އެއްވެސްކަމަކާމެދު، ކަންބޮޑުވެ ހަދާނެގޮތް އޮޅިއްޖެނަމަ، ވުޟޫކޮށްލައިގެން އައިސް ނަމާދުކޮށްލާށެވެ. ތިބާގެ ނަފުސަށް ހަމަޖެހުން ލިބުމާއެކު ހިތަށް އަރާމުލިބިގެންދާނެއެވެ. ނަމާދަކީ، އިޙްސާންތެރިކަމާއި ޚުޠޫޢަތްތެރިކަމާއެކު ކޮށްފިނަމަ، މަގުއޮޅި، ވަކިކަމެއްގައި ހަދާނެގޮތް ނޭނގިހުރިމީހާއަށް ރަނގަޅުމަގު ދައްކައިދޭނެ ފަރުވާއެކެވެ.
ބިރުވެރި ޙާލަތްތަކުގައި ނުވަތަ ހަނގުރާމައިގެ ތެރޭގައި ނަމާދުކުރުމަކީ، ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެކަމެއްނޫނެވެ. އެހެންނަމަވެސް، ﷲ ގެ މަގުގައި ކުރާ ހަނގުރާމައެއްގައި ނަމާދު ޤާއިމްކުރެވޭނެފަދަ ޢަޤީދާއާއި އީމާންތެރިކަމެއް އެބަޔަކަށް ލިބިގެންވާނެއެވެ. އެއީ އަތްފައި ބުރިވެ ބިމަށްވެއްޓި، ބޯ ހަށިގަނޑާ ވަކިވެ، ބިމަށްވެއްޓިދާފަދަ ނުރައްކައުތެރި ޙާލަތެކެވެ. ޢަޞްޙާބު ބޭކަލުންވަނީ އެފަދަ ނުރައްކާތެރި ޙާލަތްތަކުގައި ނަމާދު ޤާއިމް ކުރައްވާފައެވެ.
މިއަދުގެ ޖީލަކީ، ނަފްސާނީ ބަލިތަކުން ތިމާމެން އަމިއްލަޔަށް ބަނދެވި، ހިތަށްއެރި ކޮންމެކަމެއްކުރުމަށް ހުއްދަލިބިގެން ދުނިޔޭގައި އުޅޭ ބަޔެކެވެ. ނަފުސާނީ ބަލިތަކަށް ދެވެން އޮތް އެންމެބޮޑު އަދި ޔަޤީން ފަރުވާއަކީ، ﷲ ގެ ރަސްކަންފުޅަށް ވަކީލުކުރުމާއެކު، އެކަލާނގެ ރަސްކަންފުޅަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމެވެ. އޭގެ ތެރޭގައި އެންމެ މުހިންމީ ނަމާދެވެ.
ކީރިތި ޤުރުއާނުގެ އާލްޢިމްރާން ސޫރަތުގެ 173 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފާ ވެއެވެ.
ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُواْ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَاناً وَقَالُواْ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ
"އެއީ، އެއުރެންނަށް މީސްތަކުން ބުނިމީހުންނެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން (ލަސްކަރު) އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން އެއުރެންދެކެ ބިރުގަންނާށެވެ. ފަހެ، އެބަސް އެއުރެންނަށް އީމާންކަން އިތުރުކުރިއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެންނަށް ﷲ ފުދެއެވެ. އަދި، ވަކީލުކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!"
ތިމާގެ އަމިއްލަ ނަފުސަށް ހެޔޮގޮތްވުމަށް އެދޭމީހާ، ﷲ ފިޔަވައި އެހެން ފަރާތަކުން މަދަދެއް ނޭދޭނެއެވެ.