަ މާނަތަކެއް ހިމެނިގެން ވެއެވެ. އޭގެތެރޭގައި އިބިލީހާ ދުރުހެލިވުމާއި, ޝައިތާނީ ޢަމަލުތަކުންއެކަހެރިވުމާ އަދި މަކަރުހަދައި އޮޅުވައިލާ މީހުންނާ ދުރުގައި އުޅުމެވެ. މިއުޞޫލުގަދަށުން, ޝައިޠާނާއާ ދުރުހެލިވެ އުޅުމުން, ތިބާގެ ޙަޔާތަށް ދިރުންލިބި, ވިސްނުމާއި ފިކުރާ އަދި ޚިޔާލާތު ހަރުދަނާވުމަށް ފުރުޞަތު ބޮޑުވެގެން ދެއެވެ. ﷲ ގެ މަގުން އެއްކިބާކޮށް, ﷲ އާ ތިބާއާ ދެމެދަށް ހުރަސްއެޅި, އެކަލާނގެ ރަސްކަންފުޅުމަތިން ހަނދުމަ ނައްތުވައިލާ, އެކަލާނގެޔަށް ކިޔަމަންތެރިވުމުން މަނާވެގަތުމަށް މެދުވެރިވާ ކަންކަމުން ދުރުހެލިވުމަކީ, ތިބާގެ ހަށިގަނޑަށް ފޮނުވައިލެވޭ ބޭހުގެ ޑޯޒެކެވެ. ހިތުގެ ބަލީގެ ބަލިމީހުންނަށް ޑޮކްޓަރުންދޭ އެންމެ މަތީ ފަރުވާގެ ޑޯޒެކެވެ. ޝައިޠާނާއާ ދުރުހެލިވެ, ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ހެދުމުން ތިބާގެ ސިކުނޑި އެނބުރިގެންދާނީ ޙަރަކާތްތެރި މާޙައުލަކަށެވެ. އޭގެ ނަތީޖާއަކަށްވަނީ, ތިބާގެ ޢަޤީދާއާއި އީމާންކަން ހަރުދަނާވެ, ﷲ ގެ ރަޙުމަތަށް ޝުކުރުވެރިވެ ޙަމްދުކޮށް އުޅުމަށް މަގުތަނަވަސްވެގެން ދިއުމެވެ.
ބައެއްކަހަލަ އިޖްތިމާޢީ އެއްވުމަކީ, އެކަމެއްގައި ބައިވުމަށް ދީނުގައި ބާރުއެޅިފައިވާ އެއްވުމެވެ. ޖަމާޢަތުގައި ނަމާދުކުރުމަކީ, ޢިލްމު އުނގެނުމަށް ފުރުޞަތުލިބިގެންދާ ހެޔޮ ޢަމަލެކެވެ. އަދި ކޮންމެ ރަނގަޅަކާ ގުޅިފައިވާ އެއްވުމަކުން ނުކުންނާނީ ރަނގަޅެކެވެ. ގޯސްކޮށް ކުރެވޭ ނުރަނގަޅު ޢަމަލުތައް ހުއްޓައިލާށެވެ. ދޫ ރައްކައުތެރިކުރާށެވެ. އަދި ގޭތެރޭގައި ފޮރުވިފައިވުމަށް ދީނުގައި އޮންނަ ހުރިހައިކަމެއް ގެއިންބޭރަށް ނުނެރޭށެވެ. ގޯސްކަންކަމަށް އަމާޒުކޮށްގެން ބޭއްވޭ މުޒާހަރާތަކާއި އެއްވުންތަކަށް ދިއުމީ ތިބާގެ ނަފްސު ނުބައި ޢަމަލުތަކަށް މަގުދައްކައި އެކަހަލަ ކަންކަމަށް ހިތްކިއުމަށް ބާރުލިބިގެންދާ ކަމެކެވެ. އެފަދަ އެއްވުންތައް އިންތިޒާމްކުރާ ފަރާތްތަކަކީ އިންސާނުންގެ ހިތް އަނބުރައިލުމުގެ އުކުޅުތައް ދަސްކޮށްގެންތިބި އެކަމުގެ މާހިރުންނެވެ. ހިތާއި ސިކުނޑީގެ ހަމަޖެހުމާއި އަރާމަށް, އެކަންކަމުން ހުރަސްއެޅިގެންދާނެއެވެ. ކީރިތި ޤުރުއާނުގެ އައްތައުބާ ސޫރަތުގެ 47 ވަނައާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފާ ވެއެވެ.
لَوْ خَرَجُواْ فِيكُم مَّا زَادُوكُمْ إِلاَّ خَبَالاً ولَـأَوْضَعُواْ خِلاَلَكُمْ يَبْغُونَكُمُ ٱلْفِتْنَةَ وَفِيكُمْ سَمَّاعُونَ لَهُمْ وَٱللَّهُ عَلِيمٌ بِٱلظَّالِمِينَ
"އެއުރެން ތިޔަބައިމީހުންގެ ތެރޭގައި (ހަނގުރާމައަށް) ނުކުތްނަމަ, ފަސާދަވެރިކަން ނޫންކަމެއް ތިޔަބައިމީހުންނަށް, އެއުރެން އިތުރެއް ނުކުޅައީހެވެ. އަދި, ތިޔަބައިމީހުންނަށް, ފިތުނަވެރިކަން އެދިގެން ތިޔަބައިމީހުންގެ ތެރޭގައި މަސައްކަތް ކުޅައުމަށް އަވަސްވެގަތީހެވެ. އެއުރެން ދައްކާ ވާހަކަ އަހާމީހުންވެސް ތިޔަބައިމީހުންގެ ތެރޭގައި ވެއެވެ. ﷲ އީ, އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ޙަޔާތުގެ އަގުހުރި ދުވަސްތައް ބޭކާރުގޮތުގައި ދުއްވައިނުލާ ހެޔޮގޮތުގައި ބޭނުންކުރާށެވެ.