ހިތަށް ލިބޭ އުފަލާއި އަރާމުން، އަދި ހިތްދަތިކަމުން ލިއްބާ އިޙުސާސްތައް ކޮންޓްރޯލްކުރުމަކީ، މުހިންމު ކަމެކެވެ. ހިތުގެ އިޙްސާސްތައް ކޮންޓްރޯލުން ނެއްޓެނީ ދެކަމެއް މެދުވެރިވެގެންނެވެ. އެއްކަމަކީ، ހިތަށް ލިބޭ އުފައުވެރިކަމެވެ. ދެވަނަކަމަކީ، ހިތަށްލިބޭ ކެކުޅުމެވެ. ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީސްފުޅެއްގެ މާނައިގާ ވެއެވެ.
"ތިމަންކަލޭގެފާނަށް، މޮޔަ އަދި ހުތުރު ދެއަޑަކަށް ރައްކައުތެރިވުމަށް އަމުރުވެވިގެން ވެއެވެ. އެއްއަޑަކީ ތިމަންކަލޭގެފާނުގެ ހިތްޕުޅުގައިވާކަމެއް ފުރިހަމަވުމާގުޅިފައިވާ އަޑެވެ. ދެވަނަ އަޑަކީ، މުޞީބާތެއް ކުރިމަތިވާ ހިނދު އެކަމާގުޅިފައިވާ އަޑެވެ."
ކީރިތި ޤުރުއާނުގެ އަލްޙަދީދް ސޫރަތުގެ 23 ވަނައާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
لِّكَيْلاَ تَأْسَوْاْ عَلَىٰ مَا فَاتَكُمْ وَلاَ تَفْرَحُواْ بِمَآ آتَاكُمْ وَٱللَّهُ لاَ يُحِبُّ كُلَّ مُخْتَالٍ فَخُورٍ
(އެއީ) ތިޔަބައިމީހުންގެ ކިބައިން ފާއިތުވެ ހިނގައްޖެ ކަމެއްގެ މައްޗަށް، ތިޔަބައިމީހުން ހިތާމަ ނުކުޅައުމަށާއި، އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވައިފިކަމެއްގެ މައްޗަށް އުފާކޮށް ބޮޑާވެ ނުގަތުމަށްޓަކައެވެ. ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސްމީހަކުދެކެ ﷲ ލޯބިވެވޮޑިގެން ނުވެތެވެ. "
މުޞީބާތުން ލިބޭ ކެކުޅުމަށް ކެތްތެރިވެ، އެކަމާގުޅިފައިވާ ކަންކަމުގެ މައްޗަށް ތިމާގެ ނަފްސު ކޮންޓްރޯލް ކުރުމުން، ހިތަށް ހަމަޖެހުންލިބި، ދިރިއުޅުމުގެ ޙާލަތު އުފައުވެރިކަމަށް ބަދަލުވާނެއެވެ. ހިތަށްލިބޭ އުފައުވެރިކަމުގެ އިޙްސާސްތައް ކޮންޓްރޯލްކުރުމުން، ތިމާއަދާކުރަންޖެހޭ ވާޖިބުތަކަށް އިހުމާލުވުމުން ސަލާމަތް ވާނެއެވެ.
އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ. އެއްވެސްކަމެއް ހައްދުން މައްޗަށް ގޮސްގެން ނުވާނެއެވެ. ކޮންމެކަމެއްވެސް އޮންނަންވާނީ މެދުމިނުގައެވެ. އިންސާނާގެ ޢަމަލުތައް ހެޔޮމަގަށް ތަރުތީބުވެގެންދާނީ މެދުމިނުގައި އޭނާގެ ޢަމަލުތައް ސީދާވެ އޮތުމުންނެވެ. އިންސާނާ ދިރިހުރުމަށް ބޭނުންވާ އޮކްސީޖަން ނުވަތަ ފެންވެސް ހިސާބަށްވުރެ ގިނައިން ނުވަތަ ބޭނުންވާ ވަރަށްވުރެ މަދުން، ހަށިގަނޑަށް ލިބުމުން އެއިންލިބޭ ގެއްލުންތަކެއް ހުންނާނެއެވެ.