އުނދަގުލާއި މުޞީބާތަށް ކެތްތެރިވާމީހާ އެކަމަށް ކެތްތެރިވުންމަތީ ދެމިހުރުމަކީ މަދުން ނޫނީ ނުވާނެ ކަމެކެވެ. އެހެނަސް، އެނޫން އެހެންގޮތެއް އެކަމަށް އޮތްކަމަށް ފެންނަނަމަ އެއީ ކޮންގޮތެއް ހެއްޔެވެ ؟ ކެތްތެރިވުން ނޫން އެހެން ގޮތެއް، އަޞްލުގައި އެކަމެއްގައި ނުއޮންނާނެއެވެ. ކެތްތެރިނުވެ ދެން ކުރަން އޮންނަ ކަމަކަށް އޮންނާނީ އަތުންފައިން ހެދޭ ގޯހެކެވެ. ކާމިޔާބީއެއް ޙާޞިލް ކުރުމަށްޓަކައި، އެތައް ބުރައެއް، އެތައް ތަކްލީފެއް އަދި ހިތްދަތި އުނދަގޫ އެތައް ދުވަސްތަކެއް ހޭދަކުރަން ޖެހެއެވެ. އެހެންނަމަވެސް، މުޞީބާތަކުން ސަލާމަތްވެ ހަމަނޭވާލެވޭހިނދު، އަނެއް މުޞީބާތް ކުރިމަތިވާކަމުގެ އިޙްސާސް ލިބެއެވެ. އެއީ ދުނިޔެ ހިނގާގޮތެވެ. އެއްވަތު މަތިން، އަނެއްވަތު މަތިން، ގެތިގެންދާ ގޮތަށެވެ. އަޑިގަނޑަކަށްފަހު، އުސްގަނޑެއް އަންނަ ގޮތަށެވެ. އެހިނދު، ތިބާއަށް އޮންނާނީ، ކެތްތެރިވެ ﷲ އަށް ވަކީލުކުރުމެވެ.
އެހެންކަމުން، ކެތްތެރިކަމަކީ، ތިބާގެ ނަފްސު ﷲ އާ ވަކީލުކުރުމެވެ. އެހެނީ، އެކަލާނގެ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައި ކަންވަނީ އަންގަވައިފައެވެ. ކެތްތެރިވުމަކީ، ﷲ އަށް ވަކީލުކުރުމާއެކު، ކުރިޔަށްއޮތް ރަނގަޅަކަށް ކުރެވޭ އުއްމީދުން ތިބާގެ ދިރިއުޅުމަށް އުއްމީދު ކުރުމެވެ. ކާމިޔާބު ކޮންމެ މީހެއްގެ ތާރީޚު ކިޔައިލާއިރު، އެމީހަކު އެހޯދި ކާމިޔާބީ ޙާޞިލް ކުރެވިފައިވަނީ، ކިހާކެތްތެރި ދުވަސްތަކެއް ހޭދަކޮށްގެންކަން ސާފުވާނެއެވެ. އުނދަގުލެއްނެތި ޙާޞިލްވާ ކާމިޔާބީއެއްގެ ފޮނިކަމެއް ނޯންނާނެއެވެ.
ކީރިތި ޤުރުއާނުގެ އައްރޫމު ސޫރަތުގެ އެންމެ ފަހު އާޔަތްކަމުގައިވާ، 60 ވަނަ އާޔަތުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައި ވެއެވެ.
فَٱصْبِرْ إِنَّ وَعْدَ ٱللَّهِ حَقٌّ وَلاَ يَسْتَخِفَّنَّكَ ٱلَّذِينَ لاَ يُوقِنُونَ
"ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން، ﷲ ގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. އަދި އީމާންނުވާމީހުން (ދައްކާ ވާހަކަތަކުން) ކަލޭގެފާނުގެ ކެތްތެރިކަން ކަނޑައިލިޔަ ނުދެއްވާށެވެ!"
ކެތްތެރިކަމުން ﷲ ގެ ޙަޟުރަތުން ވާގިލިބިގެންފިމީހާ އަށް އާޚިރުގައި އޮތީ ކާމިޔާބީއާއި ދެދުނިޔޭގެ ބާއްޖަވެރިކަމެވެ.