ހެޔޮ ޢަމަލު - 25

ހިތާމައާއި ހިތްދަތިކަމަކީ، ފުރާނައިގެ ދިރުން ގެއްލި، އިންސާނާގެ ހަކަތަ ދޫވެ ނިކަމެތިވެގެންދާ ކަންކަމެވެ. ހިތާމައަކީ، އިންސާނާގެ ދިރިއުޅުގެ ދިރުން ގެއްލި، ދުނިޔެއަކީ ބުރަޔަކަށް ހަދާ އެއްޗެކެވެ. ހިތާމަ އާއި ހިތްދަތިކަމުން، ހިތަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯވެއެވެ. އޭގެ ބަދަލުގައި، ހިތް އޭގެ މަންޒިލުން ނެއްޓި ކަސިޔާރުވެ، ހިނގުމަށް ބަދަލު ގެނުވައެވެ.

ކީރިތި ޤުރުއާނުގެ އާލްޢިމްރާން ސޫރަތުގެ 139 ވަނަ އާޔަތުގައި ﷲ ސުބްޙަނަހޫ ވަތަޢަލާ ވަޙީކުރައްވައި އަންގަވައިފާ ވެއެވެ.

وَلاَ تَهِنُوا وَلاَ تَحْزَنُوا وَأَنْتُمُ الأَعْلَوْنَ إِنْ كُنْتُمْ مُّؤْمِنِينَ

"ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން މުއުމިނުންކަމުގައި ވާނަމައެވެ."

ޝައިޠާނާ އެންމެ އުފައުކުރާ އެއްކަމަކީ، އިންސާނާ މޮޅިވެރިޙާލަތަކަށް ވައްޓައިލުމެވެ. އެހިނދު، އެމޮޅިވެރިކަމާއި ހިތާމައިގާ ކެތްނުކުރެވި، އިންސާނާއަށް މަގުއޮޅިގެން ދެއެވެ. ﷲ ގެ ރަސްކަންފުޅުމަތިން ހަނދުމަކުރުމަށް ކައްނެތް ވެއެވެ. ކީރިތި ޤުރުއާނުގެ އަލްމުޖާދިލަ ސޫރަތުގެ 10 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފާ ވެއެވެ.

إِنَّمَا ٱلنَّجْوَىٰ مِنَ ٱلشَّيْطَانِ لِيَحْزُنَ ٱلَّذِينَ آمَنُواْ وَلَيْسَ بِضَآرِّهِمْ شَيْئاً إِلاَّ بِإِذْنِ ٱللَّهِ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ

"އީމާންވި މީހުންނަށް ހިތާމަދިނުމަށްޓަކައި ސިއްރު ސައްލާކޮށް އުޅުމަކީ ޝައިޠާނާގެ ކިބައިން ވާކަމެއްކަން ކަށަވަރެވެ. އަދި، ﷲ ގެ އިޒުނަފުޅާލައިގެން މެނުވީ، އެ ޝައިޠާނާއަކަށް އެއްވެސްކަމަކުން އެއުރެންނަކަށް ގެއްލުމެއް ނުދެވޭނެތެވެ. ފަހެ، މުއުމިނުތަކުން ހަމައެކަނި ﷲ އަށް ވަކީލުކުރާހުށިކަމެވެ."

ހިތާމަކޮށް ދެރަވާންޖެހޭ ޙާލަތަކީ، ﷲ ގެ ރަސްކަންފުޅު ހަނދުމަކުރުމާއި، އެކަލާނގެއަށް އަޅުކަންކުރުމުގައި ފަރުވާ ކުޑަކުރެވޭ ޙާލަތްތައް ކަމަށް ހަދައިފިނަމަ، އެޙަލަތުން އަރައިގަތުމުގައި ﷲ ގެ ރަޙުމަތާއި ވާގިފުޅު ތިބާއަށް ލިބިގެންދާނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.