ދުޝްމަން ލޯބިވެރިޔާ - 9

(9 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަދި ބަންގްލޯގައި ތިބި މީހުން ބިރުން ހަޅޭއްލަވާ ހަދާނެއެވެ. ފުލުހުން އަންނާނެއެވެ. އޭނާއަށް ބަޔާންދޭން ޖެހޭނެއެވެ. އަދި ފަހަރުގައި އޭނާ ޕޮލިސް ސްޓޭޝަނަށް ވެސް ދާން ޖެހިދާނެއެވެ. މިހެން ކަންތައްތައް ދިމާވެގެން، އަސްލު މައްސަލަ އޭނާގެ އަތްދަށުން ސަލާމަތްވެގެން ދިޔުމަކީވެސް އެކަށީގެންވާކަމެކެވެ." އޭނާ ހިތަށް އަރަމުން ދިޔައެވެ. " އޭރުން އެއްވެސް ކަމެއް އޭނާއަށް ސިއްރުން ކުރެވޭކަށް ނޯންނާނެއެވެ. ޑިޕާރޓްމަންޓުން އޭނާއާއި ޙަވާލުކުރި ކަންތައްތައްވެސް އަދި ސީމާގެ ކަންތައްތައްވެސް އޭނާއަކަށް ކޮށްދެވޭކަށް ނޯންނާނެއެވެ. ނަމަވެސް ބަންގްލޯގެ މީހުންނަށް  އެންގުން ނޫނީ ދެން އޮތީ ކޮން ގޮތެއްބާއެވެ". އޭނާ ހިތަށް އެރިއެވެ. އޭނާއަށް އެމަރުވެފައި މީހާގެ ހަށިގަނޑު ރައްކަލެއްވެސް ނުކުރެވޭނެއެވެ."

އިންދަރްޖީތު އޭނާ އަމިއްލައަށް އޭނާ ދެކެ ރުޅިއަންނަ ގޮތްވެއްޖެއެވެ. އެފޮށީގެ ސަބަބުން މިކަހަލަ ބިރުވެރި ނަތީޖާއެއް ނިކުމެދާނޭކަން  އޭނާއަށް އެނގި އެނގި ހުރެ އެހެން މީހެއްގެ އަތަށް އެފޮށި ދިން ކަމަށްޓަކައެވެ. ފޮށި ހިފައިގެން އައީ މާލީ ސަލާމަތްވީކަން ވެސް ރަނގަޅެވެ. އެހެން ނޫނީ އޭނާވެސް ނިޔަތް ގޯސްވެގެން އެފޮށި ހުޅުވަން  މަސައްކަތް ކުރުމަކީ އެކަށީގެންނުވާނޭކަމެއް ނޫނެވެ. އަދި އެގޮތަށް މަސައްކަތްކުރި ނަމަ އޭނާވެސް މަރުވީސްކަން ޔަޤީނެވެ. ވަރަށް ގިނައިރު ކޮރިޑޯރ ތެރޭގައި ހިނގަން ހުރުމަށްފަހު ކުއްލިއަކަށް އިންދަރްޖީތުގެ ވިސްނުމަށް އައު ޚިޔާލެއް އަތުވެއްޖެއެވެ. ފަހަރެއްގައި މަރުވެފައިވާ މީހާގެ އަތުން  ބޭނުމެއް ހިފިދާނެ ކޮންމެވެސް އެއްޗެއް ފެނުމަކީ އެކަށީގެންވާކަމެކޭ  އޭނާ ޚިޔާލަށް އަރައިފިއެވެ. ފަހަރެއްގައި ކާރޑެއް ނުވަތަ  ކަރުދާސްކޮޅެއް އެއްޗެއްވެސް އޭނާގެ ޖީބުގައި އޮވެދާނެކަންނޭނގެއޭ އޭނާ ހިތަށް އެރިއެވެ. އޭނާ ރަނގަޅަށް ބަލާލާ ހެދުމަކީ  ކުރަންޖެހޭނޭ ކަމެއް ކަމުގައި  އިންދަރްޖީތު ނިންމައިފިއެވެ.

އެގޮތަށް ޚިޔާލުކޮށްފައި އޭނާ އަނެއްކާވެސް ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެއްޖެއެވެ. އަދި ބޮކިތައް ދިއްލާލުމާއެކު އޭނާ ސިއްސައިގެން ދިޔައެވެ. ހައިރާންވެ ކަންބޮޑުވާގޮތްވިއެވެ. މަރުވެފައި އޮތް މީހާ މިހާރު އެތާކު ނެތެވެ. ދޫލަ މައްޗަށް އެޅިފައިވާ ހުރި ލޭތައް އަދިވެސް އެހުރި ގޮތަށް ހުއްޓެވެ. ކުރިމަތީގައި ހުރި ކުޑަދޮރު ހުރީ ހުޅުވާލާފައެވެ. އިންދަރްޖީތު އަވަސް އަވަހަށް ގޮސް އެކުޑަ ދޮރުން ބޯ ނެރެފައި ތިރިއަށް ބަލާލިއެވެ. އެތާނގައި އެއްވެސް މީހަކުނެތެވެ. ވަރަށް ދުރުންވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

އިންސްޕެކްޓަރް އިންދަރްޖީތު ވިސްނަން ފަށައިފިއެވެ." މަރުވެފައިވާ މީހަކީ އިންދަރްޖީތު މަރާލުމަށްޓަކައި އޭނާއަށް ވުރެ ކުރިން އައިސް އެ ކޮޓަރީގައި ހުރި މީހެކެވެ. އަދި އެމީހާ އިންދަރްޖީތުގެ ސޫޓްކޭސް އޭނާ އައުމުގެ ކުރިން  ހުޅުވަން މަސައްކަތް ކުރީއެވެ. ނަމަވެސް އެމަރުވި މީހާގެ ހަށިގަނޑު އެކޮޓަރިން ގެންދިޔަ މީހަކާމެދު އެއްވެސް ޚިޔާލެއް ކުރާކަށް އަދި ނޭނގެއެވެ. މަރުވެފައިވާ މީހާއަށް އަމިއްލައަކަށް ނުދެވޭނެކަން ޔަޤީނެވެ. އެމީހާގެ ހަށިގަނޑު ގެންގޮސްފައިވަނީ އެހެން މީހެކެވެ. ނުވަތަ އެހެން ބަޔެކެވެ. އެގެންދިޔައީ ކިހިނެއްބާވައެވެ.....؟

އިންދަރްޖީތު ޚިޔާލުތައް ހުސްވެގެން މާޔޫސްވެފައިވާ ގޮތެއްގައި އެކުޑަދޮރުން ބަލާލިއެވެ. އަދި ކުރިމަތީގައިވާ ކޮޓެޖާ ދިމާއަށް އޭނާ ނަޒަރު ހުއްޓާލިއެވެ. މިހާރުވެސް ސީމާ ހޭލާއެބައުޅެވެ. އޭނާ ހުރީ ބަދިގެ ތެރޭގައެވެ. އިންދަރްޖީތު ހުރި ދިމާއަށް ފުރަގަސް ދެވޭ ގޮތަކަށެވެ. ސީމާ އެގޭގައި އުޅޭ މަސައްކަތް ކުރާ ކުއްޖާއަށް ކޮންމެވެސް ކަމެއް ކުރަން ބުނެދެނީއެވެ. ކުޑައިރުކޮޅެއް ފަހުން ބަދިގޭގެ ބޮކި ނިއްވާލައިފިއެވެ. އަދި ހަމަ ހިނދުކޮޅެއްގެތެރޭގައި ސީމާ ނިދާކޮޓަރީގެ ބޮކި ދިއްލިއްޖެއެވެ. އެއާއެކު އެކޮޓަރިތެރޭން  ބޭރަށް ހުރި ކުޑަދޮރުގެ ކައިރިއަށް ސީމާ އައިސް އިންދަރްޖީތުގެ ކޮޓަރިއާ ދިމާއަށް ބަލަން ފަށައިފިއެވެ. އިންދަރްޖީތު އަވަސް އަވަހަށް  ކުޑަދޮރުކައިރިން ދުރަށް ހިނގައްޖެއެވެ. އަދި އޭނާގެ ފޮށިކައިރިއަށް ގޮސް ބަލާ ފޮށި ހުޅުވާލާފައި  އެތެރޭގައި ހުރި އެއްޗެއްސަށް ބަލާލިއެވެ. ހުރިހާ އެއްޗެއް ވެސް ހަމައަށް ހުއްޓެވެ. އޭގައި ހުރީ އޭނާގެ މަސައްކަތަށް ބޭނުންވާނޭ ދެތިން އެއްޗަކާއި  ތިންހަތަރު ހެދުމެވެ.  ފޮށި ބަލާލާފައި ލައްޕާލަމުން ތެދުވަނިކޮށް ވިދަވިދާއޮތް ވަށް އެއްޗެއް އޭނާއަށް ފެނިއްޖެއެވެ. އަވަސް އަވަހަށް އެއެއްޗެއް ނެގިއިރު އެއީ ކަޕްލިންކްއެކެވެ. ވިދަވިދާއޮތީ އޭގައި ޖަހާފައިވާ  ޑައިމަންޑެއްކަން ނޭނގެއެވެ. އިންދަރްޖީތު އޭތި އޭނާ ޖީބަށް ލައިފިއެވެ.

އެވަގުތު ކޮޓަރީގެ ދޮރުގައި ކޮންމެވެސް މީހަކު ޓަކިދީފިއެވެ." ޑައިނިންގ ރޫމްގައި ކަލާއަށް ކޭންބައްލަވަން ތައްޔާރުކޮށްފައި އެބަހުރި" ބޭރުން އެމީހަކު ބުނިއަޑު އިވުނެވެ.

" އަހަރެން މިހާރު މިއަންނަނީ- ކަލޭ ދެން ދޭ!..." އިންދަރްޖީތު އެތެރެއިން ގޮވާލިއެވެ. އެއަށްފަހު ކޮޓަރީގެ ކުޑަދޮރުވެސް ލައްޕާލާފައި، ސޫޓްކޭސް ރަނގަޅަށް ބަންދުކޮށްފައި ، އޭނާގެ އެނދު ތަންދޮށަށް އެފޮށި ޖައްސާލިއެވެ. އަދި އޭނާގެ ޖީބުތަކުގައިވާ ދެ ފިސްތޯލަ އޮތީ ރަނގަޅަށްތޯ ބަލާލުމަށްފަހު، ފަޓްލޫނުގެ އެތެރޭގެ ޖީބުތަކުގައިވާ ވަޅިވެސް އޮތްތޯ ބަލާފައި، ދޫލަމައްޗަށް އެޅިފައިވާ ލޭތަކަށް ނާރާ މަޑުމަޑުން ދޮރު ކައިރިއަށް އަތުވެއްޖެއެވެ. ކޮޓަރީގެ ބޮކިތައް ނިއްވާލާފައި ކޮޓަރިން ނުކުމެ ދޮރު ބޭރުން ތަޅުލާފައި، ޑައިނިންގް ރޫމާ ދިމާއަށް ހިނގައިގެންފިއެވެ. އޭރު ގަޑިން ރޭގަނޑުގެ ދިހައެއް ޖަހަނީއެވެ. ޑައިނިންގް ރޫމްގައި  އޭރުވެސް ބައެއް މީހުން ތިއްބެވެ. ޑައިނިންގް ރޫމްގައި ގާތްގަނޑަކަށް އަށެއްކަ މޭޒު ބަހައްޓާފައި ހުއްޓެވެ. ކޮންމެ މޭޒެއް ކައިރީގައި  ހަތަރު ގޮނޑި ނުވަތަ ހަގޮނޑި ކަހަލަ ގޮތަކަށް އަތުރާލާފައި ވެއެވެ. ބައެއް މީހުން އެތަނަށް އައިސް ތިބީ އެމީހުންގެ  ފެމެލީއާއެކުގައެވެ. އިންދަރްޖީތު އިން މޭޒުގެ ދިމާ ކުރިމަތީގައި ހުރި މޭޒެއްގައި ތިބި ދެމަފިރިންނަކީ އައު  ކައިވެނީގެ ހަނީމޫންގައި އެތަނަށް އައިސް އުޅޭ ދެމީހުންހެން ހީވެއެވެ. ތަންކޮޅެއް  ދުރުގައި ހުރި މޭޒެއްގައި  އެކަނި އިން ފިރިހެނަކި ކުކުޅުފަޔަށް އިންސާފް ކުރަމުން ގެންދެއެވެ. ކޮޓަރީގެ އެއްފަރާތު ކަނެއްގައި ހުރި  މޭޒެއް ކައިރީގައި  އަންހެން ކުއްޖެއް އިނެވެ. އެކަނިމާ އެކަންޏެވެ. ހިމޭންކަމާއި އެކުގައެވެ. އޭނާއަކީ ބިދޭސީ އަންހެން ކުއްޖެކެވެ. އޭނާ ލައިގެން އިނީ ރީނދޫ ކުލައިގެ ސުވިޓަރަކާއި، ކަޅުފެހިކުލައިގެ މަޚްމާ ފޮތިހެން ހީވާ ކަހަލަ ކޯރޑްރޮއި ޖީންސެކެވެ. އޭނާ ލައިގެން އިން ހެދުން އޭނާގެ ރީތިކަން އިޝްތިހާރުކޮށްދެއެވެ. އޭނާގެ ބޮޑުބޮޑު ދެލޮލުގައި ވަނީ ޢަޖައިބުވާފަދަ ފުންވިދުވަރެކެވެ. އިންދަރްޖީތު އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިންކަން އެކުއްޖާއަށް އެނގުމާއެކު ކުއްލިއަކަށް އެކުއްޖާ އެނާއާ ދިމާއަށް ބަލާލާފައި ހިނިތުންވެލައިފިއެވެ.

އިންދަރްޖީތުވެސް ހިނިތުންވެލިއެވެ. އެއަންހެންކުއްޖާ ވަރަށް ފަރިގޮތަކަށް ކެއުމުގެ ކަންކަން ކުރިޔަށް ގެންދަނީއެވެ. ކޯލްޑް މަޓްންކޮޅެއްގެ މަތީގައި މަސްޓަރޑް ހާކާލުމަށްފަހު އުލުން ނަގާފައި ވަރަށް އަސަރުގަދަ ގޮތަކަށް އަނގައަށްލިއެވެ. އެއާއެކު އިންދަރްޖީތު ދިމާއަށް ބަލާލާފައި ހީނލިއެވެ. އަނެއްކާ ޕާން ފޮއްޗަކުން އެތިކޮޅެއް އުލުން ނަގާފައި، އޭނާގެ ތުންފަތުގައި ވެސް ނުޖެހޭގޮތަށް އަނގައިގެ ތެރެއަށްލިއެވެ. އިންދަރްޖީތު އެމަންޒަރު ބަލަން އިނެވެ. ކުޑައިރުކޮޅަކަށްޓަކައި ހުރިހާކަމެއް ހަނދާން ނައްތާލާފައެވެ އާނއެކެވެ. މީރު ކާނާއާއި އެއަންހެންކުއްޖާއާ ދެމެދު އޭނާވަނީ  އެހެން މީހަކު މުޅީން އަޅާނުލާ ދޫކޮށްލާފައިއެވެ. އެމީހާ އިނީ ކުޑަތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި އެކަނި މާއެކަނި ކޮފީ ތައްޓެއް ބޯށެވެ. އޭނާގެ ގައިގެ ކުލަ ކަޅެވެ އިސްކޮޅު ކުރެވެ. ތުންފަތް ވަރަށް ބޮޑެވެ. އޭނާ ލައިގެން އިނީ ވަރަށް އަގު ކޯޓަކާއި ފަޓްލޫނެކެވެ. އޭނާގެ ގަމީހުގެ އަތުކުރީގައިވަނީ ޑައިމަންޑް ޖަހާފައިވާ ކަފްލިންކްއެކެވެ. ނަމަވެސް ކަފްލިންކް ވަނީ އެއްއަތު ކުރީގައެވެ. އަނެއް އަތުގު ކުރި ވަނީ ހުސްކޮށެވެ. އެކަފްލިންކް ކޮންމެވެސްތަނަކަށް ވެއްޓިފައިވަނީ ކަންނޭނގެއެވެ. ގެއްލިފައިވީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެއީ ޑައިމަންޑް ޖެހި ކަފްލިންކްއެކެވެ.

އިންދަރްޖީތަށް މިއިން އެއްވެސް ކަމެއް ނޭނގެއެވެ. އޭނާ ކަމުން ގެންދަނީއެވެ. އަންހެން ކުއްޖަކު އޭނާއާ ދިމާއަށް ހިނިތުންވަމުން ދަނީއެވެ. އިންދަރްޖީތު ބަލަން އިރު އޭނާއަށް ފާހަގަ ކުރެވުނީ އެއަންހެންކުއްޖާ ކެއީ ވަރަށް މަދުން ކަމަށެވެ. އޭނާ އެއްގޮތަކަށްވެސް ޑެޒާރޓެއް ނުކައެވެ. އަދި ވަރަށް އަވަސް އަވަހަށް އެތަނުން ތެދުވެގެން ހިނގައްޖެއެވެ.އޭނާ ހިނގަމުން ދިޔައިރު އިންދަރްޖީތު އިޙްސާސްވަމުން ދިޔައީ، މަޑުމަޑުން އޮއިދެމޭ ކޯރެއްގެ މަޑުމައިތިރިކަމެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.