ހެނދުނު ތިބާ ނިދިންހޭލާއިރު، ހަވީރު ފެނިދާނެކަމަށް ހީނުކުރާށެވެ. މިއަދަކީ ދިރިދުނިޔޭގައި ހުންނާނެ އެންމެ ފަހުދުވަސްކަމުގައި ބަލައިގެން ކުރިޔަށްދާށެވެ. އިއްޔެ އެވަނީ ރަނގަޅާއި ނުބައިން މާޒީވެގޮސްފައެވެ. މާދަމާ އަދި ނާދެއެވެ. އެއީ މުސްތަޤްބަލެވެ. ތިބާގެ ޙަޔާތުގައި އޮންނަނީ އެންމެ ދުވަހެކެވެ. ވިހާދުވަހާއި މަރުވާދުވަހާދެމެދު އޮންނަ ހަމައެކަނި ދުވަހެވެ. އުއްމީދެއްކުރަންވެސް އަދި ހިތާމައެއްލިބުމަށްވެސް އޮންނާނެ ހަމައެކަނި ދުވަހެވެ. އެހެންކަމުން އެދުވަހުގެ ބޭނުން އެންމެފުރިހަމަގޮތުގައި ހިފައި، ﷲ ގެ ޙަޟުރަތަށް އަޅުކަން ކުރުމުގައި މަސްޣޫލުވާށެވެ. ހެޔޮ ޢަމަލެއް ކުރެވޭތޯ ބަލާށެވެ. ކީރިތި ޤުރުއާނުން، ކުރު ސޫރަތެއްނަމަވެސް ކިޔަވައިލެވެތޯ ބަލާށެވެ. ﷲ ގެ ކުޅަދުންވަންތަކާއި ރަޙުމަތްފުޅުގެމަތިން ހަނދުމަކޮށް، ހެޔޮހިތުން އެކަލާނގެ ރަސްކަންފުޅު ހަނދުމަކުރާށެވެ.
ކުށެއްކުރެވިފައިވާނަމަ، ﷲ ގެ ޙަޟުރަތުން މަޢާފުއެދި ދުޢާކޮށް ތައުބާވާށެވެ. އުފަލާއި އަރާމުގައި އެދުވަސް ހޭދަކުރުމަށް ހިތާއި ސިކުނޑިން ތައްޔާރުވާށެވެ. މަރުވުމަށްވެސް ތައްޔާރު ވާށެވެ. މަރު ހަނދުމަކުރާށެވެ. މަރުވުމަށްފަހު، ފައިދާއެއްކުރާނީ ހެޔޮ ޢަމަލެއް ކުރެވިފައިވާނަމައެވެ. ތިބާގެ އަންހެނުންނާއި ދަރިން އަދި ތިމާގެމީހުންގާތު ހުރެވޭނީ، ހަމައެކަނި މިއަދުކަމަށް ބަލާށެވެ. އެބައިމީހުންނަށްޓަކައި ކަމެއްކޮށްދޭނަމަ، ހެޔޮކަމެއް ކޮށްދެވޭތޯ ބަލާށެވެ. ކީރިތި ޤުރުއާނުގެ އަލް އަޢުރާފް ސޫރަތުގެ 144 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފާ ވެއެވެ.
قَالَ يٰمُوسَىٰ إِنِّى ٱصْطَفَيْتُكَ عَلَى ٱلنَّاسِ بِرِسَالاَتِى وَبِكَلاَمِى فَخُذْ مَآ آتَيْتُكَ وَكُنْ مِّنَ ٱلشَّاكِرِينَ
"އެކަލާނގެ ވަޙީކުރެއްވިއެވެ. އޭ މޫސާގެފާނެވެ. ތިމަންރަސްކަލާނގެ ރަސޫލުކަމާއި، އަދި ބަސްވަޙީކުރެއްވުމުން، މީސްތަކުންގެ މައްޗަށް، ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ކަލޭގެފާނު ޚިޔާރުކުތައްވައިފީމެވެ. ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި، ޝުކުރުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!"
ރުޅިވެރިކަމާއި ހަމަނުޖެހުމާއި ފާސިދު ޢަމަލުތަކުން، ތިބާގެ ދިރިއުޅުން ބަރުބާދުނުކޮށް، ހެޔޮޢަމަލަށް ތައްޔާރުވާށެވެ.