ހިތަށްލިބޭ ވޭނަކީ އަބަދަކު އިދިކޮޅުވިސްނުމަށް ދޫކޮށްލުމަށް ރަނގަޅު އެއްޗެއްނޫނެވެ. އަދި އެއާ ދުރުވުމަށް މަސައްކަތް ކުރަންޖެހޭވެސް ކަމެއްނޫނެވެ. ބައެއް ޙާލަތުގައި، ހިތަށްލިބޭ ވޭން ތަޙައްމަލުކުރުމުން ލިބޭފައިދާތަކެއްވެސް ހުންނާނެއެވެ. ބައެއްފަހަރަށް ހިތަށްލިބޭވޭން ތަޙައްމަލުކުރުމުގައި ﷲ ގެމަތިން ހަނދުމަކުރަން އިންސާނާއަށް މަޖުބޫރު ވެއެވެ.
ކިޔަވާކުދިން، ފިލާވަޅުދަސްކުރަން އުޅޭ އުޅުމުގައި އެއީ އުނދަގުލަކަށްވެ ހިތަށް އުނދަގޫ ވެއެވެ. އެހެންނަމަވެސް، ހިތްވަރުކޮށްފައި، އެއުނދަގޫ ތަޙައްމަލުކުރަމުން ފިލާވަޅުތައް ދަސްކުރުމަށް އިސްކަން ދެއެވެ. އަދި އެންމެ ފަހުން އެ އުނދަގޫ އުފަލަށް ބަދަލުވެ، ކާމިޔާބީއާ ހަމައަށް ވާޞިލް ވެއެވެ. ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި އުނދަގުލާއި ބުރަ މަސައްކަތް އޮވެއެވެ. އައު އީޖާދާއި އައު އުފެއްދުމާއި އައު ހޯދުންތަކުގައި ބުރައާއި ހިތްދަތިކަމާއި ނާއުއްމީދު އޮވެއެވެ. އެހުރިހައި ކަމެއް ތަޙައްމަލްކޮށް އުއްމީދާއެކު ކުރާ މަސައްކަތުން ނޫނީ ކާމިޔާބީއެއް ޙާޞިލެއް ނުވާނެއެވެ.
އިސްލާމްދީނުގެ އަލިކަން ދުނިޔެއަށް ފެތުރިގެންއައި ދުވަސްވަރު، ދީން ކުރިއަރުވައި ފެތުރުއްވުމަށް، ދީނުގެ އިމާމުންނާއި ޞަޙާބީން ކުރެއްވި މަސައްކަތްޕުޅަކީ، ދަތި އަދި އުނދަގޫ މަސައކަތެކެވެ. އެހެންނަމަވެސް، އެބޭކަލުންގެ ހަރުދަނާ އީމާނާއި އިޢުތިޤާދުގެ ސާބިތުކަމާއެކު، އެތައް ތަކުލީފަކާއި، އެތައް ހަނގުރާމައެއް ކުރައްވައިގެން، މުޅިދުނިޔެއަށް އިސްލާމްދީން ފެތުރުއްވިއެވެ. އެއީ ރޫހީގޮތުން، އެބޭކަލުންނަށް ލިބިވަޑައިގެންވީ ބާރެކެވެ. ކީރިތި ޤުރުއާނުގެ އައްތައުބާ ސޫރަތުގެ 120 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
مَا كَانَ لِـأَهْلِ ٱلْمَدِينَةِ وَمَنْ حَوْلَهُمْ مِّنَ ٱلأَعْرَابِ أَن يَتَخَلَّفُواْ عَن رَّسُولِ ٱللَّهِ وَلاَ يَرْغَبُواْ بِأَنْفُسِهِمْ عَن نَّفْسِهِ ذٰلِكَ بِأَنَّهُمْ لاَ يُصِيبُهُمْ ظَمَأٌ وَلاَ نَصَبٌ وَلاَ مَخْمَصَةٌ فِى سَبِيلِ ٱللَّهِ وَلاَ يَطَأُونَ مَوْطِئاً يَغِيظُ ٱلْكُفَّارَ وَلاَ يَنَالُونَ مِنْ عَدُوٍّ نَّيْلاً إِلاَّ كُتِبَ لَهُمْ بِهِ عَمَلٌ صَالِحٌ إِنَّ ٱللَّهَ لاَ يُضِيعُ أَجْرَ ٱلْمُحْسِنِينَ
"އަލްމަދީނާގެ އަހުލުވެރިންނާއި، އެއުރެންގެ ވަށައިގެންތިބޭ އަޢުރާބީންގެ މީހުންނަކަށް، ﷲ ގެ ރަސޫލާ އަރިހުގައި (ހަނގުރާމަޔަށް) ނުގޮސް ފަސްޖެހިފައި ތިބުމެއް ނެތެވެ. އަދި، އެކަލޭގެފާނުގެ ފުރާނަފުޅަށްވުރެ، އެއުރެންގެ ފުރާނަތަކަށް އިސްކަންދިނުމެއް ނެތެވެ. އެހެނީ، އެއުރެންނަށް ޞާލިޙު ޢަމަލެއްކަމުގައި ލިޔެވިގެންމެނުވީ، އެއުރެންނަށް އަނގަހިއްކުމެއް، އަދި ވަރުބަލިކަމެއްވެސް ، އަދި ބަނޑުހައިހޫނުކަމެއްވެސް، ﷲ ގެ މަގުގައި އެއުރެންނަކަށް ނުޖެހޭނެއެވެ. އަދި ކާފިރުން ރުޅިއަރާނެ ތަނަކަށް، އެއުރެންނަކަށް ފިޔަވަޅެއް ނޭޅޭނެތެވެ. އަދި ޢަދާވާތްތެރިއެއްގެ ކިބައިން އެއުރެންނަކަށް ގެއްލުމެއް ނުލިބޭނެތެވެ. ހަމަކަށަވަރުން، އިޙުސާންތެރިންގެ ދަރުމަ، ﷲ ގެއްލެނި ނުކުރައްވާނެތެވެ."