
އެސްޓީއޯ އިން ގެންނަން ޙަވާލުވި 96 އެމްބިލާންސް ގެނެސް ހެލްތު މިނިސްޓްރީ އާ ޙަވާލުކޮށްފިއެވެ.
މިއީ ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ ނިޒާމަށް ބޭނުންވާ 96 އެމްބިއުލާންސް ސަޕްލައި ކުރުމަށްޓަކައި ހެލްތު މިނިސްޓްރީން އެސްޓީއޯއާއި ހަވާލުކުރި ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓު ނިންމާ، 96 ރަށުގެ އެމްބިއުލާންސް ހެލްތު މިނިސްޓްރީ އާއި ޙަވާލުކުރީ އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ހަފްލާގައެވެ.
މި ރަސްމިއްޔާތުގައި 96 ވަނަ އެމްބިއުލާންސް ހެލްތު މިނިސްޓަރ އަހްމަދު ނަސީމަށް ހަވާލުކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސައިން އަމްރު މުހައްމަދު ރަޝާދެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހޯދައި ދިނުމަށްޓަކައި ހެލްތް މިނިސްޓްރީއިން އެސްޓީއޯ އާއި ހަވާލު ކޮށްފައިވަނީ 10 ޖޫން 2021 ގައެވެ.
ރާއްޖެ ސިއްހީ ނިޒާމް ހަރުދަނާކޮށް ކުރުމަށްޓަކައި މިއަދުގެ ސަރުކާރުންނާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރީހާ ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށް ދިނުމުގެ މަސައްކަތުގައި އެސްޓީއޯ ގެ ބޮޑު ހިއްސާއެއް އެކުލެވޭކަން ފާހަގަކޮށްލެވެއެވެ.