ހެޔޮ ޢަމަލު - 10

ތިބާ ދޫކޮށް ފާއިތުވެދާންއުޅޭ ކަމެއްގެ މައްޗަށް އަވަސްވެ ނުގަންނާށެވެ! ދޮންވެ ފައްކާ ނުވަނިސް މޭވާ ބިނދެފިނަމަ އެއީ އެންމެ ފުރިހަމަ އެއްޗަކަށް ނުވާނެއެވެ. އޭގައިދޭންވީ ޤުދްރަތީ ރަހައެއް ނުލާނެއެވެ. މީރުވަހެއް ނުއުފެދޭނެއެވެ. ކުލަ އެއީ އަޞްލަށްނުވެ ހިނގައިދާނެއެވެ. އުފެދުމުގައި ހުންނަ މުރަނަކަން ނުވަތަ ފުއްކަމެއް ނުހުންނާނެއެވެ. މިހެންގޮސް، އުނި އެތައްކަމެއް ތިބާއަށް ތަޖްރިބާ ކުރެވޭނެއެވެ. މާދަމާއަކީ އަންނާނެކަމުގެ ޔަޤީންކަން އޮތް ދުވަހެއްނޫނެވެ. ނުވަތަ ތިބާއަށް މާދަމާ ފެނިދާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނުއޮންނާނެއެވެ. މިއަދުގެ ޙަޤީޤަތް އެއީ އަޞްލަށް ނުވެހިނގައިދާނެއެވެ. އެހެންވީމަ، މިއަދުގެ ކަންކަމާ ތިބާ އަވަދިނެތި އުޅެންވީ ކީއްކުރަން ހެއްޔެވެ؟ ކުރިޔަށް އޮތްދުވަސްތަކުގައި އަތުވެދާނެ މުޞީބާތަކާމެދު ވިސްނަންވީ ކީއްކުރަން ހެއްޔެވެ؟ ނުވަތަ އޮތް ރަނގަޅަކާމެދު މިއަދު ކުރަންވީ ކޮނ އުފަލެއް ހެއްޔެވެ ؟ މާދަމާއަކީ ތިބާއަށް ނުފެނިދާނެ ދުވަހަކަށްވެސް ވެދާނެއެވެ.

ވިސްނަންވީ ނުކުތާއަކީ، މާދަމަޔަކީ، ނުފެންނަ އަދި އިޙްސާސްނުވާ، އަޑެއްނީވޭ، ވަހެއްނުދުވާ ދުވަހެއްކަމެވެ. އެއިންކަމެއް ތަޖްރިބާކުރެވޭނީ މާދަމާ ފެނިގެންނެވެ. އެއީ ދެރަށެއްގުޅުވައިލަދޭ ބްރިޖެކެވެ. އެބްރިޖަށް އެރޭނީ މާދަމާއެވެ. މިއަދަކު އެ ބްރިޖެއްނުއޮންނާނެއެވެ. ނުވަތަ، މާދަމާވާއިރު ބްރިޖް ވެއްޓިވެސް ދާނެއެވެ. ނުވަތަ އެއްކޮޅުން އަނެއްކޮޅަށް ސަލާމަތުން،  މާދަމާ ދެވިވެސް ދާނެއެވެ. ކީރިތި ޤުރުއާނުގެ އައްނަޙްލު ސޫރަތުގެ ފުރަތަމަ އާޔަތުގައި ﷲ ވަޙީކުރައްވައި އަންގަވައިފައި ވެއެވެ.

أَتَىٰ أَمْرُ ٱللَّهِ فَلاَ تَسْتَعْجِلُوهُ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ

"ﷲ ގެ އަމުރުފުޅު އަތުވެއްޖެއެވެ. ފަހެ، ތިޔަބައިމީހުން، އެކަން އަވަސްވުމަށް ނޭދޭށެވެ! އެއުރެން ޝަރީކުކޮށް އުޅުނު ތަކެތިން، އެކަލާނގެ ހުސްޠާހިރުވެ، މަތިވެރިވެވޮޑިގެން ވެއެވެ."

ދުނިޔޭގައި ގިނަދުވަހު ދިރިއުޅުމަކީ، އަޅުގަނޑުމެންގެ މިޒަމާނުގެ އާދަކާދައާއި މީސްތަކުންގެ ދިރިއުޅުމުގެ ވަށްޓަފާޅިއާއި ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލްތަކަށްބަލާއިރު، އެންމެ ރަނގަޅުގޮތް ކަމުގައި ނުވެ ހިނގައިދާނެއެވެ. އެހެންނަމަވެސް މިދުނިޔެއަކީ، އިންސާނާ ޤާއިމްވެ ދާއިމަށް ދެމިހުންނާނެ ގޮވައްޗަށް ދަތުރުކުރުމަށްޓަކައި، އިންސާނާއަށް މުހިންމު ތަނެކެވެ. މިއަދު ލިބޭ އުފަލާއި ހިތްހަމަޖެހުން، ހަމައެގޮތުގައި ނުވަތަ އެއަށްވުރެބޮޑަށް ލިބުމަށްޓަކައި މާދަމާއަށް، އިނސާނާއަށް އުއްމީދު ކުރެވޭނެއެވެ. މިއަދު ލިބުނުވަރަށްވުރެ ގިނަލާރި ހޯދުމަށްޓަކައި، އިންސާނާ އޭނާގެ މާދަމާ ހޯދަން މަސައްކަތް ކުރާނެއެވެ. އެހެންނަމަވެސް، އެއީ ﷲ ގެ މިންވަރުފުޅުގައި މާކުރީއްސުރެ ލިޔުއްވައިފައިވާ ކަމެކެވެ. އެއީ ތިބާގެ އަޖަލެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.