އެއްދުވަސްވަރެއްގައި އުޅުއްވި ރަސްކަލެކެވެ. އެރަސްގެފާނުގެ ޤައުމަކީ ރައްޔިތުންގެ އަތްމަތިތިޔާގެ، ޤައުމުގެ މުއްސަނދިކަން އިންތިހާއަށް ބޮޑު ޤައުމެކެވެ. އެއްދުވަހަކު، ރަސްގެފާނު ގާފިލާއެއް ތައްޔާރުކުރައްވައި ސަހަރުގެ ދުރުހިސާބަކަށް ދަތުރުފުޅެއް ފެއްޓެވިއެވެ. ރަސްގެފާނު ވަޑައިގަތީ ހިންގަވާފައި ފައިމަގުގައެވެ.
ދަތުރުފުޅުން އެނބުރިވަޑައިގަތުމަށްފަހު ރަސްގެފާނުގެ ފައިންޕުޅުގައި ވަރަށް ގަދަޔަށް ރިއްސަން ފަށައި އާލާސްކަންފުޅަކަށް އެކަން ވެއްޖެއެވެ. އެހެނީ، ރަސްގެފާނު ހިންގަވައިފައި ވަޑައިގަތީ ނުހަދާއޮތް، ވަރަށް ރާޅު، އަޑިގުދަން، ހިލަމަގެއްގައެވެ. އަދި އެހައި ދުރުދަތުރެއް މިހާތަނަށް ކުރައްވައިފައެއް ނުވެއެވެ. އެހެންކަމުން ރަސްގެފާނުގެ ފައިންޕުޅަށް ގެއްލުންވީއެވެ.
ރަސްގެފާނުގެ ފައިންޕުޅަށް ލިބުނު ގެއްލުމާގުޅިގެން، ރަށުގެ ބޮޑެތި ހުރިހައި މަގެއްގައި ގެރިހަން އަޅައި މަގުހެދުމަށް އަމުރުކުރެއްވިއެވެ. އަދި އޭގެފަހުން، ރަސްގެފާނު އެއްވެސް ދަތުރުފުޅެއްކުރައްވަން ބޭނުންކުރައްވާ އެއްވެސް މަގެއްގައި ގެރިހަން އެޅުމަށްފަހުގައިނޫނީ އެމަގެއްގެބޭނުން ނުކުރައްވާގޮތަށް އަމުރު މަޢުރޫފު ހިންގެވިއެވެ.
ރަސްގެފާނު މިކަން މިގޮތަށް ނިންމަވާފައިވަނިކޮށް، ކޮއިލުތެރޭއުޅޭ ޚާދިމަކާ ދިމާވެވަޑައިގަންނަވައެވެ. އެޚާދިމު ވަރަށްކަންބޮޑުވެފައި ބިރުންހުރެ، ރަސްގެފާނަށް ދެންނެވިއެވެ.
"މާތް ރަސްގެފާނެވެ! ސަހަރުގެބައިތުލްމާލުން ބޮޑުޚަރަދެއްކޮށްގެން ބޮޑެތިމަގުގައި ކީއްކުރަން އަޅުއްވާ ގެރިހަމެއްތޯއެވެ؟" ޚާދިމްމީހާގެ ސުއާލަށް ރަސްގެފާނު ޖަވާބު ދެއްވިއެވެ.
"އިހައްދުވަހު، އަހަރެން މިއައީ ވަރަށްދިގު ދަތުރެއްކޮށްފައެވެ. ދަތުރުކުރަންޖެހުނީ ވަރަށް އަޑިގުޑަން މަގެއްގައެވެ. އެހެންވީމާ، އަހަރެންގެ ދެފަޔަށް ވަރަށް ތަދުވިއެވެ. ދެތިންދުވަހު ނުތެދުވެވިފައިވެސް އޮތީމެވެ. މަގުތަކުގައި ގެރިހަން އެޅީމަ އަހަރެން ކިތަންމެވަރަކަށް ހިނގިޔަސް ތަދެއްނުވާނެ ނޫން ހެއްޔެވެ؟" ރަސްގެފާނުގެ ވާހަކަފުޅު ނިމިވަޑައިނުގެން އުޅުއްވަނިކޮށް އަނެއްކާވެސް ޚާދިމްމީހާ ދެންނެވިއެވެ.
"ރަސްގެފާނުގެ ފައިންޕުޅު ގެރިހަމުންނިވައި ކުރެއްވީމާ ކިތަންމެ ވަރަކަށް ހިންގެވިޔަސް ތަދުފުޅެއްނުވާނެނޫންތޯއެވެ؟ އެހައިބޮޑު ޚަރަދެއްނުކޮށް، މާލިއްޔަތުވެސް ސަލާމަތްކުރެވޭނެ ނޫންތޯއެވެ؟" ރަސްގެފާނު ވީއުފާފުޅުން އޭނާއަށް އެތައް ޢިނާމެއް ދެއްވިއެވެ.
މިވާހަކައިން ލިބޭ ފިލާވަޅަކީ، ކަންކަމުގައި ދުނިޔެ ބަދަލުކުރަން ނޫޅެ، ތިމާގެ ބާރުގެ ދަށުގައިވާ ވިސްނުން ބަދަލުކުރުމުގެ މުހިންމުކަމެވެ. މަގުތަކުގައި ގެރިހަން އެޅުމާއި ގެރިހަމުގެ ފައިވާނަކަށް އެރުމުގައި ކުރަންޖެހޭ ހޭދައިގެ ތަފާތެވެ.