
ހުޅުމާލެ ފޭސް 1 ގައި އެސްޓީއޯގެ އައު ފާމަސީއެއް ހުޅުވައިފިއެވެ.
އެސްޓީއޯއިން ހުޅުމާލޭގައި އަލަށް ހުޅުވި ފާމަސީ "އެސްޓީއޯ ފާމަސީ ސެންޓްރަލް" ގެ ޚިދުމަތް 5 އޮގަސްޓް 2025 ވަނަ އަންގާރަ ދުވަހުން ފެށިގެން ވަނީ ރައްޔިތުންނަށް ފޯރުކޮށްދޭން ފަށާފައެވެ.
މި ފާމަސީއަކީ އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް 2024 ވަނަ އަހަރުގެ އާންމު ޖަލްސާގައި ހާމަކުރެއްވި ގޮތުގައި ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހިންގަމުން އައި ތަނުގައި ޤާއިމްކުރެވިފައިވާ ފާމަސީއެކެވެ. މި ފާމަސީ ހުންނަނީ ހުޅުމާލޭ ހުވަނދުމާ ހިނގުމުގައި، ހުޅުމާލެ ހޮސްޕިޓަލް ކައިރީގައެވެ.
މި ފާމަސީ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯގެ ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، މި ފާމަސީން ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒަރ ފަދަ ތަކެތި ވިއްކުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ.
މި ފާމަސީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށް ހުޅުވިފައި ހުންނާނެއެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބިގަތުމަށްޓަކައި ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ޚިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ޚިދުމަތްވެސް ލިބެން ހުންނާނެއެވެ.