ތިބާގެ އަމިއްލަ ނަފްސު ، ތިބާނޫން އެހެން މީހަކަށް ބަދަލުނުކުރާށެވެ. އެހެންމީހުންކުރާކަންކަން ކޮޕީ ނުކުރާށެވެ. ގިނަމީހުންނަކީ ، އެމީހުންގެ އަޑު ހަނދާންނެތޭ ބަޔެކެވެ. އާދަކާދައާއި ޙަރަކާތްތައްވެސް ހަނދާން ނައްތައިލައެވެ. އެއީ އެހެންމީހުން ކޮޕީކުރަންއުޅެން ހަދައިގެންނެވެ. އެފަދަ ކަންކަމަކީ ، އެހެންމީހުންގެ ޙައްޤެކެވެ. އެހެންމީހުންގެ އަމިއްލަ ކަންކަމެވެ. އެފަދައިން ، ތިމާގައިނެތްކަމެއް ހޯދައިގެން އެހެންމީހުންކުރާގޮތަށް ކުރުމުން އެކުޅެވެނީ ތިމާގެ އަމިއްލަ ނަފްސާއެވެ. ތިމާގެ އަމިއްލަ ތަޞައްވުރާއެވެ.
އާދަމު ޢަލައިހިއްސަލާމުން ފެށިގެން ދުނިޔެއަށް އެންމެފަހުން އުފަންވި އިނސާނާއާ ހަމަޔަށް ، ކޮންމެ ދެމީހަކީ ތަފާތު ދެނަފްސެކެވެ. ބުރުސޫރައާއި ސިފައާއި އުޅޭގޮތާއި އުފެދުމުގައެވެ. އެހެންކަމުން ، ޤުދްރަތީގޮތުން އިންސާނާ އުފެދިފައިހުންނަ ގޮތް ބަދަލުކޮށް ، އަމިއްލަގޮތްތަކަށް އެއިންސާނާ ބަދަލުވާންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ ؟ މުޞްނޫޢީ ގޮތްތަކުން އިންސާނާގެ އުފެދުން ބަދަލުކުރަންވީ ކީއްކުރަން ހެއްޔެވެ ؟
ތިބާއަކީ ޚާއްޞަ ނަފްސެކެވެ. އެހެން އެއްވެސް ނަފްސެއް ތިބާއާ އެއްފަދައެއްނޫނެވެ. ކުރިންވެސް އަދި ފަހުންވެސް މެއެވެ. އެހެންކަމުން ، އެހެންމީހަކަށް ބަދަލުވުމަށް މަސައްކަތް ނުކުރާށެވެ. އަންހެނުން ފިރިހެނުންނަށް ފިރިހެނުން އަންހެނުންނަށް ވުމުގައި ޤުދްރަތީ އުފެދުމާ އިދިކޮޅަށް މަސައްކަތް ނުކުރާށެވެ. ޤުދްރަތީގޮތުން ތިބާ އުފެއްދެވިގޮތަށް ތަބާވެހުރެ ދުނިޔެ އާބާދު ކުރާށެވެ. ކީރިތި ޤުރުއާނުގެ އަލްބަޤަރާ ސޫރަތުގެ 60 ވަނައާޔަތުގެ ފަހުބައިގާ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފާ ވެއެވެ.
"ހަމަކަށަވަރުން ކޮންމެ ބަޔަކު ، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފިއެވެ. (އަދި ، ތިމަން ރަސްކަލާނގެ އެންގެވީމެވެ.) ތިޔަބައިމީހުން ، ﷲ ދެއްވި ރިޒްޤުން ކައިބޮއި އުޅޭށެވެ! އަދި ފާސިދުންކަމުގައިވެތިބެ ، ތިޔަބައިމީހުން ބިމުގައި ފަސާދަ ނުކުރާށެވެ."
ތިބާ އުފެއްދެވި ގޮތް ބަދަލުކުރުމަށް ، އަޑު ބަދަލުކޮށް ، ހިނގައިއުޅޭގޮތް ބަދަލުކޮށް ނުހަދާށެވެ. އިންސާނާގެ ތަޞައްވުރަކީ ގަސްގަހާގެހިފަދަ އެއްޗެކެވެ. އޭގައި ފޮނިކަމާއި ހިތިކަން ، އަދި ހުތްކަމާއި ފެންކަނ ، ދިގުކަމާއި ކުރުކަން ވެއެވެ. ތިމާ އުފެދިހުރި ކުލަޔާއި އިސްކޮޅާއި ވާހަކަދައްކައިއުޅޭ ބަހުރުވައާއި ކެރިކުޅަދާނަކަމަކީ ﷲ މިންވަރުކުރައްވައިފައިވާ ނިޢުމަތެވެ.