ދުޝްމަން ލޯބިވެރިޔާ - 24

(24 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ވީމާ އޭނާ  ކަލެއަށް ސިޓީ ފޮނުވީ އަޞްލުގައި ޑާގަރާއި އޭނާގެ ގޭންގްގެ ކަންތައް ނިންމާލުމަށްޓަކާ ކަލޭ މިތަނަށް އަންނަން އުޅޭކަން، އަހަރެންނަށް ވަނީ، އެސިޓީ ލިޔުމުގެ ކުރިން އެނގިފައި، އެހެންވީމާ ސީމާލައްވާ އެ ސިޓީ ލިޔުއްވައިގެން މި ރޭވުން ރޭވި މީހަކީ އަހަރެން. އަދި ކަލޭ މިތަނަށް އަތުވެއްޖެނަމަ ހަމަގައިމުވެސް ސީމާއާ ބައްދަލުވާނެކަން އަހަންނަށް އެނގޭ..."

"ކަލެއަށް އިނގުނީ ކިހިނެތް؟"

"އަހަންނަށް އެނގުނީ ސީމާ ބުނީމަ... ސީމާ ކަލޭދެކެ ލޯބިވެޔޭ ބުނީމަ. ސީމާގެ މަންމައާއި ބައްޕަ އަހަރެންނަކީ ވަރަށް ބޮޑު ފައިސާވެރިއެކޭ ހީކޮށްގެން، އޭނާ އަހަރެންނާ ދެވީ... ނަމަވެސް އޭނާ ދުވަހަކުވެސް ކަލޭ ހަނދާން ނައްތައެއްނުލާ. އޭނާ ކަލޭ ދެކެ އަބަދުވެސް ލޯބިވާ ވާހަކަ އަހަރެންގާތު އޭނާ ކިތަންމެ ފަހަރަކު ބުނޭ. އެހެންވީމާ އެކަމުގެ އެޑްވާންޓޭޖް އަހަރެންނެގީ. މިރޭ ކަލޭ ޑާގަރްގެ ގެއިން ނިކުތުމަށްފަހު އަހަރެން މިއައީ ޑާގަރާ ވާހަކަ ދައްކާފައި، އޭނާގެ ވަރަށް ބޮޑު ފައިދާވާ ވިޔަފާރިއެއްގައި އަހަރެން ޕާރޓްނަރަކަށް ހަދަން މިހާރު އޭނާ އެއްބަސްވެއްޖެ. ނަމަވެސް އެއީ ޝަރުތަކާއެކު އެޝަރުތަކީ ކަލޭ މަރާލުން..."

"ކަލޭގެ ދަރިފުޅު ޑާގަރްގެ ކިބައިން ސަލާމަތްކޮށްގެން ގެނެސްދިނީ އަހަރެން ކަންވެސް ކަލޭގެ ހިތަށް ނޭރިދޯ؟"

"ބިޒްނަސްއަކީ ބިޒްނަސް.. ކުދިންނަކީ ކޮން އެއްޗެއް. ކުދިން ދުނިޔެއަށް އަންނާނެ. އަދި މަރުވެގެން ދާނެ..."

އިންދަރްޖީތު ރުޅިއައިސްގެން ގޮސް ކޮންޓްރޯލުން ނައްޓާ ގޮތްވެގެން އަގަރްވާލްގެ އަނގަމަތީގައި ވަރަށް ބާރަށް ބޮނޑިއެއް އަޅައިފިއެވެ.

އަނެއްކާވެސް އަގްރަވާލް ބުންޏެވެ. "ކަލާ ތެދުވާހަކަ އަހަންޏާ އަހާނ! އަހަރެން އަދި މާ މުސްކުޅި މީހެއްވެސް ނޫނެއްނު! އެއްކުއްޖަކު މަރުވެއްޖެއްޔާ އަނެއް ކުއްޖަކު ހޯދިދާނެ އެއްނު! އެކަމަކު އަހަރެންގެ ޚިޔާލަކީ އެއް ނޫން!  އެކަމަކު އަހަރެން ވިސްނިގޮތަކީ ޑާގާރް އޭނާގެ ޕާރޓްނަރަކަށް އަހަރެން ހެދުމަށްފަހު ދެން އޭނާ އަހަރެންގެ ދަރިފުޅެއް ނުހިފަހައްޓާނެއޭ އަދި އޭނާއަށް އަނިޔާ އެއްވެސް ނުކުރާނެޔޭ ކަލޭވެސް ނިކަން ރަނގަޅަށް ވސްނާލާފައި ބުނެބަލަ!"

އިންދަރްޖީތު ހިމޭންވެއްޖެއެވެ. އޭނާގެ ނާރުތައް ވަނީ ވާންވެފައެވެ. މިތާނގައި ތެދުވެރި އެކަކުވެސްނެތެވެ. ކޮންމެ މީހަކީވެސް ޙީލަތްތެރި ރޭވުން ތެރިއެކެވެ. އިންދަރްޖީތު ކުއްލިއަކަށް އެނބުރިލާފައި ޑޮރޮތީ ވެސް އޭނާގެ ބާރުގެ ދަށަށް ގެނައެވެ. އަދި ވަރަށް ބާރަށް އޭނާ ގައިގައި ހިފަހައްޓައިގެން ހުރެ ބުންޏެވެ.

"އަހަރެންނަށް ކަލޭގެ އެކިގުނަވަން ވަކިވަކިން ބިންދާލެވިދާނެ.."

"ކީއްވެ؟ " ޖެހިލުންކުޑަ އަޑަކުން ޑޮރޮތީ ބުންޏެވެ.

"އަހަރެން މަރާލަން ކަލޭ އަހަރެންގެ ފަހަ މީހަކު ފޮނުވީމެއްނު!"

"މަރާލާކަށް ނޫން. ހަމައެކަނި ޒަޚަމްކޮށްލުމަށް" ޑޮރޮތީ ބުންޏެވެ. " ނަމަވެސް އޭނާއަކަށް ކަލާއަކަށް ކަމެއް ނުކުރެވުނު. ކަލާ  އޭނާއަށްވުރެ ބާރު ގަދަކަމަށްވީ"

"އަހަރެން ޒަޚަމްކޮށްގެން ކަލެއަށް ލިބެނީ ކޮން އެއްޗެއް؟"

"ކަލާ އަޅުގަނޑު މަރާލެއްވި ނަމަވެސް އަޅުގަނޑު މިކަމުގެ ޙަޤީޤަތެއް ކަލާއަކަށް ކިޔައެއް ނުދޭނަން.ޑޮރޮތީ ބުންޏެވެ.  އިންދަރްޖީތު، އެނދުމަތީގައި އޮތް އޭނާގެ ފަޓްލޫނުގެ ބެލްޓް ނެގިއެވެ. އަދި ޑޮރޮތީއާ ދިމާއަށް ބަލާލާފައި ބުންޏެވެ. "އަންހެނުން މަރުވެދާނެތީ ގަންނަ ބިރަށްވުރެ ވެސް  ބޮޑަށް ބިރުގަންނަނީ އެމީހުންގެ ރީތިކަން ގެއްލިދާނެތީ. އަހަރެން ބެލްޓުން ކަލޭގެ މޫނުމަތިން ހަން ދުއްވާލާނަން. ވީމާ ރަނގަޅަށް ތެދުބުނޭ. ޑާގަރްގެ ފެކްޓަރީއާ ބެހޭގޮތުން ކަލެއަށް އެނގެނީ ކޮންކޮން ކަންތަކެއް؟" ޑޮރޮތީ ދުޝްމަނެއް ބަލާހެން އިންދަރްޖީތާ ދިމާއަށް ބަލަމުން ބުންޏެވެ.

"އޯ.ޕީ. ޒަޚަމްވެގެން ހުރެ އަހަރެންނާ ބައްދަލުވީ ފަހަރު ޑާގަރްގެ ވިޔަފާރިއެއް އޮންނަކަމަށާ އޭނާގެ ފެކްޓަރީއެއް ހުންނަ ވާހަކަވެސް ބުނެފައިވޭ. އޭނާ ބުނިގޮތުގައި ޑާގަރްގެ ފެކްޓަރީއަށް އަފިހުނާއި ގަންޖާއާއި ކޯކެއިންއާއި ހަޝިޝް ގަންނަކަމަށް އޭނާ ބުނި. އަދި އެއެއްޗެތި ބޭނުންކޮށްގެން ފާޑުފާޑުގެ މަސްތުވާ އެއްޗެތި އެ ފެކްޓަރީގައި އުފައްދައިގެން ޔޫރަޕަށާ އެމެރިކާއަށް ފޮނުވަނިއްޔޯ... އެ ފެކްޓަރީގައި ބައެއް ސައިންޓިސްޓުން ވެސް މަސައްކަތް ކުރާކަމަށް އޭނާބުނި. އަދި އޯޕީ ބުނިގޮތުގައި އެތަނުން ސައިންޓިސްޓަކާ އޭނާ ވަރަށް ބޮޑަށް ރައްޓެހިވެ ގުޅުން އުފައްދާފައިވޭ. ނަމަވެސް އޭނާއަށް ފެކްޓަރީއާ ހަމައަށް ނުދެވިގެން އުޅެނިކޮށް އޭނާ މަގުން އެއްކިބާ ކޮށްލާ.. އޭނާ މަރުވީކަމެއް ނުވަތަ ދުނިޔޭގައި އަދިވެސް އެބަހުރިކަމެއް އަޅުގަނޑަކަށް  ރަނގަޅަކަށް ނޭނގޭ. ނަމަވެސް އޭނާ ދުނިޔޭގައި ހުރިއްޔާ އަޅުގަނޑާ  ބައްދަލުވާން  އަންނާނެކަން  އަޅުގަނޑަށް  ޔަޤީން."

"ކަލެއަށް އެކަން ޔަޤީން ވަނީ ކިހިނެއް؟"

"ކަލާވެސް އެއްދުވަހަކުން އަޅުގަނޑު ކައިރިއަށް އެނބުރި ދުރުވާނެކަން ޔަޤީންވާހެން"

"ކަލެއަކީ ރީތި  އަންހެން ކުއްޖަކަށް ވާތީ ދޯ؟"

"އަޅުގަނޑަކީ ރީތި އަންހެން ކުއްޖެއް. އަދި އިންޓަރެސްޓިންގް ކުއްޖެއްވެސް މެ. ރީތިކަމާއި އިންޓަރެސްޓް ވާނޭގޮތާއި ދެ ކަންތައް އަންހެނެއްގައި ހުރެއްޖެނަމަ އެމީހެއްގެ ކިބައިން ސަލާމަތްވުމަކީ ފަސޭހަކަމަށް ނުވާނެ!"

އިންދަރްޖީތު ޑޮރޮތީއާ ދިމާއަށް ބަލާލިއެވެ. އެއަށްފަހު އެތާ ކައިރީގައި ހުރި އަލަމާރިއެއް ހުޅުވާލާފައި އެއިން ރުމާތަކެއް ނަގައިފިއެވެ. އަދި އެ ރުމާތަކުން ޑޮރޮތީގެ އަތާއި ފައި ބަނދެފައި އޭނާވެސް އެތާނގައި ހުރި އަނެއް ގޮނޑީގައި ބައިންދައިފިއެވެ. އަދި އޭނާގެ އަނގައަށް ފޮތިގަނޑެއް ލައްވާ ބާރުކޮށްލިއެވެ. ޑޮރޮތީ އެވަގުތު އެދައްކާ ވާހަކަތަކާއި އޭނާއަށް ތާރީފުކުރުމުގެ ގޮތުން އެ ދައްކާ ވާހަކަތަކަކީ ތެދެއް ނޫންކަން އިންދަރްޖީތަށް ރަނގަޅަށް އެނގެއެވެ. އަދި އޭނާ ވިސްނާ ގޮތުގައި ޑޮރޮތީ މަސައްކަތް ކުރަމުން މިގެންދަނީ އަގަރްވާލްއާ ގުޅިގެންނެވެ.

ޑޮރޮތީ ގޮނޑީގައި ބޭންދުމަށްފަހު، އިންދަރްޖީތު ހެދުންލައިފިއެވެ. އަދި ފިސްތޯލަވެސް ޖީބަށް ލައިފިއެވެ. ދެން އެނދުމަތީގައި އިށީނދެފައި ސިނގިރޭޓެއް ރޯކޮށްލިއެވެ. އޭނާގެ ކުރިމަތީގައި ޑޮރޮތީއާއި އަގަރްވާލް އާއި ދެ މީހުން ބަނދެފައި ދެ ގޮނޑީގައި ތިއްބެވެ. ދެ މީހުންގެ އަނގައަށްވެސް ވަނީ ފޮތިގަންނަވާ ވާހަކަ ނުދެއްކޭގޮތް ހަދާފައެވެ. އެހެންކަމުން ދެ މީހުންގެ ނަޒަރުން އެމީހުންގެ ޙާލަތު ބަލަމުން ގެންދަނީއެވެ. ޑޮރޮތީގެ ލޮލުން ކަރުނަތައް އޮހެމުންދެއެވެ.  ނަމަވެސް މިހާރު އިންދަރްޖީތު އެއްވެސް ވާހަކައަކަށް އިތުބާރެއް ނުކުރެއެވެ.

އަގަރްވާލް ކޮންމެވެސް އެއްޗެއް ބުނެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. ނަމަވެސް އޭނާއަށް އެއްވެސް އެއްޗެއް ބުނެވޭނެ ގޮތެއް ނުވުމުން ކަރު އަނބުރަ އަނބުރާފައި ބޯ ހޫރަން ފަށައިފިއެވެ. އޭނާ އުޅެމުންދާގޮތުން އޭނާ އެއުޅެނީ ކޮންމެވެސް މުހިއްމު ވާހަކައެއް ބުނަން ވެގެންނޭ ހީވާގޮތްވެއެވެ. އެހެންކަމުން އިންދަރްޖީތު ކުރިއަށް ޖެހިލައިފައި އޭނާގެ އަނގައަށް ގަންނަވާފައިވާ ހުރި އިންދަރްޖީތުގެ އިސްޓާކީނު އަނގައިން ނެރެފިއެވެ. "ކީކޭތަ ބުނަން ބޭނުންވަނީ!"

" މިނެޓެއްދީ... މިނެޓެއް... އަގަރްވާލް ބުންޏެވެ. ހީވަނީ ކުއްލިއަކަށް ވާހަކަ ދައްކަން އޭނާއަށް އުނދަގޫވީހެންނެވެ. އިރުކޮޅެއް ކޮށްލާފައި ބުންޏެވެ. "އިންދަރްޖީތު ކަލޭ އަހަރެން ދޫކޮށްލައިފިނަމަ ކަލެއަށް ޑާގަރް އާއި އޭނާގެ މުޅި ގްރޫޕް އެކުގައި ހައްޔަރު ކުރެވިދާނެފަދަ ވާހަކައެއް އަހަރެން ކަލޭގާތުގައި ބުނެފާނަން.."

"ބުނޭ .. ފުރަތަމަ އެއް ވާހަކަ ބުނޭ.. އެ ވާހަކައަކީ ތިޔަފަދަ ވާހަކައަކަށް ވެއްޖެނަމަ ކަލޭ ދޫކޮށްލެވިދާނެ ކަން ނޭނގެ؟"

"ޑާގަރްގެ ޑްރަގް ފެކްޓަރީ ހުންނަތަން އަހަންނަށް ރަނގަޅަށް އެނގޭޜޭ. އެތާނގެ އެޑްރެސް ކަލެއަށް ކިޔާދީފާނަން."

"ޑްރަގް ފެކްޓަރީއޭ؟" އިންދަރްޖީތު ޙައިރާންވެލާފައި ސުވާލުކުރިއެވެ.

"އާނ.. ޑާގަރްގެ ވަރަށް ބޮޑު ޑްރަގް ފެކްޓަރީއެއްހުރޭ... އެތަން ހަދާފައި ހުންނަނީ ބިމުގެ އަޑީގައި އެ ފެކްޓަރީގައި މެރުއާނާއާއި އެ ނޫންވެސް އަމަލުވާކަހަލަ އެއްޗެތި  ހަދަމުންގެންދޭ.."

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.