މިންވަރަށް އީމާންނުވާ މީހުންނަކީ، އޭނާގެ ޙަޔާތުގެ ފޮނިމީރުކަމުގެ ރަހައިގެ އަޞްލު ލިބުމަށް ހުރަސްތަކެއްއެޅިފައިވާ މީހެކެވެ. އެފަދަ މީހުން އަބަދުވެސް އުޅެންޖެހޭނީ، ވަކިކަމެއް ޙާޞިލް ނުވެގެން ވަކިބޭނުމެއް ނުފުއްދިގެން ހިތަށްލިބޭ ހާސްކަމުގައި މާޔޫސްކަންމަތީގައެވެ. ކީރިތި ޤުރުއާނުގެ ޠާހާ ސޫރަތުގެ 124 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފާ ވެއެވެ.
وَمَنْ أَعْرَضَ عَن ذِكْرِى فَإِنَّ لَهُ مَعِيشَةً ضَنكاً وَنَحْشُرُهُ يَوْمَ ٱلْقِيامَةِ
"އަދި ތިމަންރަސްކަލާނގެ ޤުރުއާނަށް، ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތްދުވަހުން އެމީހަކު، ކަނުމީހެއްގެ ގޮތުގައި މަޙުޝަރަށް ފޮނުއްވާހުށީމެވެ."
ހިތް ޠާހިރުކުރުމާއި ﷲ އަށް އީމާންވުމާއި ޤަޟާ ޤަދަރަށް އީމާން ވެވޭނީ، އަދި ދުނިޔޭގެ އުފަލާއި އަރާމު ޙާޞިލް ކުރެވޭނީ ހަމައެކަނި، ﷲ އަށް ވަކީލުކޮށްގެންނެވެ. މީގެ އިތުރަށް އަލް ޢަންޢާމު ސޫރަތުގެ 110 ވަނައާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވައި އަންގަވައިފައި ވެއެވެ.
وَنُقَلِّبُ أَفْئِدَتَهُمْ وَأَبْصَارَهُمْ كَمَا لَمْ يُؤْمِنُواْ بِهِ أَوَّلَ مَرَّةٍ وَنَذَرُهُمْ فِى طُغْيَانِهِمْ يَعْمَهُونَ
"ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކާއި، ލޯތައް (ޙައްޤުގެ މަގުން) އެއްކިބާ ކުރައްވަމެވެ. އެއުރެން އެއާޔަތްތަކަށް، ފުރަތަމަ ފަހަރުވެސް، އީމާންނުވިފަދައިން (އީމާނެއް ނުވާނެތެވެ.) އަދި، ދެފުށުއެޅި ތިބޭޙާލެއްގައި، އެއުރެންގެ ފުރެދުމުގެ ތެރެޔަށް، ތިމަންރަސްކަލާނގެ އެއުރެން ދޫކޮށްލައްވާ ހުށީމެވެ."
ތިބާގެ އިޢުތިޤާދާއި އީމާންކަން (ވަރުގަދަކަމާއި ނިކަމެތިކަން، ސާބިތުކަމާއި ދެފުށަށްކެނޑުން) ހުރި މިންވަރެއްގައި، މެނުވީ ތިބާގެ އުފައުވެރިކަމާއި ސަލާމަތާއި ރައްކައުތެރިކަމެއް ނުވެއެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމާއި އަބާއްޖަވެރިކަން ބިނާވެގެންވަނީ، އީމާންކަމާއި ޢަޤީދާގެ މައްޗަށެވެ. ހެޔޮ ޢަމަލުންމެނުވީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުމެއްނެތެވެ. މިބަރަކާތްތެރި ރަމަޟާންމަހަކީ ހެޔޮކަމުގެ މައްސަރެވެ. ކުރެވޭ ކޮންމެ ހެޔޮ ޢަމަލެއް އެތައްގުނަޔަކަށް އިތުރުވެގެންދާނެ މައްސަރެކެވެ.