ވިސްނުންތެރި އަދި ސަލާމަތްބުއްދި ލިބިގެންވާ ކޮނމެ މީހަކަށްވެސް، ގެއްލުމެއް ފައިދާއަށް ބަދަލުކުރެވިދާނެއެވެ. އެހެންނަމަވެސް، ވިސްނުމެއްނެތް އަދި ފަންނެއްނެތް މީހަކަށް ގެއްލުމަކުން ފައިދާއެއް ނުނެރެވޭނެއެވެ. ގެއްލުމުން އިތުރަށް ނުކުންނާނީ ގެއްލުމެކެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް، މާއްކާއިން ނުކުމެވަޑައިގަތުމަށް މަޖުބޫރުވެވަޑައިގަތެވެ. އެހެންނަމަވެސް، އެކަލޭގެފާނުގެ ރިސާލަތު މަދީނާއަށް ވަޑައިގެން ކުރިޔަށް ގެންދެވުމަށް ނިންމެވިއެވެ. މިއަދު މަދީނާއަކީ، އޭރުއްސުރެ ފެށިގެން އުއްމީދުން ފުރިގެންވާ ކުރިއެރުންތައް ހޯދަމުންގެންދާ ސަހަރެކެވެ.
އިމާމް އަޙްމަދު އިބްނު ޙަންބަލް އަށް އިންތިހާއަށް އަނިޔާ ކުރެވުނެވެ. އެހެންނަމަވެސް އެކަލޭގެފާނު، ކެތްތެރިވެވަޑައިގެން، ހިތްވަރުކުރައްވައި އެއަނިޔާތަކުން ސަލާމަތްވެވަޑައިގަތެވެ. އަދި އުއްމަތުގެ އިމާމެއްކަމުގައި ވެވަޑައިގަތެވެ. އަދި މިނޫންވެސް، އިސްލާމީ އުއްމަތް ފެށިގެންއައިދުވަސްވަރު، އެތައް ބޭކަލަކަށް އަނިޔާލިބި، ހައްޔަރުވެ، އެކަންކަމުން ސަލާމަތްވެވަޑައިގެން، އިސްލާމްދީނުގެ ފަޚުރުވެރި ތާރީޚުން ޖާގަ ހޯއްދަވައިފާ ވެއެވެ. އެހެންކަމުން، އަނިޔާއެއް ނުވަތަ ނިކަމެތިކަމެއް ލިބޭހިނދު އޭގެ އަނެއްކޮޅަށް ވިސްނުން ގެންގުޅުމުން ކާމިޔާބު ޙާޞިލްވާނެއެވެ. ހުސް ލުނބޯ ފެލައިފާ ތިބާއަށް ތަށްޓެއް ދިއްކޮށްލެވެހިނދު، އެއަށް އިތުރަށް ފެންފޮދަކާއި ހަކުރުކޮޅެއްއަޅައި ޖޫސްތަށްޓެއް ތައްޔާރު ކުރާށެވެ. އަދި ހަދިޔާއަކަށް ވިހަ ހަރުފައެއް ލިބިއްޖެނަމަ، އޭގެ އަގުހުރި ހަން ނަގާފައި އެހެންބައިތައް ދޫކޮށްލާށެވެ. ކީރިތި ޤުރުއާނުގެ އަލްބަޤަރާ ސޫރަތުގެ 216 ވަނައާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފާ ވެއެވެ.
كُتِبَ عَلَيْكُمُ ٱلْقِتَالُ وَهُوَ كُرْهٌ لَّكُمْ وَعَسَىٰ أَن تَكْرَهُواْ شَيْئاً وَهُوَ خَيْرٌ لَّكُمْ وَعَسَىٰ أَن تُحِبُّواْ شَيْئاً وَهُوَ شَرٌّ لَّكُمْ وَٱللَّهُ يَعْلَمُ وَأَنْتُمْ لاَ تَعْلَمُونَ
"ހަނގުރާމަކުރުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ. އެއީ، (އެކަމަކީ) ތިޔަބައިމީހުންނަށް ނުރުހެވޭ ކަމެއްކަމުގައި ވަނިކޮށެވެ. އަދި ތިޔަބައިމީހުން ނުރުހޭކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެއެވެ. އަދި، ތިޔަބައިމީހުން ރުހޭކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހައިކަމެއްމެ ދެނެވޮޑިގެން ވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ."
ހިތްދަތިކަމެއް ކުރިމަތިވާހިނދު، ﷲ ގެމަތިން ހަނދުމަކުރާށެވެ. އަދި އެކަލާނގެ ރަޙުމަތަށް އެދި ދުޢާކުރާށެވެ.