ﷲ ސުބޙާނަހޫ ވަތަޢާލާ، އިންސީންނާއި ޖިންނީން ހެއްދެވީ އެކަލާނގެޔަށް އަޅުކަން ކުރުމަށްޓަކައެވެ. އަދި ހަމައެފަދައިން، ދިރިދުނިޔޭގައި ތިބުމުގެ އެންމެހައި ވަޞީލަތްތައް ދުނިޔޭގައި، އެކަލާނގެ ލެއްވިއެވެ. އުޅެންވީގޮތާއި ނޫޅެންވީގޮތް އެންގެވިއެވެ. އަދި ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަންވެސް އެންގެވިއެވެ. އެއެންމެހައި ކަންކަމަކީ، އިންސާނާގެ އިޚްތިޔާރަށް ދޫކޮށްލައްވައިފައިވާ ކަންކަމެވެ. އެކަލާނގެ އެންގެވިމަގުން ހިނގައިފިނަމަ ސަވާބު ދެއްވައެވެ. އަދި އެމަގުން ނުހިނގައިފިނަމަ ޢަޒާބު ދެއްވައެވެ.
އެހެންނަމަވެސް، އެކަލާނގެ އަންގަވައިފައިވާ މަގުން ނުހިނގާ އެތައްބަޔެއް އެބައުޅެއެވެ. އަދި އެކަލާނގެ ދެއްވި ނިޢުމަތަށް ޝުކުރުނުކުރާވެސް އެތައްބަޔަކު، ދުނިޔޭގައި އެބައުޅެއެވެ. އެހެންކަމުން، އެހެންމީހުން ތިމާބުނާގޮތެއް ނުހަދައިފިނަމަ އެކަމަށް އަޅައިނުލާށެވެ. އަދި ތިބާކޮށްދޭ ހެޔޮކަމެއް ބަލައިނުގަތަސް، އެކަމާ އަޅައިނުލާށެވެ. ހެޔޮކަމެއް ކޮށްދިނަސް ތިމާއަކީ ދުޝްމަނަކަށްވެސް އެބައިމީހުން ހަދައިފާނެއެވެ. ﷲ ގެ އަމުރުފުޅަށް އުރެދޭބަޔަކު، ﷲ ގެ ނިޢުމަތަށް ޝުކުރުނުކުރާބަޔަކު، އިންސާނަކަށް ބޭނުންގޮތެއް ހަދައިފާނެއެވެ. އެކަން އެއީ އޭނާއަށް އޮތް ކަމެކެވެ. އެކަން އޭނާއަށް ދައްކަވާނެއެވެ. އިންސާނާއެއް ނޫނެވެ. ﷲ އެވެ.
ކީރިތި ޤުރުއާނުގެ އައްތައުބާ ސޫރަތުގެ 74 ވަނބަ އާޔަތުގައި ﷲ ސުބޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފައި ވެއެވެ.
يَحْلِفُونَ بِٱللَّهِ مَا قَالُواْ وَلَقَدْ قَالُواْ كَلِمَةَ ٱلْكُفْرِ وَكَفَرُواْ بَعْدَ إِسْلاَمِهِمْ وَهَمُّواْ بِمَا لَمْ يَنَالُواْ وَمَا نَقَمُوۤاْ إِلاَّ أَنْ أَغْنَاهُمُ ٱللَّهُ وَرَسُولُهُ مِن فَضْلِهِ فَإِن يَتُوبُواْ يَكُ خَيْراً لَّهُمْ وَإِن يَتَوَلَّوْا يُعَذِّبْهُمُ ٱللَّهُ عَذَاباً أَلِيماً فِى ٱلدُّنْيَا وَٱلآخِرَةِ وَمَا لَهُمْ فِى ٱلأَرْضِ مِن وَلِيٍّ وَلاَ نَصِيرٍ
"އެއުރެން (ބުނިނުބައި ބަސްތައް) ނުބުނާކަމަށް، ﷲ ގަންދީ އެއުރެން ހުވާކުރެތެވެ. ހަމަކަށަވަރުން، ކުފުރުގެބަސް އެއުރެން ބުނެފައި ވެއެވެ. އަދި އިސްލާމްވުމަށްފަހު، އެއުރެން ކާފަރުވިއެވެ. އަދި އެއުރެންނަށް ކާމިޔާބު ނުކުރެވުނު ކަންތައް ކުރުމަށް (އެބަހީ: ރާވައިގެން ކީރިތި ރަސޫލާ އަވަހާރަކޮށްލުމަށް) ގަސްދުކޮށް އުޅުނޫއެވެ. ﷲ ގެ ފަޟްލުވަންތަކަމުން، ﷲ އާއި، އެކަލާނގެ ރަސޫލާ، އެއުރެން (އެބަހީ: މުއުމިނުން) މުއްސަނދި ކޮށްދެއްވިކަންނޫން އެހެން ކަމަކާމެދު އެއުރެން ރުޅިއެއް ނާދެތެވެ. ފަހެ، އެއުރެން ތައުބާ ވާނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވެގެން ވެއެވެ. އަދި އެއުރެން އެނބުރި ފުރަގަސްދޭނަމަ، ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބަކުން، ﷲ އެއުރެންނަށް ޢަޒާބު ދެއްވާނެތެވެ. އަދި ބިމުގައި އެއުރެންނަށް އެއްވެސް އެހީތެރިޔަކު، އަދި ނަޞްރު ދޭނޭމީހަކުވެސް ނުވެއެވެ."