ހެޔޮ ޢަމަލު - 26

ހިނިތުންވުމަކީ, ނަފްސާނީ ބަލިމަޑުކަމަށް އޮތް މުހިންމު ފަރުވާއެކެވެ. ހިނިތުންވުމަކީ, ނަފްސާއި ހަށިގަނޑަށް އަދި ޚާއްޞަކޮށް, ހިތްސާފުކޮށް ފުރާނަޔަށް ދިރުންގެނެސްދޭ ވަޞީލަތެކެވެ. ހިތަށް ހަމަޖެހުމާއި އަރާމުގެނެސްދިނުމަށްޓަކައި ހީއުޅުމަކީ ބައެއްމީހުން, ކަނޑައެޅިގެން ކުރާކަމެކެވެ. ހީއުޅުމަކީ, ހެޔޮހިތެއްގެ އަހުލުވެރިޔަކަށްވުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ހަމައެއާއެކު , ބޭނުމެއްނެތި, ހައްދެއްނެތި ހުނުމަކީ, ހިތަށް ގެއްލުންހުރިކަމެއްވެސް މެއެވެ.

ތިމާއާ ދިމާވާ އަނެއް އިންސާނާއަށް ހިނިތުންވެލުމަކީ, ޞަދަޤާތެކެވެ. ސުވަރުގޭގެ އަހުލުވެރިންގެވެސް އިނާމަކީ ހިނިތުންވުމާއި އުފައުވެރިކަމެވެ. ކީރިތި ޤުރުއާނުގެ އަލް މުތައްފިފީން ސޫރަތުގެ 34 ވަނައާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

فَٱلْيَوْمَ ٱلَّذِينَ آمَنُواْ مِنَ ٱلْكُفَّارِ يَضْحَكُونَ

"ފަހެ, އީމާންވި މީހުން, މިއަދު ކާފަރުންނާ ދިމާއަށް ހޭނެތެވެ."

ޢާންމުކޮށް ހީލައި އުޅޭމީހުންނަކީ ހަމައެކަނި އެމީހުންގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި ހީއުޅޭމީހުންނެއްނޫނެވެ. އެބައިމީހުން, ހީލައިއުޅެނީ އެހެންމީހުންގެވެސް ހިތްހަމަޖެހުމަށްޓަކައެވެ. އަދި އެފަދަމީހުންނަކީ, މަސައްކަތުގައިވެސް ހީވާގި ބަޔެކެވެ. މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާ އުފުއްލުމުގައިވެސް އެފަދަ މީހުން ފަހަތަކަށް ނުޖެހޭނެއެވެ. އެފަދަ މީހުންނަކީ, އުނދަގޫ ވަގުތުތަކުގައި އެކަމެއްގެ ޙައްލު ފަސޭހައިން ހޯދާނެ ބަޔެކެވެ. އެހެންކަމުން އެފަދަމީހުންނަކީ އަމިއްލަ ނަފުސާއި އެހެން މީހުންނަށްޓަކައިވެސް ބޭނުންތެރި ބަޔެކެވެ.

އެހެންކަމުން ހިނިތުންވެލަން ލިބޭ ފުރުޞަތު ދޫކޮށްނުލާށެވެ. އެއީ ޞަދަޤާތެކެވެ. އަދި އެއީ އަނެކާއަށް ކޮށްދެވޭ ޚިދުމަތެކެވެ. ތިމާގެ ހިތަށްލިބޭ އަރާމަކާއި އުފަލެކެވެ. ހިނިތުންވެލުމަކުން ގެއްލުމެއް ނެތެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.