ދުޝްމަން ލޯބިވެރިޔާ - 12

(12 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަޅުގަނޑު ކަލާގެ ގާތުގައި...  ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުންވި. ނަމަވެސް ހުރިހާކަމެއް ވެސް ފުރިހަމަނުވެ ނިމުނީ.. އިންދަރް ކަލާ ހަމަ ރަނގަޅަށް ހަނދާން ހުންނާނެ. އަޅުގަނޑުމެން ބައްދަލުވެ އުޅުނު ދުވަސްވަރު، ބައެއް ފަހަރު އަޅުގަނޑުމެން ބައްދަލުވެ އުޅެނީ ވަރަށް އުނދަގުލުން ނޫންތޯ؟... އަޅުގަނޑު އަޅުގަނޑުގެ ރައްޓެހި ކުއްޖަކު އަތުގައި ކަލާއަށް ސިޓީ ފޮނުވާ ހަދަން .. ކަލާ އެ ސިޓީގެ ޖަވާބު ދެއްވާ..  ކޮންމެވެސް އެހެންތަނެއްގައި އަޅުގަނޑުމެން ބައްދަލުވާ ފަހަރު ފަހަރަށް ބިރުން ގޮސް .. އެކަމަކު މިއަދު  އަޅުގަނޑުގެ ދިރިއުޅުމުގައި އެންމެ ފުރަތަމަ ފަހަރަށް ކަލާ އަޅުގަނޑާ މިހާ ކައިރިން އަޅުގަނޑަށް މި އިޙްސާސް ކުރެވެނީ .. ފަހަރެއްގައި  މިއީ އެންމެ ފަހު ފަހަރު ކަމަށްވެސް ވެދާނެ. އެހެންކަމުން މިރޭ އަޅުގަނޑު ކައިރިއަށް ނިންޖެއް ނާދޭ.. ކަލާ އަޅުގަނޑާ ތިޔަހާ ކައިރީގައި ހުންނަވަނިކޮށް އަޅުގަނޑަކަށް ނުނިދޭނެ. އެހެންވެގެން އަޅުގަނޑު ބައްތި ދިއްލާލީ...  ކުޑައިރުކޮޅެއް ކޮށްލާފައި އަޅުގަނޑު އެބައްތި ނިއްވާވެސް ލީން. ނަމަވެސް ކަލާ އަޅުގަނޑާމެދު ފަރުވާ ބެހެއްޓެވިލެއް މަތިވެރިކަމުން އެބައްތި ދިއްލުނު ވަގުތު ކަލާ މިތަނަށް ތިޔަ ދުރުވީ... ކުޑައިރުކޮޅަކު ވެސް މަޑުކޮށްނުލައްވާ އަޅުގަނޑު ސަލާމަތްކޮށް ދެއްވަން ތިޔަ ދުރުވީ..."  ސީމާ ގިސްލަގިސްލާފައި ރޯން ފަށައިފިއެވެ. އިންދަރްޖީތު ހިނިތުންވޭވެ އިނެވެ. އަދި ގޮނޑިން ތެދުވެ ގޮސް ބައްތީގެ ސްވިޗް އޯފް ކޮށްލިއެވެ.  ކޮޓަރިތެރެއަށް އަނދިރިކަން ފެތުރިގެން ދިޔައެވެ. އެ އަނދިރިކަމުގެ ތެރެއިން އިންދަރްޖީތް ސީމާއަށް ބަލައިލިއެވެ. އަނދިރީގެ ތެރެއިން އޭނާ ފެންނަނީ ހިޔަންޏެއް ހެންނެވެ. އިންދަރްޖީތު މަޑުމަޑުން އޭނާގެ ދެ އަތުގެ ތެރެއަށް ސީމާގެ މޫނު ގެނައެވެ. އަދި ޚިޔާލާއި ހުވަފެނުގެ ދުނިޔެއަކަށް ގެއްލިގެން ދިޔައެވެ.

ގަޑިން ދޭއްޖަހަފިއެވެ. ގާތްގަނޑަކަށް ތިންގަޑި ބައިހާއިރު، ފެން ތަށްޓެއް ބުއިމަށްޓަކައި އިންދަރްޖީތު އެނދުން ތެދުވިއެވެ. ފެން ބުއިމަށްފަހު އޭނާ ކުޑަދޮރު ކައިރިއަށް ގޮސް ބޭރު ބަލާލިއެވެ. އޭރު ވާރޭ ހުއްޓައިލައިފިއެވެ. ގަސް ތަކުން ފެންތިކި ތަޅަތަޅާ ހުއްޓެވެ. ހަނދު ވަނީ ވަރަށް ތިރިއަށް އޮއްސިފައެވެ. ނަމަވެސް ވާރޭގެ ސަބަބުން ދޮވެވިފައިވާ ފަރުބަދަތަކަށް ހަނދުގެ ހަނދުވަރު އެޅުމުން އެ ފަރުބަދަތަކުގެ ވިދުން އިހަށްވުރެ ވެސް ގަދައެވެ. އެވަގުތު އިންދަރްޖީތުގެ ނަޒަރުގޮސް ހުއްޓުނީ ކުރިމަތީގައިވާ ޓޫރިސްޓް ބަންގްލޯއަށެވެ. އޭނާއަށް ބަލާލެވުނީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. އެތަންވަޅު އޭނާއަށް ފެނުނީ އޭނާގެ ކޮޓަރީގެ (7 ނަންބަރު ކޮޓަރީގެ) ކުޑަދޮރުން މީހަކު ބޭރަށް ނުކުންނަ ތަނެވެ. އެތަނުން ނުކުތްމީހާ ފޭބީ ހަމަ އެދިމާ ތިރިން ގްރައުންޑް ފްލޯރގައި ހުރި ކޮޓަރީގެ ކުޑަދޮރަށެވެ.

އިންދަރްޖީތު އެތަން ބަލަންހުރި އިރު އޭނާގެ ލޮލަށް ފެންނަމުން މިދާ މަންޒަރު އޭނާއަށް ޔަޤީން ކުރަންވެސް ދަތިވީއެވެ. ނަމަވެސް އެއީ ހަމަ ހަޤީޤަތެވެ. އޭނާގެ ކޮޓަރިން ފޭބި މީހަކު އެވަނީ އެވަނީ އޭނާގެ ކޮޓަރިއަ ދިމާ ތިރީގައިހުރި ކޮޓަރިއަށެވެ. މިހާރު ސީމާގެ ކޮޓެޖުން ނުކުމެގެން ޓޫރިސްޓް ބަންގްލޯއަށް އޭނާ ދިޔަ ނަމަވެސް  އެމީހަކު އަތުނުވާނެކަން އިންދަރްޖީތަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އޭނާ އަނެއްކާވެސް އެނދުގައި އޮށޯވެ ނިދީއެވެ.

ހެނދުނު ހަތެއް ޖެހިތަނާ އިންދަރްޖީތަށް ހޭލެވިއްޖެއެވެ. ގަޑި ބަލާލާފައި އޭނާ އެނދުން ތެދުވެއްޖެއެވެ. ސީމާ ވެސް ލޯ ހުޅުވާލައިފިއެވެ. އިންދަރްޖީތު ހެދުން ލައިފިއެވެ. އޭރުވެސް އެ ހެދުން އަދި ރަނގަޅަކަށް ނުހިކެވެ. ހެދުމުގެ މަތިން ނައިޓްގައުން ލައިގެން އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. ރެއަކީ އިންދަރްޖީތުގެ ޙަޔާތުގައި އައި ވަރަށް މުހިއްމު ރެއެކެވެ. އެރޭ އޭނާއަށް ވަރަށް މުހިއްމު ކަމެއް އެނގިއްޖެއެވެ. ރޭ އޭނާ ޓޫރިސްޓް ބަންގްލޯގެ ކޮޓަރީގައި  އޮތްނަމަ އޭނާއަށް އެކަމެއް ނޭނގުނީސްކަން ނޭނގެއެވެ. ރޭގައި އޭނާ ފެންބޯންވެގެން ތެދުވެފައި ބޭރު ބަލާލި ވަގުތު އޭނާއަށް އަޖައިބުވާ ފަދަ ކަމެއް ފެނުނެވެ. އެއީ އޭނާގެ ކޮޓަރިން ފޭބި މީހަކު ހަމަ އެދިމާ ތިރީގައި ހުރި ކޮޓަރިއަށް ވަދެ ނިވާވިތަނެވެ. އޭނާ ހުންނަ ކޮޓަރީގައި އޭނާގެ ދުޝްމަނުންނާ ގުޅޭ ބަޔަކު ތިބެދާނެއޭ އޭނާއަށް ހުވަފެނެއްގައި ވެސް ޚިޔާލުކުރެވިފައެއް ނެތެވެ. އެއީ ކޮން ބައެއްބާއެވެ. އަދި އެބަޔަކާ އިންދަރްޖީތާ ހުރި ގުޅުމަކީ ކޮބައިބާވައެވެ. މިއިން އެއްވެސް ސުވާލަކަށް އޭނާއަކަށް ޖަވާބެއް ނުހޯދެއެވެ. ނަމަވެސް އޭނާގެ ކޮޓަރިއާ ދިމާ ތިރީކޮޓަރީގައި އުޅޭބަޔަކާމެދު ހުޝިޔާރުވެގެން ހުރުމަށް އޭނާ މިހާރުވަނީ ނިންމާފައެވެ.

"ސާހިބާ.. ސައި ތައްޔާރުވެއްޖެ" ބޭރުން ކޮންމެވެސް މީހަކު ދޮރުގައި ޓަކިދެމުން ބުންޏެވެ.

" ދޮރު ތިޔަހެރީ ހުޅުވާފައި އެތެރެއަށް އާދޭ..." އިންދަރްޖީތު އެނދުގައި އޮވެގެން ޖަވާބު ދިނެވެ.

ވެއިޓަރ ސައިތަބައް ހިފައިގެން ކޮޓަރިއަށް ވަދެއްޖެއެވެ. " އައްސަލާމް ޢަލައިކުމް ޞާޙަބް" ކޮޓަރީގެ ހުރި މޭޒުމަތީ ތަބައް ބަހައްޓަމުން ވެއިޓަރ ބުންޏެވެ. "ވަޢަލައިކުމުއް ސަލާމް" އިންދަރްޖީތު ހީނލާފައި ބުންޏެވެ. " ހާދަ އަވަހަކަށް ތިޔަ ގެނައީ ކަލޭ!"

 ޞާޙަބު ކަލާ ބުނުއްވާފައިވަނީ 8 ޖަހާއިރަށް ސައިގެންނަން .. މިހާރު ހަމައަށެއް އެ ޖަހަނީ" ވެއިޓަރުގެ ސިފައާއި ވައްތަރުން އެއީ ހަމަ ސީދާ ކަޝްމީރީއެއް ކަން އެނގެއެވެ. އޭނާގެ ބޮލުގައި ވެސް ވަނީ ކަޝްމީރުގެ މީހުން އަޅާކަހަލަ ތާކިހަލެއް އަޅާފައެވެ.

" މިއަދު ހާދަ ފިނިދޯ.... ކަލޭގެ ނަމަކީ ކޮބައިތަ؟" އިންދަރްޖީތު ހަމަ ޤަސްދުގައި އޭނާއާ ވާހަކަ ދައްކަން ބޭނުންވަނީ ކަންނޭނގެއެވެ. " ޣުލާމް ރަސޫލް"  އޭނާ ބުނެލިއެވެ. އަދި ކުޑައިރުކޮޅަކު މަޑުކޮށްލާފައި ބުންޏެވެ. ކުށެއް ކަމަށްވާނަމަ މާފުކުރައްވާތި....... ޞާޙަބުގެ ނަން އަޅުގަނޑަށް އެނގިދާނެތޯ؟"

އިންދަރްޖީތު ސައިތަށި އަތަށް ނަގަމުން ބުންޏެވެ. "އަހަރެންގެ ނަމަކީ ޣާޒީ ޢަބްދުލް ޣައްފާރު.. މިރްޒާ ޣާޒީ ޢަބްދުލްޣައްފާރު"

 “الحمد ﷲ، “الحمد ﷲ، “الحمد ﷲ، ... ކަލާއަކީ މުސްލިމެކޭ އަޅުގަނޑަށް އެންމެ ފުރަތަމައިން ވެސް ހީވި، ސައިތަށި މާބޮޑަށް ހިހުލެއްނުވޭ ދޮގެއްތޯ؟  .... ހިހޫނަމަ  އެހެން ސައިތައްޓެއް ގެންނަންތޯ؟ ޞާޙަބް" ވެއިޓަރ ހަމަރަނގަޅަށް ވެސް އިންދަރްޖީތުގެ އަތުގެ އެތެރެއަށް އަތުވެއްޖެކަހަލައެވެ.

" ސައި ހަމަ ރަނގަޅަށް ހޫނު... އެކަމަކު .. އެކަމަކު އަހަރެން ކަލޭ ކުރެން ވާހަކައެއް އަހާލަން ބޭނުންވޭ ޣުލާމް ރަސޫލް!" އިންދަރްޖީތު ސައިގެ ކޯވަރެއް ބޯލާފައި ބުންޏެވެ.

"ޣުލާމް މިހިރީ ތައްޔާރަށް ޞާޙިބާ އަވަހަށް އަންގަވާ..." އޭނާ ވަރަށް ކިޔަމަންތެރި ގޮތެއްގައި ހަށަން ބަނދެލައިގެން ހުރެ ބުންޏެވެ.

" އެއީ އެހާ ބޮޑު ވާހަކައެއް ނޫން...." އިންދަރްޖީތު ބުނަން ފެއްޓިއެވެ. " އަހަރެން އޮޅުން ފިލުވާލަން ބޭނުންވަނީ، އަހަރެން މިހުންނަ ކޮޓަރިއާ ދިމާއަށް ތިރީގައި ހުރި ކޮޓަރީގައި ހުންނަނީ ކާކުތޯ؟.. ޣުލާމް ރަސޫލް."

ޣުލާމް ރަސޫލު ކުޑައިރުކޮޅަކު ވިސްނާލުމަށްފަހު ބުންޏެވެ. " އެކޮޓަރީގައި ހުރީ ހުސްކޮށް...ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުވެސް އެ ކޮޓަރި ހުރީ ހުހަށް. އެ ކޮޓަރީގެ ބާތުރޫމް މަރާމާތު ކުރަމުން ދަނީ... އަދި އިލެކްޓްރިކްގެ މަސައްކަތެއް ވެސް ކުރަމުންދޭ. އަދި އެހެންމެ ފިލައިން ހަދާ ޕާޓިޝަނެއް ވެސް އެ ކޮޓަރީގަ ހަދަމުންދޭ. އެހެން ވެގެން އެ ކޮޓަރީގައި އެއްވެސް މީހަކު ނުހުރޭ. ދުވާލު މަސައްކަތް ކުރަނީ. ރޭގަނޑަށް އެ ކޮޓަރި ހުންނަނީ ބަންދުކޮށްފައި." ވެއިޓަރ އެއްފަހަރުން ހުރިހާ ވާހަކައެއް ބުނެދިނެވެ. އިންދަރުޖީތު ސައިތަށި މޭޒުމަތީ ބަހައްޓާފަ އެނދުން ތެދުވަމުން ވާހަކައިގެ މިޞްރާބު ބަދަލުކޮށްލުމަށް ޓަކައި ބުންޏެވެ. "މިއަދު ހާދަ ފިނިގަދަ ދުވަހެއޭ!"

"ލައްބަ. ރޭގައި މިތާ ކައިރީގެ ވަރަށް ގިނަ ހިސާބުތަކަށް ވަރަށް ބޯކޮށް ސްނޯވް ފައިބާފައިވޭ. ޝަންދުވާލީއަށް ދާން އޮންނަ މަގު ވެސް އޮތީ ބެދިފަ..... އެކަމަކު އެ ތިރީ ކޮޓަރީގައި ހުންނަނީ ކާކުހޭ ކަލާ އެއްސެވީ އެއީ ކީއްވެތޯ؟" ޣުލާމު ރަސޫލު ކުއްލިއަކަށް މި ކުރި ސުވާލަށް އިންދަރުޖީތު ހުރީ އެއްގޮތަކަށް ވެސް ތައްޔާރުވެގެނެއް ނޫނެވެ. އެހެން ކަމުން އޭނާއަށް ބުނާނެއެއްޗެއް ނޭނގިފައި އިރުކޮޅަކު ހުރެވުނެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.